މުދައްރިސްކަމަށް ކުރިމަތިލާ ކުދިން މަދުވުމާއި، އެ ދާއިރާއަށް ފެންވަރު ރަނގަޅު ދަރިވަރުން ކުރިމަތިލުމަށް ބާރުއެޅުމުގެ ގޮތުން އޭލެވެލް ކުދިންނަށް އަމާޒުކޮށް ޚާއްޞަ ޕްރޮގްރާމެއް ހިންގަން ތައްޔާރުވަމުންދާ ކަމަށް ތައުލީމާބެހޭ ވަޒީރު ވިދާޅުވެއްޖެއެވެ.
ތައުލީމާބެހޭ ވަޒީރު ޑރ. އައިޝަތު އަލީ ވިދާޅުވީ ފެންވަރު ރަނގަޅު މުދައްރިސުން އުފެއްދުމަށާއި، މިހާރު ޚިދުމަތުގައި ތިއްބެވި މުދައްރިސުން ވަޒީފާގައި ދެމިތިބެވޭނެ ގޮތަށް ކަންކަން ހަމަޖައްސަމުންދާ ކަމަށެވެ.
ސްކޫލް ނިންމާ ދަރިވަރުން ނުވަތަ އައު ބޭފުޅުން މުދައްރިސްކަމަށް ޝަޢުޤުވެރި ކުރުވުމުގެ ގޮތުން ދެކަމެއް ކުރަން ތައުލީމާބެހޭ ވުޒާރާއިން ވަނީ ނިންމާފައެވެ. އޭގެ ތެރެއިން އެއްކަމަކީ އޭލެވެލް ކުދިންނަށް އަމާޒުކޮށް ހިންގަން އަމާޒުކޮށްފައިވާ ޕްރޮގްރާމެކެވެ. ދެވަނަ ކަމަކީ މުދައްރިސުންގެ ގަދަރު ދަރިވަރުންގެ ކުރިމަތީގައި މަތިކުރުމަށް ހިންގަން ފެށި ކެމްޕޭނެކެވެ. މިކެމްޕޭން ފެށީ މިއަހަރުގެ މުދައްރިސުންގެ ދުވަހުއެވެ.
" ޙަޤީޤަތުގައި ރަނގަޅު ޓީޗަރުން ނަމޫނާއަށް ފެނިގެން ނޫނީ ދަރިވަރުންނަށް ޓީޗަރުކަމުގެ މުހިންމު ކަމެއް ރިއަލައިޒެއް ނުވާނެ" މިއަހަރުގެ މުދައްރިސުންގެ ދުވަހާ ގުޅުވައިގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމަށް އިޝާރާތްކޮށް ވަޒީރު ވިދާޅުވިއެވެ.
" މުދައްރިސުންގެ ދުވަހު އިހުގެ ޓީޗަރުން، ކުރީގަ އި މުދައްރިސްކަން ކޮށްފައި ތިބި، މުޖުތަމަޢުގެ ޤަދަރު ލިބިފައި ތިބި މުދައްރިސުން ސްކޫލުތަކަށް ގެންދިޔައިން. ގެން ގޮސް އެ ބޭފުޅުންގެ ތަޖުރިބާ ކުދިންނާ ހިއްސާކުރިން. އެގޮތުން ވެސް އަޅުގަނޑުމެން މި ބަލަނީ މުދައްރިސްކަމަށް ދަރިވަރުން ލޯބި ޖެއްސޭތޯ"
ތައުލީމާބެހޭ ވަޒީރު ވިދާޅުވީ އޭލެވެލް ނިންމާ ކުދިން ސްކޫލްތަކަށް ގެންގޮސް، އެކުދިން މުދައްރިސުންނާ ގުޅުވައިގެން ކުރިއަށް ގެންދާ ޕްރޮގްރާމުގެ ސަބަބުން، މުދައްރިސަކަށްވުމުން ކިހާ ހިތްހަމަޖެހުމެއް ލިބޭކަން ދަރިވަރުންނަށް އިހުސާސްކުރެވުމުން އެކުދިން މުދައްރިސްކަމަށް ނުކުންނާނެ ކަމަށް އުއްމީދު ކުރެއްވޭ ކަމަށެވެ.
ޑރ. އައިޝަތު އަލީ ވިދާޅުވީ މުދައްރިސުން ވަޒީފާގައި ދެމިތިބުމަށްޓަކައި މުސާރައާއި އިނާޔަތް ރަނގަޅުކުރަން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި އެއާއެކު މުދައްރިސުން މަސައްކަތް ކުރައްވާ މާހައުލުވެސް ރަނގަޅުކުރަން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި އެކަމަށް ބޭނުންވާ ވަޞީލަތްތައް ގާއިމް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.
" އަޅުގަނޑުމެން ރަށްތަކަށް ގޮސް ސްކޫލްތަކަށް ވަންނައިރު އަޅުގަނޑުމެންނަށް މި ފެންނަނީ، ވަރަށް ހާލުގައި ޓީޗަރުން ތިބޭ ތަން. ސްޓާފްރޫމު ތައް ވަރަށް ކުޑަ. ދެތިން ހަތަރު ޓީޗަރުން އެއް މޭޒެއްގައި އެބަތިބޭ. އަޅުގަނޑުމެން ދެކޭގޮތުގައި މިއީ ރަނގަޅު އެންވަރަންމަންޓެއް ނޫން މުދައްރިސުން ރަނގަޅަށް މަސައްކަތްކުރުމަށް ޓަކައި"
ވަޒީރު ވިދާޅުވި ގޮތުގައި މިހާރު ޚިދުމަތުގައި ތިއްބެވި ޓީވަރުން ތަމްރީނު ހޯދަން ދާންޖެހެނީ ހަފްތާބަންދެއްގައި ކޮންމެވެސް ރަށެއްގައި ހުންނަ ކެންޕަހަކަށެވެ. އޭގެ ބަދަލުގައި ރަށްރަށުގައި ހުރި ޓީޗަރ ރިސޯސް ސެންޓަރުތަކާއި އެޑިއުކޭ ޝަނަލް ޓްރެއިނިންގ އިންސްޓިޓިއުޓްތަކާ ގުޅިގެން މުދައްރިސުންނަށް ތަމްރީނުތައް ދިނުމުގެ ޕްރޮގްރާމުތައް ދަނީ ފަރުމާކުރުމުންނެވެ.
ވަޒީރު ވިދާޅުވީ ޕްރައިމަރީ ގްރޭޑްތަކަށް 634 މުދައްރިސުން މިހާރުވެސް ބޭނުންވާކަމަށެވެ.
advertisment
ހިޔާލު