އަބޫބަކުރު ސްކޫލްގެ އަހަރީ ކޭމްޕް ފަށައިފި

ގދ. ތިނަދޫގައި ހުންނަ އަބޫބަކުރު ސްކޫލުގެ އަހަރީ ކޭމްޕް ފަށައިފިއެވެ.

މި ކޭމްޕަކީ އެސްކޫލުގެ ޔުނީފޯމް ބޮޑީސްގައި ހިމެނޭ ސްމައިލީސް އާއި ކަބްސްކައުޓާއި ސްކައުޓް ކުދިންނަށް އަމާޒުކޮށްގެން އަހަރަކު އެއްފަހަރު ބާއްވާ ކޭމްޕެކެވެ. ސްޓަރ އާއި ލިޓްލްމެއިޑް އަދި ގާރލްގައިޑް ކުދިންނަށް ވަނީ މީގެ ހަފްތާއެއް ކުރިން މިފަދަ ކޭމްޕެއް ބާއްވާފައެވެ.
އަބޫބަކުރު ސްކޫލްގެ ޕްރިންސިޕަލް ޖަމްޝީދާ އަބްދުﷲ ވިދާޅުވީ މި ކޭމްޕުގެ ސަބަބުން ދަރިވަރުންގެ މެދުގައި އެކުވެރިކަން އަލާވުމުގެ އިތުރުން ޔުނީފޯރމް ބޮޑީސްގައި މަސައްކަތް ކުރުމަށް ޝަޢުޤު އުފެދިގެންދާ ކަމަށެވެ.

" މިފަދަ ކޭމްޕުގައި ބައިވެރިވާ ހިތުން ކުދިން އެޅެނީ. މީގެ ސަބަބުން އެކި ހަރަކާތްތަކުގައި ކުދިން ބައިވެރިވުމަށް އިތުރު ބާރަކަށްވޭ" ޖަމްޝީދާ ވިދާޅުވިއެވެ. " މި ކޭމްޕުގައި ގިނަ ހުނަރުތަކެއް ދަސްކޮށް އެބަދޭ. ތަފާތު ކުޅިވަރުތައް ކުޅުމުގެ ފުރުޞަތު އެބަލިބޭ. ކެއްކުންފަދަ ކަންތައްތަކުގައި ކުދިންނަށް އަމަލީ ގޮތުން ބައިވެރިކޮށްދެވޭ"
މި ކޭމްޕު ކުރިއަށް ގެންދަނީ މިއަދު މެންދުރުން ފެށިގެން މާދަމާ މެމްދުރު 2:00އާ ހަމައަށެވެ.

އަބޫބަކުރު ސްކޫލުން ބުނީ މި ކޭމްޕުގައި ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރޭގައި ނަމާދު ކުރުމާއި، ޤުރުޢާން ކިޔެވުން ހިމެނޭ ކަމަށެވެ. އަދި އޭގެ އިތުރުން ކެއްކުމާއި، އެކުދިންގެ ހުނަރު ދައްކާލާ ޝޯވއެއްވެސް ކުރިއަށް ދާނެ ކަމަށެވެ.

ސްމައިލީސްގައި އުޅޭ ކުދިންނަށް މި ކޭމްޕް ކުރިއަށް ދިޔައީ މިއަދު އިރުއޮއްސި 6:00 އާ ހަމައަށެވެ. ކަބްސްކައުޓް ކުދިންނަށް މި ކޭމްޕް ކުރިއަށް ދާނީ މިރޭ ބާއްވާ ޚާއްޞަ ކެއުމާއި ހުނަރު ދައްކާލުމުގެ ޝޯވއަށްފަހު، 10:00ގައެވެ. އެހެން ކުދިންނަށް މާދަމާ މެންދުރާ ހަމައަށް މި ކޭމްޕް ކުރިއަށް ގެންދާނެއެވެ.
އަބޫބަކުރު ސްކޫލަކީ އެލްކޭޖީން ފެށިގެން ގްރޭޑް ހައެކާ ހަމައަށް ކިޔަވައިދޭ ސްކޫލެކެވެ. މި ސްކޫލްގައި 440 އެންހާ ކުދިން ކިޔަވަމުން ގެންދެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *