ސެންސަރީ ދުވަސް: "ޣާޒީ ޖެމް" ގެ ކުދިންނަށް އައި އީދެއް

ހުޅުމާލޭގައި ހުންނަ ޢާޒީސްކޫލުން ކޮންމެ އަހަރަކު ފާހަގަކުރާ ސެންސަރީ ދުވަހަކީ އެ ސްކޫލްގައި ކިޔަވަމުންދާ ޚާއްޞަ އެހީއަށް ބޭނުންވާ ކުދިން" ޣާޒީ ޖެމް" އަށް އަންނަ އީދެކެވެ. މި އީދުގެ އުފާ އެކުދިންނެކޭ އެއްގޮތަށް ބެލެނިވެރިންނަށް ލިބެއެވެ. ސެންސަރީ ދުވަސް މިއަހަރު ފާހަގަކުރީ މިމަހުގެ އެއްވަނަ ދުވަހުއެވެ.

ޣާޒީ ސްކޫލްގެ ޖެމް ޑިޕާޓްމަންޓް ހިންގުމާ ހަވާލުވެ ހުންނެވި ލިޑިންގ ޓީޗަރު، ފާތިމަތު ލީނާ ވިދާޅުވި ގޮތުގައި ސެންސަރީ ދުވަހުގެ ހުރިހާ ހަރަކާތެއްވެސް ކުރިއަށް ގެންދިޔައީ ފަސް ސެންސަށް އަމާޒުކޮށްގެންނެވެ. މިފަދަ ދުވަހެއްގެ ސަބަބުން އެކުދިންނަށް ދިމާވާ ސެންސަރީ މައްސަލަތަކަށް މަސައްކަތް ކުރާނެ ގޮތް ހޯދައި، އެއަށް އަހުލުވެރި ކުރުވެއެވެ.
" ކޮންމެ ސެންސަކަށް ވަކިން ތަފާތު ހަރަކާތްތައް ހިންގައި، އެހަރަކާތްތަކުގައި ކުދިން މަސްޢޫލުވެގެން އުޅެ، އެއަށް ހޭނުމުގެ ފުރުޞަތުތަކެއް ފަހިކޮށް މިދިނީ" ލީނާ ވިދާޅުވިއެވެ.

ލީނާ ވިދާޅުވީ ކިޔަވާ ދިނުންވެސް ބައްޓަން ކޮށްފައި ވަނީ ތެރަޕީގެ އެހީގައި ކުދިންގެ ހުނަރުތައް ތަރައްގީ ކުރުމަށެވެ.

ސެންސަރީ ދުވަހުގެ ހަރަކާތްތަކުގައި އެ ސްކޫލްގެ "ޖެމް" ކުލާސްތޔަކުގައި މިހާރު ކިޔަވަމުން ގެންދާ 46 ދަރިވަރުން ބައިވެރިވިއެވެ.

ޣާޒީ ސްކޫލްގެ ޖެމް ޑިޕާޓްމަންޓްގައި، ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައި ދިނުމަށް 20 ޓީޗަރަކު މަސައްކަތް ކުރެވެއެވެ. މީގެ ތެރޭގައި 16 ޓީޗަރުންނަކީ ތަމްރީނާއި، ތަޖުރިބާ ލިބިފައިވާ ޓީޗަރުންނެވެ.

ލީނާ ވިދާޅުވީ" ޖެމް" ކުދިންނަށް ޚާއްޞަކޮށްގެން ކުރިއަށް ގެންދާ މިފަދަ ހަރަކާތްތަކުގައި ބެލެނިވެރިންގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލެއް ލިބުމަކީ އެފަދަ ކުދިންނަށް މިފަދަ ހަރަކާތް ކުރިއަށް ގެންދިއުމަށް ލިބޭ ވަރަށް ބޮޑު ހިތްވަރެކެވެ.

ލީނާ ވިދާޅުވީ މިއަހަރުގެ ތެރޭގައި އެ ސްކޫލްގައި ސެންސަރީ ޕާރކެއް ހަދަން މަސައްކަތް ފެށިނަމަވެސް ބޭނުންވާ މާލީ އެހީތެރިކަން ނުލިބުމުން އެ ޕާރކްގެ މަސްކަތް ކުރިއަށް ގެންދެވޭ ގޮތެއް ނުވިކަމަށެވެ. އެހެން ނަމަވެސް އަންނަ އަހަރުގެ ތެރޭގައި އެ މަސައްކަތް އަލުން ފަށަން މަސައްކަތް ކުރަމުންދާ ކަަމަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *