ވަން ކޮމިއުނިޓީ ކުރެހުމުގެ މުބާރާތުގެ އެއްވަނަ މަޖީދިއްޔާ ސްކޫލްގެ މަރިޔަމް ޝާރަތު

މޯލްޑިވް ޕޮލިސް ސަރވިސްގެ ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއާޒް ޑިޕާޓްމަންޓުން އިންތިޒާމްކޮށްގެން ރާއްޖޭގެ ހުރިހާ ސްކޫލުތަކަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ ވަން ކޮމިއުނިޓީ ކުރެހުމުގެ މުބާރާތުގެ އެއްވަނަ ކުރެހުމަކަށް މަޖީދިއްޔާ ސްކޫލްގެ ގްރޭޑްގެ 6 ގެ ދަރިވަރު މަރިޔަމް ޝާރަތު ޝަރީފުގެ ކުރެހުން ހޮވިއްޖެއެވެ.

ދެވަނަ ކުރެހުމަކަށް ކުޅުދުއްފުށި އަފީފުއްދީން ސްކޫލްގެ ގްރޭޑް 9 ގެ ދަރިވަރު އަލީ ރިފާޢު އާދަމްގެ ކުރެހުން ހޮވުނުއިރު، ތިންވަނަ ކުރެހުމަކަށް ހޮވުނީ ކެންގަރޫ ކިޑްސްގެ އެސް.ކޭ.ޖީ ދަރިވަރު މަރިޔަމް ނައުރަން ޝަމްޝީރުގެ ކުރެހުމެވެ.

ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހުގެ ރޭ އިސްކަންދަރު ބިލްޑިންގ މަލްޓިޕާޕަސް ހޯލުގައި ބޭއްވި ޙާއްސަ ރަސްމިއްޔާތުގައި މިމުބާރާތުގެ ވަނަ ވަނައަށް ހޮވުނު ދަރިވަރުންނަށް ފައިސާގެ އިނާމާއި ހަނދާނީ ލިޔުން ބައްސަވައި ދެއްވީ ސްޕެޝަލިސްޓް ސަޕޯރޓްސް ހެޑް، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދެވެ.

ރާއްޖޭގައި ހިނގާ ކުށްތަކަށް ދަރިވަރުންގެ ހޭލުންތެރިކަން އިތުރުކުރުމުގެ މަޤްޞަދުގައި ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއާޒް ޑިޕާޓްމަންޓުން އިންތިޒާމްކޮށްގެން ރާއްޖޭގެ ހުރިހާ ސްކޫލްތަކަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ މި މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ ތިން ބަޔަކަށް ބަހާލައިގެންނެވެ.

އެގޮތުން ފުރަތަމަ ކެޓަގަރީ ކުރެހުމުގެ ބައިން އެއްވަނައަށް ހޮވިފައިވަނީ ކެންގަރޫ ކިޑްސް ސްކޫލްގެ މަރިޔަމް ނައުރަން ޝަމްހީރެވެ. އަދި ދެވަނައަށް އަރަބިއްޔާ ސްކޫލްގެ ގްރޭޑް 1 ގައި ތަޢުލީމް ހާސިލްކުރަމުންދާ މުޙައްމަދު ހާއިމް އިބްރާހިމް ސައީދު ހޮވިފައިވާއިރު، ތިންވަނަ އަށް ހޮވިފައިވަނީ ޖަމާލުއްދީން ސްކޫލްގެ ގްރޭޑް 2 ގައި ތަޢުލީމް ހާސިލް ކުރަމުންދާ މަރިޔަމް ބީނިޝް މުހައްމަދު ރަމީޒެވެ.

