ފޭދޫ ސްކޫލްގެ އިބްރާހީމް އިފާފްގެ އާދަޔާ ޚިލާފު ކާމިޔާބީ

ސ. ފޭދޫ ސްކޫލްގެ ވޭތުވެދިޔަ 2018 ވަނަ އަހަރުގެ އެންމެ މޮޅުދަރިވަރުގެ މަގާމު އިބްރާހީމް އިފާފް ހޯދުމުން އެކަން ވެގެން ގޮސްފައިވަނީ ސްކޫލްގެ އެހެން ދަރިވަރުން އޭނާގެ ހަޔާތުން ފިލާވަޅު ލިބިގަންނަން ލިބުނު ރަނގަޅު ފުރުސަތަކަށެވެ.
ފޭދޫ ސްކޫލްގެ އެންމެ މޮޅު ދަރިވަރުގެ ގޮތުގައި ކަރުގައި ސޭޝަލް އަޅުވައިގެން ޓްރޮފީ އާއި ހަވާލުވުމަށްފަހު އިފާފް ދެއްކި ވާހަކައަކީ އަސަރުން ފުރިގެން ދިޔަ ވާހަކައެކެވެ.

" މިއަދު އަޅުގަނޑަށް މި ލިބުނު ޝަރަފަކީ، ބައްޕައެއްގެ އެހީއަކާ ނުލައި މަންމައަކު ކޮށްދިން މިންނަތް މަސައްކަތުގެ ފޮނި ނަތީޖާ" ފޭދޫ ސްކޫލްގެ ޕޯޑިއަމްގައި އިފާފް އަސަރާއެކު ވާހަކަ ދެއްކިއެވެ.

"ކޮންމެ ހާލެއްގައިވެސް އަޅުގަނޑުގެ ކިޔެވުމަށް ބޭނުންވާ ހުރިހާ ކަމެއް ފުރިހަމަކޮށްދެވޭތޯ ބެއްލެވި. ކޮންމެ އީދަކަށް އައު ހެދުމެއް ނުލިބުނަސް، ސްކޫލަށް ބޭނުންވާ އެއްވެސް އެއްޗެއް މަދު ވިޔަކަ ނުދެއްވާ. ބައެއްފަހަރު އަޅުގަނޑުގެ އެކުވެރިން ގެންގުޅޭ ފޮހެވޭ ގަލަމާއި ބޮކި ދިއްލޭ ޒާތްޒާތުގެ ގަލަންތައް ފެނި، އަޅުގަނޑުވެސް އެކަހަލަ ގަލަންތައް ބޭނުންވި. ނަމަވެސް ގަލަމެއްގެ މޮޅުކަމަކީ އޭގެ ބޭރުފުށުގެ ރީތިކަން ނޫންކަމާއި އެއިން ލިޔާ ލިޔުމުގެ ފުރިހަމަވުން ކަމުގައި އަޅުގަނޑަށް ވިސްނައިދެއްވީ މަންމަ."

އިފާފް ބުނިގޮތުގައި މިފަދަ މަގާމަކާ ހަމައަށް ވާސިލް ވުމަކީ އެއްވެސް ހާލެއްގައި ފަސޭހަ ކަމެއް ނޫނެވެ. އިފާފް ބުނީ ސްކޫލްގެ ފަޚުރުވެރި ދަރިވަރުގެ މަގާމް ހާސިލް ކުރުމަށް އަޒުމް ކަނޑައެޅީ އޯލެވެލް އިމްތިހާނާ ކުރިމަތިލި ހިސާބުން ނޫނެވެ. ފޭދޫ ސްކޫލްގައި އޭނާ ބައިވެރިވި އެންމެ ފުރަތަމަ އިނާމު ދިނުމުގެ ޖަލްސާ ނިމިގެން ގެއަށް ދިޔަ މަގުމަތީގައި މަންމަގެ ދަރިއަކު ސްކޫލްގެ އެންމެ މޮޅު ދަރިވަރުގެ ގޮތުގައި ހޮވޭތަން ދުށުމަކީ މަންމަގެ އެންމެ ބޮޑު އުންމީދު ކަމުގައި ބުނުއްވިއެވެ.

" އެހިސާބުން ފެށިގެން މަންމަގެ މި ހުވަފެނަކީ، އަޅުގަނޑުގެ ވެސް ހުވަފެން ކަމުގައި ހެދީމެވެ. އަދި މިހުވަފެން ހަގީގަތަކަށް ހެދުމަށްޓަކައި އެދުވަހުން ފެށިގެން މަސައްކަތް ފެށީމެވެ." ފޭދޫ ސްކޫލްގެ އެންމެ މޮޅު ދަރިވަރުގެ މަގާމު ހާސިލް ކުރުމަށްފަހު އިފާފް، ކިޔަވާ ކުދިންނަށް މެސެޖް ދެއްވަމުން އޭނާގެ އަޒުމް ކިޔައިދިނެވެ.

އިބްރާހީމް އިފާފް އަކީ، މިހާރު އައްޑޫ ހައިސްކޫލްގައި ކިޔަވަމުންދާ ދަރިވަރެކެވެ. އޭނާ ކުރިއަށް ދާން ބޭނުންވަނީ ބިޒްނަސްގެ ރޮނގުންނެވެ. ވާން ބޭނުންވަނީ ޗާޓަޑް އެކައުންޓެންޓަކަށެވެ.

ޖީ.ސީ.އީ އޯލެވެލް، އައި.ޖީ.ސީ.އެސް.އީ އަދި އެސް.އެސް.ސީ އިމްތިހާނުގައި ދިވެހިރާއްޖޭގެ ގަދަ ދިއެއްގެ ހަތްވަނަ އޭނާ ވަނީ ހޯދާފައެވެ. އަދި ސްކޫލް ފެންވަރުން ގަދަ ފަހެއްގެ އެއްވަނަ ވަނީ ހޯދާފައެވެ. ޖީ.ސީ.އީ އޯލެވެލް، އައި.ޖީ.ސީ.އެސް.އީ އަދި އެސް.އެސް.ސީ އިމްތިހާނުން ޑިސްޓިންކްޝަން އިފާފް ވަނީ ހާސިލްކޮށްފައެވެ.

ކިޔެވުމުގެ އިތުރަށް ސްކޫލްގެ އެކިއެކި ހަރަކާތަކުގައިވެސް އޭނާއަކީ ފާހަގަކޮށްލެވުނު ދަރިވަރެކެވެ. އެކިއެކި މުބާރާތްތަކުގައާއި، ކެޑޭޓާއި ބޭންޑް ފަދަ ހަރަކާތްތަކުގައިވެސް އޭނާ ބައިވެރިވިއެވެ.

" މިފަދަ ހަރަކާތްތަކުން އެތަކެއް ބޭނުންތެރި ހުނަރު ދަސްވެގެންދިޔަ. މި ހުނަރު ވެގެން ދިޔައީ އަޅުގަނޑު މިމަގާމަށް ވާސިލް ވުމަށް ލިބުނު އިތުރު އެހީއަކަށް." އިފާފް ކިޔައިދިނެވެ.
އެހެންކަމުން ކުރިއަށް އޮތްތަނުގައިވެސް މި މަގާމަށް މަސައްކަތްކުރާ ދަރިވަރުންނަކީ ކިޔެވުމާއި އިތުރު ހަރަކާތްތަކުގައިވެސް ބައިވެރިވުން މުހިންމުކަން އޭނާ ފާހަގަކުރިއެވެ.

އޯލެވެލްއަށް ތައްޔާރުވާ ކުދިންނަށް އަދި ސްކޫލްގެ އެންމެ މޮޅު ދަރިވަރަށް ވާން ބޭނުންވާ ކުދިންނަށް އިފާފް ދޭ ނަސޭހަތަކީ މިއެވެ. ސްކޫލްގައި ދެވޭ ފިލާވަޅުތަކަށް ސަމާލުކަންދީ ގަޑިންގަޑިއަށް ފިލާވަޅު ނިންމާށެވެ. އޮޅުންއަރާ ތަންތަންކޮޅު ފުނިޖެހެންދެން ނުބަހައްޓާށެވެ. މުދައްރިސުން ގާތު އަހައިގެން އޮޅުން ފިލުވާށެވެ. އަދި ހުރިހާ މުދައްރިސުންނާއި ކުދިންނާވެސް ގުޅިގެން މަސައްކަތްކުރާށެވެ. ދުރާލާ ތައްޔާރުވާށެވެ. އޭރުން ކާމިޔާބު ވާނެއެވެ.

ހިޔާލު

ކިޔުންތެރިންގެ ޚިޔާލުތައް

  1. މިއީ ކިޔަވާ ކޮންމެ ކުއްޖަކުވެސް ވިސްނާލަންޖެހޭ ކަމެކެވެ. ކިޔަވަން މޮޅު ތަކެއްޗަކުންނޫނެވެ. އިފާފު ތިޔަ ހޯދި ކާމިޔާބީއަށް މަރުހަބާއެވެ. ދުވަހަކުވެސް މަންމަ ތި ކޮންދިން ކަންތައް މަތިން ހަނދާން ނެތިކޮށް ނުލާށެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *