ކުޅިވަރު ކުޅެމުންވެސް ކިޔެވިދާނެކަން ޔާނިއު ސާބިތު ކޮށްދީފި

މިދިޔަ އަހަރު ޖަމާލުއްދީން ސްކޫލުގެ ހުރިހާގޮތަކުން އެންމެމޮޅު ދަރިވަރު ޔޫސުފް ޔާނިއު އަހުމަދަށް މަރުޙަބާއާއި އުފާވެރިކަން ހުއްޓެވެ. ކިޔެވުމަށް އޭނާ ކުރަމުންދާ މަސައްކަތަށް ހިތްވަރާއި ސާބަސް ހުއްޓެވެ.

ކިޔެވުމަކީ ބުރަކަމެއް ކަމަށްވިޔަސް އެއީ ބުރައެއް ކަމަށް ނުދެކި ހީވާގިކަމާއެކު މަސައްކަތްކޮށް އޯލެވެލްގެ އަށް މާއްދާއިން އޭ ސްޓަރ ހޯދައިގެން މިހާރު ސީއެޗުއެސްއީ "އޮޑީގެ" ކައްޕިތާނުގެ ޒިންމާ އުފުލަމުން ގެންދަނީ ކިޔެވުމަށް "ކަނޑިކުރަފަތެއް" ފަދަ ޔާނިއު އެވެ.
އޯލެވެލްގައި އޭނާހެދި އަށް މާއްދާއިން އޭ ސްޓާ ހޯދިއިރު، ބައިލޮޖީން ވަނީ މުޅި ދުނިޔެއިން ނުވަ ވަނަ ހޯދައިފައެވެ. އެހެންނަމަވެސް އެމާއްދާއަކީ އޭނާ އެހައި އުންމީދުކުރި މާއްދާއެއްވެސް ނޫނެވެ.

މިއީ އޭނާގެ ކާމިޔާބީތަކުގެ ބައެއް ވާހަކައެވެ. މިކާމިޔާބީގެ ފަހަތުގައި އިނީ އޭނާ ލޮބުވެތި މަންމައެވެ. އޭނާގެ މަންމު ބުނިގޮތުގައި ޔާނިއުއަށް ﷲ މިންވަރު ކުރެއްވި ކާމިޔާބީގެ ސިއްރަކީ ބަރާބަރަށް ފަސް ނަމާދު ކުރުމާއި ޤުރުއާން ކިޔެވުމެވެ. ޚާއްސްކޮށް ޓެސްޓްގެ ދުވަސްވަރު ޤުރުއާން ކިޔެވުން އިތުރު ކުރެއެވެ.
"ކިތަންމެ އަވަދިނެތި އުޅުނަސް ބާރަބާރަށް ފަސް ނަމާދު ކުރާނެ. ޤުރުއާން ކިޔަވާނެ. ޚާއްސަކޮށް ޓެސްޓް އޮންނަދުވަސްވަރު ޤުރުއާން ކިޔެވުން އިތުރުކުރާނެ. އަޅުގަނޑު ގަބޫލުކުރަނީ ޔާނިއުގެ ކާމިޔާބީގެ އަސްލަކީ ނަމާދު ކުރުމާއި ޤުރުއާން ކިޔެވުން،" އޭނާގެ މަންމަ ބުންޏެވެ.

ސްކޫލުގައި ހަމައެކަނި އޭނާ ކިޔެވީއެއް ނޫނެވެ. އިތުރު ޙަރަކާތްތަކުގައި ބައިވެރިވެއެވެ. ޗެސްއާއި ކެރަމްއަކީ އެންމެފޯރީގައި ކުޅޭ ދެކުޅިވަރެވެ. އެ ދެކުޅިވަރުން ޗެމްޕިއަންކަން ވެސް ހޯދިއެވެ. ކެރަމުން ކަލާސް އެވޯޑްވެސް ހޯދިއެވެ.އޭގެ އިތުރަށް ހޭންޑު ބޯޅައާއި ބޭސްކެޓަކީވެސް ޝައުގުވެރިކަމާއެކު އޭނާ ކުޅޭ ކުޅިވަރެވެ.
އެވަރުން ފުއްދާލީއެއް ނޫނެވެ. ބަރާބަރަށް ކަސްރަތު ކުރެއެވެ. ޖިމަށް ދެއެވެ. ފިލްމު ބަލައެވެ. ސީރީޒްތައް ބަލައެވެ. އޮންލައިންކޮށް ގޭމް ކުޅެއެވެ. ފުޓުބޯޅަ މެޗުތައް ބަރާބަރަށް ބަލައެވެ. ޚާއްސަކޮށް ބާސާގެ މެޗުތަކެވެ. މިކަންކަމާއި ކަސްރަތު ކުރުމަކީ އޭނާގެ ސިކުނޑިއާއި ހަށިފަސޭހަކޮށްދޭ ކަންކަމެވެ. ކަސްރަތު ނުކުރާކަމަށްވާނަމަ އުދަގޫވާ ކަމަށްވެސް އޭނާ ބުނެއެވެ.

ޔާނިއުއަކީ އުފާވެރި މުސްތަގުބަލެއް ބިނާކުރުމަށްޓަކައި ގަދައަޅައި މަސައްކަތް ކުރަމުންދާ ކުއްޖެކެވެ. ޖަމާލުއްދީން ސްކޫލުގައި އުޅުނުއިރު އޭނާއަކީ ސްކޫލް ޑެޕިޔުޓީ ކެޕްޓަނެވެ. އެ މަޤާމުގައި ހުރެގެން ބޮޑު ސްކޫލެއްގެ ކެޕްޓަންކަން ކުރަން އޭނާ ޢަޒުމް ކަނޑައެޅިއެވެ. ސީއެޗުއެސްއީގެ ކެޕްޓަނަކަށްވުމުން އެ އުންމީދު ޙާސިލްވީއެވެ.
އޭނާ މިހިސާބަށް އައިސްފައިވަނީ އެންމެ ކުޑައިރުން ފެށިގެން އެންމެ މަތީ މާކުސް ހޯދަމުންނެވެ. ޖަމާލުއްދީން ސްކޫލުގެ ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރުގެ މަޤާމް އޭނާ ހޯދީ އަބަދުވެސް އެއްވަނާގައި ހިފަހައްޓައިގެންނެވެ.

ހުރިހާކަމެއްގައި އުޅެމުން ކިޔަވަނީ ކޮންގަޑިއަކު ހެއްޔެވެ؟ އޭނާގެ މަންމަ ބުނީ އާއްމުކޮށް ޔާނިއު ކިޔަވާނީ މެންދުރުފަހު ކަމަށެވެ. ދެން ކިޔަވާނީ ރޭގަނޑުގެ އިރާކޮޅު ކަމަށެވެ. ފަތިސްގަޑިއަކީ ކިޔަވަން އޭނާއަށް އެހާ ފަސޭހަގަޑިއެއް ނޫނެވެ. އެހެންކަމުން އެގަޑީގައި ފޮތްތައް ހަމައެކަނި މަތިމަތިން ބަލާލަނީ ކަމަށް އޭނާގެ މަންމަ ބުންޏެވެ.
ބޮޑު ސްކޫލެއްގެ ކެޕްޓަނަކަށްވުމަށް އޭނާ ކަނޑައެޅި ޢަޒުމް ކާމިޔާބު ކުރުމަށްފަހު ދެން އޮތް ޢަޒުމާއި އުންމީދަކީ ސީއެޗުއެސްއީ ނިމޭއިރު އެ ސްކޫލުގެ ވެސް ހުރިހާ ގޮތަކުން އެންމެމޮޅު ދަރިވަރުގެ މަޤާމް ހޯދުމެވެ. މާޒީއަށް ބަލާއިރު އެއީ އޭނާއަށް ޙާސިލް ނުކުރެވޭނެ ވަރުގެ ކަމެއްނޫނެވެ.

ކިޔެވުމާ އެއްވަރަށް މުސްތަގުބަލަށް ފޮނި އުންމީދުތަކެއް ވެސް އޭނާ ކުރެއެވެ. އޭނާ އަބަދުވެސް ބޭނުންވަނީ މެޑިކަލް ޑޮކްޓަރަކަށްވުމަށެވެ. އެހެންނަމަވެސް ޚާއްސަވާނެ ދާއިރާ ނިންމީ ވަރަށްފަހުންނެވެ. ޔާނިއު ބޭނުވަނީ ކެންސަރު ބައްޔަށް ޚާއްސަ ޑޮކްޓަރަކަށް ވުމަށެވެ. އެއީ އާއިލީ މީހަކަށް ދިމާވި ހިތާމަވެރި ހާދިސާއަކަށްފަހު ނިންމި ނިންމުމެއް ކަމަށް އޭނާގެ މަންމަ ބުންޏެވެ.

ޔާނިއުގެ މަންމައެހުރީ އޭނާއަށް ކިޔަވައި ދިނުމަށްޓަކައި ކުރަންޖެހުނު ކޮންމެ ކަމެއް ކުރަން ފޫގަޅައިގެންނެވެ. ރޭގަނޑުގެ ފުރިހަމަ ނިދިނަގާލައި ޔާނިއުގެ ސޯނާގަޑިއަކަށް ވެގެންހުރެ އޭނާ ބުނާ ކޮންމެ ވަގުތަކުން ގޮވުމަކީ ކިހާބޮޑު ޤުރުބާނީއެއް ހެއްޔެވެ. އެފަދަ މަންމައެއްގެ ހިޔާވަހިކަމާއި ލޯތްބާއި އަޅައިލުމުގެ ތެރެއިން ކިޔަވަމުންދާ ކުއްޖަކަށް ﷲގެ ރަޙުމަތުން ކޮންމެ ކަމެއްވެސް ޙާސިލް ކުރެވޭނެއެވެ. ހިތްވަރާއެކު މަސައްކަތް ކުރާށެވެ. ކާމިޔާބު އޮތީ ކުރިއަށެވެ.

ހިޔާލު

4 Responses

  1. ޔާނިއު އަކީ އަބަދުވެސް ކިޔަވަން މަސައްކަތް ކުރާ މުރާލި ކުއްޖެކެވެ. ތިޔަ ހޯދަމުންދާ ނަތީޖާއަށް މަރުހަބާއެވެ.

  2. ޔާނިއު އަކީ ބަސްއާ ކިޔަވާ މޮޅު ކުއްޖެއް. ޔޫސް(ދަރިފުޅު)އަށް މާތްﷲ އިތުރު ކާމިޔާބީތަކާއި ހެޔޮގޮތްތަށް މިންވަރު ކުރަށްވާ ދުޅަހެޔޮ ސިއްހަތެއް މިންވަރު ކުރަށްވާށި. އާމީން

  3. މިހާރު އުޅޭ ގިނަކުދިންނަށް ވަނީ ކިޔަވަންޏާ ހަމައެކަނި އެކަމަށް ހުސްވާން. ނަމަވެސް ބޭނުންވަނީ ރަނގަޅު ޕްލޭނެއްގެ ދަށުން ދުވަހުގެ ހަރަކާތްތައް ރާވައިގެން ކުރަން. ކުޅިވަރު ކުޅެމުންވެސް ކިޔެވޭނެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *