އޯލެވެލްގެ ނަތީޖާއިން ލިބުނު މާޔޫސްކަން ފިލުވައިލީ އޭލެވެގައި ހޯދި ކާމިޔާބީން

ދިހައަހަރުގެ މަސައްކަތަށްފަހު، ކުރިމަތިލާ އެންމެ ބޮޑު އިމްތިޙާނަކީ ސާނަވީ އިމްތިޙާނެވެ. އެ އިމްތިޙާނުން އެދެވޭ ނަތީޖާއެއް ނުނެރެވުމަކީ އޭލެވެލްގައި ކަންބޮޑުވާންޖެހޭ ސަބަބެއް ނޫންކަން ސާބިތުކޮށް ދިން އެއް ދަރިވަރަކީ މޭނާ ސްކޫލުން މަތީ ސާނަވީ ނިންމައި، އެ ސްކޫލްގެ އެންމެ މޮޅު ދަރިވަރުގެ މަޤާމު ފާއިތުވި އަހަރު ހޯދި އިބްރާހިމް ރަޒީނެވެ.

އުފަން ރަށް، ނ. ޅޮހީ ސްކޫލުން އޯލެވެލް ނިންމާލުމުގެ ހިތްހަމަ ޖެހުން އޮތް ނަމަވެސް، އޯލެވެލްގެ ނަތީޖާއިން ލިބުނީ މާޔޫސްކަމެވެ. އެއީ އޭނާ އުއްމީދު ކުރި ނަތީޖާއެއް ނޫނެވެ. ރަނގަޅު ނަތީޖާއެއް ހޯދާ، ގަދަ ދިހައެއްގައި ހިމެނެން އޭނާ މަސައްކަތް ކުރިއެވެ. އެކަމަކު ސާނަވީ ނިންމާލަންޖެހުނީ އެ އުއްމީދުގައި ކުލަނުޖެހިއެވެ.

ރަޒީން ގަބޫލުކުރި ގޮތުގައި ސާނަވީގައި އޭނާގެ އުއްމީދު ފުރިހަމަ ނުވީ، ކިޔެވުމުގައި ބޭނުން ކުރި "ފޯމިއުލާ" ތަފާތުވުމުންނެވެ. އެ "ފޯމިއުލާ" މަސައްކަތް ނުކުރުމުންނެވެ.

" އޯލެވެލްގައި ނަތީޖާ ނުނެރެވުނީ، އޭރު ކިޔަވަން ބޭނުން ކުރި ފޯމިއުލާ ކާމިޔާބު ނުވީމާ. ފޯމިއުލާ ގޯސްވީމާ، ނަތީޖާ ވެސް ދިޔައީ ގޯސް ކޮށް"

ރަޒީން ގެންގުޅުނީ ފިލާވަޅު ހިތުދަސް ކުރުމުގެ ފޯމިއުލާއެކެވެ. ކޮންމެ ފިލާވަޅެއް ހިތު ދަސްކުރުމަކީ އެއީ އެންމެ މުހިންމު ކަމެއްގެ ގޮތުގައި އޭނާ އޭރު ދެކުނެވެ. އެހެންވެ ހުރިހާ މަސައްކަތަކާއި ކުރި ހިތްވަރެއްލީ ފިލާވަޅުތައް ހިތު ދަސްކުރުމަށެވެ.

ރަށުގައި ހުރެގެން އިތުރަށް ކިޔެވެން ނެތުމާއެކު އޭލެވެލްއަށް ކިޔަވަން އެ އަތޮޅު މޭނާ ސްކޫލަށް ބަދަލުވިއެވެ. އެއާއެކު ކިޔެވުމަށް ބޭނުން ކުރި ފޯމިއުލާ ބަދަލުކުރިއެވެ. ދިރިއުޅުމުގެ ވައްޓަފާޅިއަށް ބޮޑު ބަދަލެއް ގެނައެވެ. ހިތްވަރުކުރަމުން ދިޔަ ތަނުގައި އޭނާއަށް އެތައް ބަޔަކު ހިތްވަރު ދިނެވެ.

ރަޒީން ބުނީ، އޭލެވެލްގައި ރަނގަޅު ނަތީޖާއަކަށް މަސައްކަތް ކުރަމުން ދިޔައިރު، މޭނާ ސްކޫލްގެ ޕްރިންސިޕަލާއި ޓީޗަރުންގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބުނުކަމަށެވެ. އަދި ހޮޅުދޫގެ ރައްޔިތުންގެ ފަރާތުން ވެސް އޭނާއަށް ފެނުނީ އެކުވެރިކަމެވެ.

 

" ޕްރިންސިޕަލް ވަކިން ބައްދަލުކޮށްފައި ހިތްވަރު ދިން" ރަޒީން ބުންޏެވެ.

ރަޒީން ބުނިގޮތުގައި، އޭލެވެލްއަށް ކިޔެވީ ކިޔަވާ ހިތުން، އެކަމަށް ޚާއްޞަ ސަމާލުކަމެއް ދީގެންނެވެ. އެހެންވެ ލިބުނުހާ ވަގުތެއް ހުސްކުރީ އެ ކަމަށެވެ. ރޭގަނޑު އަށެއްޖަހާއިރު، ނިދައެވެ. 12 ނޫނީ އެކެއްޖަހާއިރު ތެދުވެއެވެ. ދަންވަރުގެ ހިމަހިމޭން ވަގުތަކީ އެނާ ކިޔަވަން ހޭދަކުރާ ވަގުތެވެ. ޕާސްޓް ޕޭޕަރާއި ފިލާވަޅުތައް މުޠާލިޔާކުރާ ވަގުތެވެ.

އޭނާ ދެކޭގޮތުގައި، ކިޔަވާކުއްޖަކަށް އެންމެ މުހިންމީ ފިލާވަޅުތަކުގެ ކޮންސެޕްޓް އެނގުމެވެ. ފިލާވަޅުތައް ހުރިގޮތަށް ހިތު ދަސްކޮށްގެން ކާމިޔާބެއް ނުހޯދޭނެއެވެ. އެކަން ތަޖުރިބާ ކުރި ދަރިވަރެއްގެ ހައިސިއްޔަތުން އޭލެވެލްގައި އޭނާ ފެށީ، ކޮންސެޕްޓްތައް ދެނެގަންނާށެވެ. އެކަން ކުރުމުން ކިޔެވުމަށް އެތައް ގޮތަކުން ފަސޭހަވިއެވެ.

" އެންމެ މުހިންމީ ކޮންސެޕްޓްތައް އެނގުން. ކޮންސެޕްޓްތައް އެނގުނީމާ ކުރިއަށް ދާން ފަސޭހަވާނެ. ދެން އޮންނާނީ އަމިއްލަ މަސައްކަތް" މޭނާ ސްކޫލްގެ މަތީ ސާނަވީގެ ޑެޕިއުޓީ ކެޕްޓަނެއްގެ ޒިންމާ އަދާކުރި ރަޒީން ބުންޏެވެ.

އޭލެވެލްގެ ނަތީޖާއާ މެދު ރަޒީން ހުރީ ހިތްހަމަޖެހިފައެވެ. އޯލެވެލްގެ ގަދަ ދިހައެއްގައި ނުހިމެނު ނަމަވެސް އޭލެވެލްގެ ގަދަ ދިހައެއްގެ ތިން ވަނަ ހޯދީ، ތިން މާއްދާއިން އޭ ސްޓަރ އާއި ދެ އޭ ހޯދައިގެންނެވެ. ބިޒްނަސްއިން މުޅި ދުނިޔެއިން ދެވަނަ ހޯދައި، އިސްލާމް މާއްދާއިން މުޅި ރާއްޖެއިން އެއްވަނަ ހޯދިއެވެ.

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީގައި މަސައްކަތް ކުރަމުންދާ ރަޒީން ދަނީ ވިލާ ކޮލެޖުން އެކައުންޓިންގ ދާއިރާއިން މަތީ ތަޢުލީމް ޙާޞިލް ކުރަމުންނެވެ. ކުރިމަގުގައި އޭނާ ފެންނާނީ ވެސް އެ ދާއިރާއިންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *