ތިން އަހަރަށް އަމާޒުކޮށް ގދ. އަތޮޅު ތައުލީމީ މަރުކަޒުން އެކްޝަން ޕްލޭނެއް އެކުލަވާލަނީ

ކުރިއަށް އޮތް ތިން އަހަރަށް އަމާޒުކޮށް ގދ. އަތޮޅު ތައުލީމީ މަރުކަޒުން އެކްޝަން ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ފަށައިފިއެވެ.

ގދ. އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލް ޝިފާޒު މުހަންމަދު ވިދާޅުވީ މި އެކްޝަން ޕްލޭނުގައި ހިމަނަނީ ޖުމްލަ ގޮތެއްގައި އެ ސްކޫލުން ކުރިއަށް އޮތް 2020 ން 2022 ވަނަ އަހަރަށް ކިޔަވައިދިނުމާއި ސްކޫލު ހިންގުމުގައި ކަނޑައަޅާ ލަޑުދަނޑިތަކާއި އެ ލަނޑުދަނޑިތަކަށް ވާސިލުވާން ކުރަންޖެހޭ މަސައްކަތްތަކެވެ. އޭގެ އިތުރުން ސްކޫލްގެ ކަންތައްތައް މިހާރަށްވުރެ ރަނގަޅު ކުރަން ކުރަންޖެހޭ ކަންތައްތަކެވެ.

" ސްކޫލްގެ ކަންތައްތައް އިތުރަށް ރަނގަޅު ކުރުމަށްޓަކައި ކުރެވޭނެ ކަންތައްތަކަކީ ކޮބައިތޯ ބަލާ، ބެލެނިވެރިންނާއި ލީޑިން ޓީޗަރުން އަދި އިދާރީ މުވައްޒަފުންނާއި ދަރިވަރުންގެ ޚިޔާލު ހޯދައިގެން ތިން އަހަރަށް އެކްޝަން ޕްލޭން އެކުލަވާލަނީ." ޕްރިންސިޕަލް ޝިފާޒު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ފިޔަވަހިި ތަކަަކަށް ބަހާލައިގެން އެކި ފަރާތްތަކުގެ ޚިޔާލު ހޯދަމުންދާއިރު، ސްކޫލްގެ އިދާރީ މުވައްޒަފުންނާއި މުދައްރިސުންނާއި ބެލެނިވެރިންގެ ޚިޔާލު ވަނީ ހޯދާފައެވެ. އަދި ދަރިވަރުންގެ ޚިޔާލާއި ޖަމިއްޔާތަކުންދޭ ޚިޔާލުތައްވެސް ހިމަނައިގެން، އެކްޝަން ޕްލޭން އެކުލަވާލާނީ ކައުންސިލުގެ ރުހުމާއެކުގައެވެ. ސްކޫލް ބަންދުވުމުގެ ކުރިން އެކްޝަން ޕްލޭން އެކުލަވާ ނިންމަން ވަނީ އަމާޒު ހިފާފައެވެ. މި ޕްލޭން ކުރިއަށް ގެންދަނީ ސަރުކާރުގެ ފަސް އަހަރު ދުވަހުގެ ތައުލީމީ ސިޔާސަތަށްވެސް ބިނާކޮށެވެ.

" މި ޕްލޭން ގައި ހިމަނާނެ ސްކޫލުން އެ އަހަރަކު ޙާޞިލް ކުރަން ބޭނުންވާ ލަނޑުދަނޑިތައް. ބައިވެރިންދޭ ޚިޔާލުގެ މައްޗަށް ސްކޫލުން ރަނގަޅުކުރަންޖެހޭ ކަންތައްތައް" ޝިފާޒު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ފާއިތުވެދިޔަ ތިން އަހަރުވެސް ސްކޫލުގެ ހިންގުން ކުރިއަށް ގެންގޮސްފައި ވަނީ ކަނޑައަޅާފައިވާ އެކްޝަން ޕްލޭނެއްގެ މައްޗަށެވެ.

އެކްޝަން ޕްލޭން އެކުލަވާލައި އެއާ އެއްގޮތަށް ކިޔަވައިދިނުން ކުރިއަށް ގެންދިޔުމުން، ދަރިވަރުން ފާސްވާ އިންސައްތަ އިތުރުކަން ފާހަގަކުރައްވައި އޭނާ ވިދާޅުވި ގޮތުގައި މިދިޔަ އަހަރު ފަސް މާއްދާއިން ފާސްވި ނިސްބަތަކީ 78 އިންސައްތައެވެ. އެއީ ކުރީ އަހަރަށްވުރެ 18 އިންސައްތައިގެ ކުރިއެރުމެކެވެ.

ގދ. އަތޮޅު ތައުލީމީ މަރުކަޒުގައި ކުރިން ކިޔަވައިދެމުން ދިޔައީ ގްރޭޑް ނުވައަކުން ބާރައަށެވެ. މިދިޔައަހަރު ގްރޭޑް ހަތެއް، އަދި އަށެއް އުފެއްދުމުން އެ ސްކޫލްގެ އާބާދީއަށް 300އެއްހާ ކުދިން ވަނީ އިތުރުވެފައެވެ. މިހާރު ގްރޭޑް ހަތަކުން ބާރައަށް 425 ދަރިވަރުން ތައުލީމު ހާސިލްކުރަމުން ގެންދެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *