ވ. ރަކީދޫގައި ސްކޫލެއް ނެތި ބާރަ އަހަރުވެފައިވާއިރު، އެރަށު ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ރަށުން ތައުލީމުގެ ފުރުޞަތު ފަހިވެފައި ނެތުން ކަމަށް އެރަށު ކައުންސިލްގެ ރައީސް އާދަމް ސާމީ ވިދާޅުވެއްޖެއެވެ.
ދަރިވަރު ނޫހަށް ދެއްވި ބަސްދީގަތުމެއްގައި ސާމީ ވިދާޅުވީ މީގެ ބާރަ އަހަރު ކުރިން އެ ރަށުގައި ހުރި ސްކޫލް ބަންދުކުރީ ރަށުން މީހުން ބަދަލުވުމުގެ ވިސްނުމުގައި ކަމަށާއި، އެއީ ރަނގަޅު ނިންމުމެއް ނޫންކަމަށެވެ.
" މީހުން ބަދަލުވުމުގެ ވިސްނުމުގައި ކުރި ނަމަވެސް އެއީ ރަނގަޅު ނިންމުމެއް ނޫން" ސާމީ ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގައި އެ މަޖިލީހުގެ މެމްބަރަކު ކުރެއްވި ސުވާލެއްގެ ޖަވަބުގައި ތައުލީމާ ބެހޭ ވަޒީރު، ޑރ. އައިޝަތު އަލީ ވިދާޅުވީ ރަކީދޫގައި ސްކޫލެއް ގާއިމް ކުރުމަށް ސާރވޭއެއް ކުރަމުންދާ ކަމަށާއި، އެއީ އެރަށުގައި ސްކޫލެއް ގާއިމް ކުރާނަމަ އެސްކޫލެއްގައި ކިޔަވައިދޭނީ ކޮންގްރޭޑް ތަކަކަށްތޯ ބަލަންޖެހޭ ކަމަށެވެ.
" އަޅުގަނޑު އެރަށަށް ދިޔައިން. ފެނުނީ ވަރަށް އެކަނިވެރި ރައްޔިތުންތަކެއް" ތައުލީމާބެހޭ ވަޒީރު ވިދާޅުވިއެވެ.
ސާމީ ވިދާޅުވީ އެރަށުގެ ހާލަތު ރައީސުލްޖުމުހޫރިއްޔާއަށްވެސް ހުށަހަޅާފައިވާ ކަމަށާއި ރައްޔިތުން އުއްމީދު ކުރަނީ އެކަށީގެންވާ ހެޔޮބަދަލެއް އަވަސް މުއްދަތެއްގައި އަންނާނެކަމަށެވެ.
ރަކީދޫގެ އާބާދީއަކީ 376 މީހުންނެވެ. އެރަށުގައި ދިރިއުޅެމުންދަނީ 70 އެންހާ މީހުންނެވެ.
" ރަށުގެ އާބާދީ ދަނީ ދުވަހެއް ދުވަހަކަށް ދަށަށް. ތައުލީމެއް ދެވެން ނެތުމުން ސްކޫލަށް ވައްދާ ފުރައިގެ ކުއްޖެއް ހުންނަ ކޮންމެ މީހަކުވެސް ބަދަލުވަނީ ކައިރި ނޫނީ އެފަދަ ވަސީލަތްތައް ހުރި ރަށްތަކަށް" ސާމީ ވިދާޅުވިއެވެ.
" މިހާރު މިރަށުން އެލްކޭޖީ އުމުރުގެ ކުއްޖަކު ފެނުމަކީ ނާޒިރުކަމެއް. ރަށުގައި މީހުން ހިފެހެއްޓޭނީ ރަށުގައި ތިބިގެން ތައުލީމު ފޯރުކޮށްދެވިގެން"
advertisment
ހިޔާލު