ދެވަނަ ކެޓަގަރީން އެއްވަނައަށް ހޮވިފައިވަނީ މަޖީދިއްޔާ ސްކޫލްގެ ގްރޭޑް 6 ގައި ތަޢުލީމް ހާސިލް ކުރަމުންދާ މަރިޔަމް ޝާރާތު ޝަރީފެވެ. މި ކެޓަގަރީން ދެވަނަ އަށް އެންމެ މޮޅު ކުރެހުމަކަށް އަމީނިއްޔާ ސްކޫލްގެ ގްރޭޑް 5 ގައި ތަޢުލީމް ހާސިލްކުރަމުންދާ އާމިނަތު އިލްޔާސް އައްބާސްގެ ކުރެހުން ހޮވިފައިވާއިރު، ތިންވައަށް ހޮވިފައިވަނީ މާފުށީ ސްކޫލްގެ ގްރޭޑް 5 ގައި ތަޢުލީމް ހާސިލް ކުރަމުންދާ މަރިޔަމް ޝިޔާ ހުސައިންގެ ކުރެހުމެވެ.

ތިންވަނަ ކެޓަގަރީން އެއްވަނަ ކުރެހުމަކަށް ހޮވިފައިވަނީ ކުޅުދުއްފުށި އަފީފުއްދީން ސްކޫލްގެ ގްރޭޑް 9 ގައި ތަޢުލީމް ހާސިލް ކުރަމުންދާ އަލީ ރިފާޢު އާދަމްގެ ކުރެހުމެވެ. މި ބައިން ދެވަނަ ކުރެހުމަކަށް ހޮވިފައިވަނީ އަމީނިއްޔާ ސްކޫލްގެ ގްރޭޑް 8 ގެ ދަރިވަރު މަރިޔަމް ޝާޢީ ހުސައިން ފިޔާޒުގެ ކުރެހުމެވެ. މި ކެޓަގަރީން ތިންވައަށް ދެ ދަރިވަރަކު ހޮވިފައިވެއެވެ. އެއީ ގާޒީ ސްކޫލްގެ ގްރޭޑް10 ގެ ދަރިވަރު ފާތިމަތު ނީރާ އާއި މަޖީދިއްޔާ ސްކޫލްގެ ގްރޭޑް 8 ގެ ދަރިވަރު އައިޝަތު ރަނާ ނަސީރެވެ.

މިރަސްމިއްޔާތުގައި ވަނީ ޖެވެލް ސެންޓަރ ގައި ކިޔަވަމުންދާ ޚާއްޞަ އެހީއަށް ބޭނުންވާ އަޙްމަދު މާޒު ބައިވެރިވެފައިވާތީ، އެކަމުގެ އަގު ވަޒަން ކުރުމުގެ ގޮތުންނާއި ހިތްވަރު ދިނުމުގެ ގޮތުން ފައިސާގެ އިނާމާއި ހަނދާނީލިޔުން ދީފައެވެ.

2017 ނޮވެމްބަރު 19 އިން 2018 ފެބްރުއަރީ 18 ގެ ނިޔަލަށް ކުރިއަށްގެންދިޔަ މި މުބަރާތުގައި 48 ސްކޫލަކުން 967 ދަރިވަރުން ގެ ކުރެހުން ލިބިފައިވެއެވެ. މިމުބާރާތުގެ ފަނޑިޔާރުންނަކީ ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސްގެ އަޙްމަދު ނަޢީމާއި، ރާއްޖޭގެ މަޝްހޫރު އާޓިސްޓެއް ކަމަށްވާ އަބްދުﷲ ނަޝާތުއާއި ޖެންޑަރ މިނިސްޓްރީގެ ޢާއިޝަތު ޒަރާ ފަޔާޟްގެ އިތުރުން ކުރެހުމާއި ވިޝުއަލް އާޓްސްގެ ދާއިރާއިން ޤައުމީ އިނާމް ހާސިލްކޮށްފައިވާ ޕޮލިސް ޗީފް ސްޓޭޝަން އިންސްޕެކްޓަރ އިސްމާޢީލް ސުޖާޢުގެ އިތުރުން އިންސްޕެކްޓަރ އޮފް ޕޮލިސް ޢަބްދުﷲ ރަޝީދު އެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *