އޯލެވެލް ނިންމައި، އެކުގައި އުޅުއްވި ގިނަ ކުދިންނާއެކު، އޭރުގެ އައި .ޓީ. އީ ( އިންސްޓިޓިއުޓް ފޯރ ޓީޗަރ އެޑިޔުކޭޝަން) އަށް ވަންނަން ފޯމް ހުށަހެޅުއްވީ ސީރިއަސް ކަމެއްގެ ގޮތުގައި އެކަން ކުރައްވާކަށް ނޫނެވެ. އެސް. އީ. ސީ އިން އޭލެވެލް ފެށުނީމާ އައި.ޓީ.އީ ން ވަކިވާން ނިންމައިގެންނެވެ. ޑޮކްޓަރެއްގެ ގޮތުގައި ސިއްޙީ ދާއިރާއިން ކުރިއަށް ދިއުމަށް އޭރު ދެކެވަޑައިގެންނެވި ހުވަފެނުގައި ކުލަޖެއްސުމުގެ އަޒުމުގައެވެ.

ީ
އެކަމަކު ނެޝަނަލް އިންސްޓިޓިއުޓް ފޯރ އެޑިޔުކޭޝަން ( އެންއައިއީ)ގެ ޓީޗާރސް ޓްރެއިނިންގެ ޔުނިޓުގެ ހެޑްގެ ގޮތުގައި މަސައްކަތް ކުރައްވަމުން ގެންދަވާ ނިއުމާ މުޙައްމަދު (ނިއުމާ މިސް) ގެ އެ ވިސްނުން މުދައްރިސްކަމާ ދިމާލަށް މިސްރާބު ބަދަލުކޮށްލެއްވި އޭރުގެ އައި .ޓީ. އީ ގެ ޓީޗަރ އެޑިއުކޭޓަރުންގެ ކިޔަވައިދިނުމާއި އުނގަންނައި ދިނުމުގެ ގެ ވައްޓަފާޅިންނެވެ. ވަށައިޖެހޭ ގޮތެއްގައި ކުރިއަށް ގެންދިޔަ 1 އަހަރު ދުވަހުގެ މުދައްރިސުންގެ ތަމްރީންގެ އެތައް ޙަރަކާތްތަކާއި ޝަޢުޤުވެރިވި އެތައް ކަމަކުންނެވެ.
"ޓީޗަރަކަށް ވުމަކީ އެއް އިރެއްގައި ވެސް ސުކޫލުގައި ކިޔަވަމުން ދިޔައިރު ޚިޔާލަށް ވެސް ގެނައި ކަމެއް ނޫން. އެކަމަކު އައި .ޓީ. އީ އިން މުދައްރިސުން ތަމްރީނު ކުރުމުގައި އެ ގެންގުޅުއްވި އުކުޅުތަކާއި ޓީޗަރ އެޑިއުކޭޓަރުން އެކުވަރިކަމާއި ގާތްކަމާއި އެހީތެރިކަމުގެ ސަބަބުން މުދައްރިސެއްގެ ގޮތުގައި ކުރިއަށް ދިއުމަށް ޝަޢުޤުވެރިވީ" ނިއުމާ މިސް ވިދާޅުވިއެވެ.
މުދައްރިސެއްއްގެ ގޮތުގައި ޖަމާލުއްދީނަށް
ޕްރައިމަރީ ޓީޗިންގ ކޯސް 1989 ވަނަ އަހަރު ނިންމައި، ނިއުމާ މިސް 1990 ވަނަ އަހަރު ގުޅިވަޑައިގެންނެވީ ޖަމާލުއްދީން ސުކޫލާއެވެ. އެ ސުކޫލްގެ ޕްރައިމަރީ ގުރޭޑް ތަކަށް ކިޔަވައި ދެއްވުމުގައި ދިހަ އަހަރު ހޭދަކުރެއްވިއެވެ. އިތުރު ފަސް އަހަރު އެ ސުކޫލްގެ ސީނިއަރ މެނޭޖްމަންޓް ޓީމުގައި މަސައްކަތް ކުރެއްވީ ސްޕަވައިޒަރެއްގެ ގޮތުގައެވެ. ޖަމާލުއްދީން ސުކޫލްގައި ހޭދަކުރެއްވި 15 އަހަރުގެ ތެރޭގައި ސުކޫލު ލައިބްރަރީގައި ވެސް އިސް ދައުރެއް އަދާކުރެއްވިއެވެ. ބެލެނިވެރިންނަށް ހޭލުންތެރިކަމުގެ ޙަރަކާތްތަކާއި ދަރިވަރުންނަށް ޢަމާޒުކޮށްގެން ބޭއްވި ތަޢުލީމީ ޕްރޮގްރާމްތަކާއި ސްކޫލް ކޮންސެޓް ތައްޔާރު ކުރުމުގައި އަމަލީ ގޮތުން މުހިންމު ރޯލެއް އަދާ ކުރެއްވިއެވެ. ނިއުމާ މިސް އަކީ ސްކައުޓަށް ހިދުމަތް ކުރެއްވުމުގައި "ލޯންގ ސާރވިސް އެވޯޑް" ލިބި ލައްވައިފައި ހުރި "ވޫޑް ބެޖް" ސްކައުޓް ލީޑަރެއްވެސް މެއެވެ. މިހިދުމަތުގައި މިވަނީ ރާއްޖެއިންބޭރު ޖެންބޮރީ ތަކުގައި ވެސް ބައިވެރި ވުމުގެ ފުރުސަތު ލިބި ލައްވާފައެވެ.

"ޖަމާލުއްދީން ސުކޫލަކީ ވަރަށް އެކުވެރި، އެންމެން ގުޅިގެން މަސައްކަތް ކުރާ މާޙައުލެއް އޮންނަ ތަނެއް. ޓީޗަރުން ކުރިއަރުވަން ސީނިއަރ މެނޭޖްމަންޓުން ވަރަށް މަސައްކަތް ކޮށްދޭނެ. އެހެންވެ ކޮންމެ ކަމެއް ކުރިއަސް އެ ސުކޫލުން ކުރާނީ އެންމެ މޮޅަށް އެންމެ ރަނގަޅަށް. އެއީ އެ ސުކޫލުގައި ޒަމާނުއްސުރެ އޮތް ސަޤާފަތެއް" އެންމެ ފުރަތަމަ ވަޒީފާ އަދާކުރެއްވި ތަނާ ގުޅޭ ގޮތުން ނިއުމާ މިސް ވިދާޅުވިއެވެ.

ޖަމާލުއްދީނުގައި ކިޔަވައިދެއްވިއިރު، ލިބުނު ފުރުޞަތެއްގައި ޕްރައިމަރީ ޓީޗިންގ ދާއިރާއިން ރާއްޖެއިން ބޭރުން ކިޔެވުމަށް 1994 ވަނަ އަހަރު ސިންގަޕޫރަށް ވަޑައިގެންނެވިއެވެ. އެއް އަހަރު ދުވަހުގެ އެ ކޯސް ފުރިހަމަކުރެއްވުމަށްފަހު ވެސް ކިޔަވައި ދެއްވަމުން ގެންދެވީ ޖަމާލުއްދީން ސުކޫލްގައެވެ. އެންމެ ގިނަ ދުވަހު ކިޔަވާ ދެއްވީ ގުރޭޑް 5 އަށެވެ. އޭރު ޖަމާލުއްދީން ސުކޫލަކީ ޕްރައިމަރީ ސްކޫލަކަށް ވާތީ، އެންމެ މަތީ ގުރޭޑަކަށް ކިޔަވައި ދެނީ ގުރޭޑް 5 އަށެވެ.

ޖަމާލުއްދީން ސުކޫލުން ވަކިވެވަޑައިގެންނެވީ، ރާއްޖޭގައި ފުރަތަމަ ފަހަރަށް ފެށި ބެޗްލަރ އޮފް އެޑިޔުކޭޝަން ޕްރައިމަރީ ކޯސް ފުރިހަމަ ކުރެއްވުމަށް ވަގުތު ހުސްކުރެއްވުމުގެ ގޮތުންނެވެ.
އޭރު ދަރިވަރުންނަށް މިހާރު މުދައްރިސުންނަށް
ކޯސް ފުރިހަމަ ކުރެއްވުމަށްފަހު 2007 އަހަރުގައި ދެން ވަޒީފާ އަދާކުރައްވަމުން ގެންދެވީ މިނިސްޓްރީ އޮފް އެޑިޔުކޭޝަންގައި، އެޑިޔުކޭޝަނަލް ޑިވެލޮޕްމަންޓް އޮފިސަރެއްގެ ގޮތުގައެވެ. އެ މިނިސްޓްރީގައި މަސައްކަތް ކުރައްވަމުން، އަމިއްލަ ގޮތުން ހޯއްދެވި އެން. ޒެޑް. އެއިޑް ސްކޮލާރޝިޕް ފުރުޞަތެއްގައި ނިއުޒީލެންޑްގެ ޔުނިވަރސިޓީ އޮފް ކެންޓަރބަރީ އިން ޕޯސްޓް ގުރެޖުއޭޓް ޑިޕްލޮމާއިން އެޑިޔުކޭޝަން އާއި އެޑިޔުކޭޝަން ދާއިރާއިން މާސްޓަރސް ހެއްދެވިއެވެ. މަތީ ތަޢުލީމަށްފަހު އަނެއްކާވެސް 2013 ވަނަ އަހަރުން ފެށިގެން މަސައްކަތް ކުރައްވަމުން ގެންދެވީ އެޑިޔުކޭޝަން މިނިސްޓްރީގައެވެ.
2014 ވަނަ އަހަރު އާ މަންހަޖުގެ މަސައްކަތް ފެށުމާއެކު އެ މަސައްކަތުގެ ތެރޭގައި މުހިންމު ރޯލެއް ނިއުމާ މިސް އަދާކުރެއްވިއެވެ. އެއީ އެސެސްމެންޓްގެ ދާއިރާއަށް ޚާއްޞަވުމާ ވެސް އެކުގައެވެ. އެހެންވެ ޤައުމީ މަންހަޖު ތަންފީޒު ކުރުމުގައި އެސެސްމަންޓް ޕޮލިސީ ތައްޔާރު ކުރެއްވުމަށް އެކުލަވާލި ޓީމުގައި އިސްކޮށް މަސައްކަތް ކުރެއްވިއެވެ. އެސެސްމަންޓް ޕޮލިސީ ތައްޔާރުކޮށް ނިންމުމަށްފަހު ދެން 2015 އަހަރުގައި ޤައުމީ މަންހަޖު ތަންފީޒު ވުމާއެކު ފެއްޓެވީ ކީސްޓޭޖް 1 ގެ މުދައްރިސުން ތަމްރީނު ދެއްވުމުގެ މަސައްކަތެވެ. އެކަން ކުރެއްވުމުގެ ކުރިން އެސެސްމަންޓް ފޯރ ލާނިންގެ މައިގަނޑު ބައިތައް ހިމަނައިގެން އޮންލައިން ކޯހެއް ( އޭ. އެފް. އެލް ކޯސް) ފަރުމާކުރެއްވިއެވެ.

"ހުރިހާ ކީސްޓޭޖްއެއްގެ މުދައްރިސުން ލައްވައި ސެލްފް ލާރނިންގ ޓޫލެއްގެ ގޮތުގައި އެ ކޯސް ބޭނުންކުރީ. އޭރު ފޭސް – ޓު – ފޭސްކޮށް ބޭނުން ކުރާނެ އޮންލައިން ޓޫލްސް ތަކެއް އެހާ ވަރަކަށް ނެތް. ގިނަ ފަހަރަށް ފޯނުން ގުޅައިގެން ނޫނީ ވައިބަރު މެދުވެރިކޮށް ކިޔާދެނީ"
ތަމްރީން ދިނުމާއި ގުޅޭ އެންމެހާ މަސައްކަތްތަކަކީ އެން. އައި. އީން ކުރާ މަސައްކަތަކަށް ވުމާއެކު، އެޑިޔުކޭޝަން މިނިސްޓްރީން، އެން. އައި. އީއަށް 2016 ވަނަ އަހަރު ނިއުމާ މިސްގެ ވަޒީފާ ބަދަލުކުރެއްވިއެވެ.
އޭރުއްސުރެ މިއަދާ ހަމައަށް ކުރައްވަމުން ގެންދަވާ މަސައްކަތަކީ ޤައުމީ މަންހަޖަށް މުދައިރުސުން އަހުލުވެރި ކުރުވުމެވެ. ހާއްސަކޮށް އެސެސްމަންޓްތައް ކުރިއަށް ގެންދާނެ ގޮތުގެ ތަމްރީނާއި އިރުޝާދު މުދައްރިސުންނަށް ކިޔައިދެއްވުމެވެ.
120 އަށް ވުރެ ގިނަ ސްކޫލުގެ ޓީޗަރުންނާއި ޕްރިންސިޕަލުން އެސެސްމަންޓްގެ ދާއިރާއިން ތަމްރީނު ކުރެއްވުމުގައި މުހިންމު ރޯލެއް އަދާކުރެއްވި ނިއުމާސް ވިދާޅުވީ، މުދައްރިސް ކަމަކީ ކުރާހިތުން ކުރަންޖެހޭނެ ކަމެއް ކަމަށެވެ. ކުރިއާ އަޅާބަލާއިރު އެކަން ނުފެންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
"އޭރު މައުލޫމާތެއް، ބޭނުންކުރާނެ ޓޫލްސްއެއް، ކުދިންނަށް ލިޔަން ދޭނެ ތަސްވީރެއްއްހާ ހިސާބުވެސް ނުލިބޭ. މިއަދު ހުރިހާ މައުލޫމާތެއް އަމިއްލައަށް ގޫގުލްކޮށްލައިގެން ވެސް އެބަ ހޯދާލެވޭ. މި ހުރިހާ ފަސޭހައެއް ހުރިއިރުވެސް އޭރު ކިޔަވައިދިން މުދައްރިސުން އެކަން ކުރީ ކުރާހިތުން "ޕެޝަން"އެއްގެ ގޮތުގައި" މުދައްރިސުންގެ ތަމްރީނު ކުރުމުގައި މިހާރުވެސް އަމަލީ ގޮތުން މަސައްކަތް ކުރައްވަމުން އަންނަ ނިއުމާ މިސް ވިދާޅުވިއެވެ.

ނިއުމާ މިސް ވިދާޅުވިގޮތުގައި، ޤައުމީ މަންހަޖުގައި ހިމެނޭ ބައިތައް ހަނދާން ބެހެއްޓުމަށް ދޭތެރެ ދޭތެރެއިން މަންހަޖުގައި ހުރި މައުލޫމާތުތައް ކިޔުން ކޮންމެ މުދައްރިސަކަށް ވެސް މުހިންމެވެ.
އެހެންވެ އެން.އައި.އީން ދަނީ ޓީޗަރުންނަށް ކެނޑިނޭޅި ތަމްރީނު ފޯރުކޮށްދެމުންނެވެ. އެއީ ނިމުމެއް އޮތް ކަމެއް ނޫނެވެ. އެކަމުގައި އިސް ދައުރެއް އަދާކުރައްވާނެ އެކަކަށް ހަމަޤައިމުވެސް ނިއުމާ މިސް ވެވަޑައިގަންނަވާނެއެވެ.
"ޤައުމީ މަންހަޖަކީ އެންމެންގެ އެއްޗެއް. ހަމައެކަނި ސްކޫލްތަކަށް، މުދައްރިސުންނަށް އެ ތަންފީޒެއް ނުކުރެވޭނެ. އޭގައި މުޖްތަމައާއި ހުރިހާ ރައްޔިތުންގެ ހިއްސާ އޮންނާނެ. އެންމެން އެކީގައި ގުޅިގެން އެ ތަންފީޒު ކުރެވޭނީ"

ނިއުމާ މިސް ދެކެވަޑައިގަންނަވާ ގޮތުގައި، މަންހަޖު އޭގެ ގޮތުގައި ތަންފީޒު ކުރެވިއްޖެނަމަ، ސްކޫލް ނިންމާ ދަރިވަރުންނަކީ ރަނގަޅު އަޚުލާގެއްވެރި ހަރުދަނާ ޒިންމާދާރު ބަޔަކަށް ވާނެއެވެ. އޭރުން އެބިނާ ކުރެވެނީ ވަރަށް ފުރިހަމަ ޖީލެކެވެ.
ނިއުމާ މިސް ދަނީ އަމިއްލަ ގޮތުން ވެސް ތަޢުލީމީ ދާއިރާއިން ހޭލުންތެރި ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. ކޮލެޖްތަކުގެ މާސްޓރސް ލެވެލް ކޯސްތަކަށް ކައިކިއުލަމް، އެސެސްމަންޓާއި އޮންލައިން ޓީޗިން މޮޑިއުލްތައް ނަންގަވައި ދެއްވައެވެ. އަދި އޮންލައިންކޮށް އެތައް ފިލާވަޅެއް ހަފުތާ ބަންދުގައި ވެސް ނަންގަވައިދެއްވަމުންނެވެ. އެގޮތުން އެތައް ބަޔަކަށް "އީ ބުކް" އާއި "ޑިޖިޓަލް ޓީޗަރ ކޯސް" މިހާރު ވެސް ކުރިއަށް ގެންދަވައެވެ. މިގޮތުން ނިއުމާ މިސް އަކީ ބުކް ކުރިއޭޓަރގެ އެމްބަސަޑާރއެއް ވެސް މެއެވެ. ނިއުމާ މިސްގެ ފޭސްބްކު ޕޭޖް ގައި ވެސް މުދައްރިސުންނާއި ބެލެވެރިން އިލްމީ ކަންތައްތަކަށް ހޭލުންތެރި ކުރެއްވުމަށް ގިނަ ލިޔުންތައް ޝާއިއު ކުރައްވައެވެ. އޭގެ ތެރޭގައި "އެސެސްމަންޓް ފޯ ލާރނިން" ފޭސް ބްކު ޕޭޖްވެސް ހިމެނެއެވެ. އަދި އެން. އައި. އީގެ މަޖައްލާ ޖަމާއަތުގެ ހަބަރަށް ވެސް އިލްމީ ލިޔުންތައް ލިޔުވައެވެ.

ތަޢުލީމީ ދާއިރާގައި 30 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތް ކުރެއްވި ނިއުމާ މިސް ވިދާޅުވީ، ބައެއް ސެޝަންތައް ނަންގަވާއިރު، ބައެއް ޓީޗަރުން "ނޭނގެ" އޭ ވަރަށް ފަސޭހައިން ބުނެލާކަމަށެވެ.
" މިސާލަކަށް ބުނާނަމަ، އެސެސްމެންޓް ފޯރ ލާރނިންގ ބޭނުންކޮށްގެން ފިލާވަޅެއް ނަގައިދޭން ތިމަންނައަށް ނޭނގެއޭ ބުނުމުގެ ބަދަލުގައި އަމިއްލައަށް ކަންތައްތައް ހޯދާ ބަލާ މީހަކަށް މުދައްރިސް އެބަވާން ޖެހޭ"
"އަމިއްލައަށް ޒިންމާ ނަގައިގެން ޤައުމީ މަންހަޖުގެ ބައިތަކަށް އަހުލުވެރިވާންޖެހޭ" ބައެއް ފަހަރު މުދައްރިސުންގެ ފަރާތުން އަންނަ އާންމު ސުވާލަށް ނިއުމާ މިސް ޖަވާބު ދެއްވިއެވެ.
advertisment
ހިޔާލު