ސްމާޓް ސްކޫލެއްގެ ގޮތުގައި އަންނަ އަހަރު ކުޑަފަރީ ސްކޫލުގައި ކިޔަވައިދޭން ފަށާނެ ކަމަށް އެ ސްކޫލުން ބުނެފިއެވެ.
އެ ސްކޫލްގެ ނާޒިރު، އަހުމަދު ހުސައިން ވިދާޅުވި ގޮތުގައި ސްމާޓް ސްކޫލްގެ ޕްރޮޖެކްޓް އެ ސްކޫލްގައި ފެށީ 2011 ވަނަ އަހަރުއެވެ. ތަފާތު ސަބަބުތަކާ އެ ޕްރޮޖެކްޓް ހުއްޓިފައި އޮތުމަށްފަހު، ބޭނުންވާ ހުރިހާ ސާމާނެއް މިހާރު ވަނީ ތައުލީމާބެހޭ ވުޒާރާއިން އެރަށަށް ފޮނުވާފައެވެ. އެ ސްކޫލަށް ފޮނުވި ތަކެތީގެ ތެރޭގައި 94 ކޮންޕިއުޓަރާއި އެކަމަށް ބޭނުންވާ އެހެނިހެން ސާމާނު ހިމެނެއެވެ.
އަހުމަދު ވިދާޅުވީ ސްމާޓް ސްކޫލް ޕްރޮޖެކްޓަކީ އެރަށު ރައްޔިތުންގެ ވަރަށް ބޮޑު އުއްމީދެއް ކަމަށާއި އެ އުއްމީދު ފުރިހަމަވަމުންދާތީ ރައްޔިތުން ތިބީ ވަރަށް އުފަލުން ކަމަށެވެ.
" ސާމާނުތައް ސްކޫލަށް ގެންދަން އަޅުގަނޑުމެން ގޮވާލީމާ ރަށުގެ ރައްޔިތުން ނުކުތީ ޖޯޝާއެކު. އެންމެންގެ މޫނުމަތިން ފެނިގެން ދިޔައީ ހިނިތުންވުން. އަބަދުވެސް ސްކޫލުން ކުރާ ކަންތައްތަކުގައި ރައްޔިތުންގެ އެއްބާރުލުން ދަނީ ލިބެމުން" ނާޒިރު އަހުމަދު ވިދާޅުވިއެވެ.

ފޮޓޯތަކުން ފެންނަ ގޮތުގައި އެ ރަށުގެ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު އެ މަސައްކަތުގައި ބައިވެރިވިއެވެ. ފިރިހެނުންނާއި އަންހެނުން އަދި ސްކޫލް ދަރިވަރުންވެސް ޝާމިލުވިއެވެ. ސާމާނުތައް އޮނޑިން ބާލަމުން ދިޔައީ އެކަކުއަތުން އަނެކެއްގެ އަތުންނެވެ. އެ ހުރިހާ ސާމާނެއް ސްކޫލަށް ގެންދިޔައީ ގާޑިއަލެއްގައެވެ.
އަހުމަދު ވިދާޅުވި ގޮތުގައި ސްމާޓް ސްކޫލްގެ ޕްރޮޖެކްޓްގެ މަސައްކަތް އަންނަ އަހަރު ސްކޫލް ހުޅުވާއިރަށް ނިންމާލުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.
ސްމާޓް ސްކޫލެއްގެ ގޮތުގައި ކުޑަފަރީ ސްކޫލްގައި ކިޔަވައިދޭއިރު، ކޮންމެ ކުލާސްރޫމެއްގައި މަދުވެގެން ހަ ކޮމްޕިއުޓަރާއި، ޓީވީ ހުންނާނެ އެވެ.
" ކުލާސްރޫމު ތެރޭގައި ތިބެގެން އެސައިންމަންޓްތައް ވެސް ހަދާލެވޭނެ. ބޭނުންވާ މައުލުމާތު އިންޓަރނެޓުން ހޯދާލެވޭނެ. އެ ފެންވަރަށް އަޅުގަނޑުމެން ކުލާސްރޫމްތައް މި ތައްޔާރު ކުރީ" އަހުމަދު ވިދާޅުވިއެވެ.
ކުލާސްރޫމުގެ އިތުރުން އޭވީ ރޫމާއި ކޮމްޕިއުޓަރ ލެބް ވެސް މި ޕްރޮޖެކްޓްގެ ދަށުން ތަރައްގީ ކުރާނެއެވެ. ކޮމްޕިއުޓަރު ލެބުގައި 21 ކޮމްޕިއުޓަރު ބަހައްޓާނެއެވެ.
ކުޑަފަރީ ސްކޫލްގައި 133 ކުދިން ކިޔަވަމުންދަނީ އެލްކޭޖީން ފެށިގެން ގްރޭޑް 12އާ ހަމައަށެވެ. ގްރޭޑް އެގާރައަށް މި އަހަރު އެ ސްކޫލްގައި ކިޔަވައިދެމުން ނުގެންދެއެވެ.
advertisment
ހިޔާލު