އާންމު ގޮތެއްގައި އޭ ސްޓަރ ލިބެނީ ކިޔަވާ މާއްދާތަކުންނެވެ. ކިޔަވާ ކުދިންނަށެވެ. އެކަމަކު މިފަހަރު އޭ ސްޓާ މި ލިބިވަޑައިގެންނެވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ކުރެއްވި ސުވާލުތަކަށް ދެއްވި ޖަވާބުންނެވެ.
މިއަދުގެ ޖަލްސާގައި މަޖިލީހުގެ މެމްބަރުން ކުރެއްވި ސުވާލުތަކަށް ތައުލީމީ ވަޒީރު ޑރ. އައިޝަތު އަލީ ދެއްވި ޖަވާބުތަކާ ގުޅިގެން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވަނީ އެކަމާއަށް ތައުރީފު ކުރައްވައި އޭ ސްޓަރ ދެއްވާފައެވެ. ރައްޔިތުންގެ މަޖިލީހަށް ޑރ. އައިޝަތު އަލީ ހާޒިރުވީ ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ ހުށަހެޅުއްވި ސުވާލަކަށް ޖަވާބު ދެއްވުމަށެވެ.
ރިޔާސަތުގައި އިންނެވި ރައީސް ނަޝިދު ވަނީ ތައުލީމީ ވަޒީރު މަޖިލީހަށް ވަޑައިގެންނެވީ އެ މަޖިލީހަށް ޕްރިންސިޕަލެއް ބޭނުންވާ ދަނޑިވަޅެއްގައި ކަމަށް ފާހަގަކޮށްފައެވެ. އެހެން ވިދާޅުވީ މަޖިލީހުގައި ކަންތައްތައް ކުރިއަށް ދަނީ ކުލާސްރޫމެއްގެ ތެރޭގައި ކަންތައްތައް ކުރިއަށް ދާ އުޞޫލުންކަމަށް ކުރިން ވިދާޅުވެފައިވާ ވިދާޅުވުމަށް އިޝާރާތް ކުރައްވައެވެ.
ރައީސް ނަޝީދު ވިދާޅުވީ، ވަޒީރު ތަފްސީލްކޮށް އެ ކަންކަމަށް ޖަވާބު ދެއްވައިފި ކަމަށާއި، ސުވާލުތަކަށް ޖަބާބު ދެއްވީ އިތުބާރާއި މައުލޫމާތު ލިބިވަޑައިގެން ހުންނަވައި ކަމަށެވެ.
" އަޅުގަނޑު ވަޒީރަށް ފަށްފަށުން ޝުކުރު ދަންނަވަން. އަދި އޭ ސްޓާ އަޅުގަނޑުމެން ވަޒީރަށް އަރުވަން،" ވަޒީރަކު ދެއްވި ޖަވާބަށް އޭ ސްޓަރ ދެއްވަމުން ރައީސް ނަޝީދު ވިދާޅުވިއެވެ.
މެމްބަރުން ކުރެއްވި ސުވާލުތަކުގެ ޖަވާބުގައި ތައުލީމީ ވަޒީރު ވިދާޅުވީ މުދައްރިސުންނާއި ތައުލީމީ ދާއިރާއަށް ހެޔޮ ބަދަލުތަކެއް ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި އެކަމުގެ ނަތީޖާ ފެންނަމުންދާނެ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ މުދައްރިސުންގެ މުސާރައިގެ އޮނިގަނޑު ޕޭ ކިމިޝަނަށް ފޮނުވައިވާ ކަމަށާއި އެ ކޮމިޝަނުން ނިންމެވިހާ އަވަހަކަށް މުސާރައިގެ އޮނިގަނޑަށް ބަދަލު އަންނާނެ ކަމަށެވެ.
advertisment
ހިޔާލު