ސާނަވީ އިމްތިޙާނުގެ ޤައުމީ ގަދަ ދިހައެއްގައި ހިމެނުނު ދަރިވަރުންގެ ތެރެއިން ވިދާލި އެންމެ ފަޚުރުވެރި އެއް ދަރިވަރަކީ ޣިޔާސުއްދީން ސްކޫލުން އޯލެވެލް ނިންމި ސުލަފު މޫސާ ލަތީފެވެ. ފަސްޓް ލެންގުއޭޖްގެ ގޮތުގައި އިނގިރޭސީ މާއްދާ ހެދި ދަރިވަރުންގެ ތެރެއިން ހައި އެޗީވާސް އެވޯޑް ހޯދީ ވެސް އޭނާއެވެ. އަދި ޓެރަވަލް އެންޑް ޓޫރިޒަމުން މުޅި ދުނިޔެއާއި ރާއްޖެއިން އެއްވަނަ ހޯދިއެވެ. އެހެންވެ އޭނާވީ ސާނަވީ އިމްތިޙާނުގައި، ހަތަރު އެވޯޑެއް ހޯދި ހަމައެކަނި ދަރިވަރުގެ ގޮތުގައެވެ. އެހެންވެ، ދަރުބާރުގޭގެ ރަންނަބަނޑޭރި މާލަމަށް ވަދެތިބި އެންމެން ދިން ހޫނު އަތްތިލަބަޑިން މުޅި ހޯލު ގުގުމައިލީ އޭނާ ހޯދި ފަޚުރުވެރި ކާމިޔާބީގައި ބައިވެރިވުމުގެ ގޮތުންނެވެ.
ސާނަވީ އިމްތިޙާނުގައި ބައިވެރިވި ދިހަ މާއްދާގެ ތެރެއިން އޯލެވެލްގައި ބައިވެރިވި އަށް މާއްދާއިން ހޯދީ އޭ ސްޓާއެވެ. އިސްލާމުން އޭއެއް ލިބުނުއިރު ދިވެހިން ލިބުނީ ބީ އެކެވެ. އެހެންވެ އޭނާ ދިޔައީ ޤައުމީ ގަދަ ދިހައެއްގެ ހަތަރުވަނަ އަށެވެ.
ސުލަފަކީ އެންމެ ކުޑައިރުއްސުރެ އިނގިރޭސި މާއްދާއަށް ޚާއްޞަ ސަމާލުކަމެއް ދިން ދަރިވަރެކެވެ. ސާނަވީ އިމްތިޙާނުގައި ފަސްޓް ލެންގުއޭޖްގެ ގޮތުގައި އިނގިރޭސި މާއްދާ ހަދަން ޓީޗަރުން ލަފާދިނީ ވެސް އެނާގެ ތޫނުފިލިކަމުންނެވެ.

" ފަސްޓް ލެންގުއޭޖް ވީމާ އެޑްވާންޓޭޖް ބޮޑީ، ލިޔާއިރު ބަހުގެ ލިމިޓެއް ނޯވޭ" ސުލަފު ބުންޏެވެ.
ސުލަފުބުނީ، އިނގިރޭސީ މާއްދާއަށް އަބަދުވެސް ޔަގީންކަން އޮތް ކަމަށާއި ޓެސްޓަށް ދިޔައިރު ވެސް ދުނިޔޭގެ ފެންވަރުގެ ވަނައަކަށް އުއްމީދު ކުރެވުނު ކަމަށެވެ. އެކަމަކު ޓުރެވަލް އެންޑް ޓޫރިޒަމުން ދުނިޔެއާއި ރާއްޖެއިން އެއްވަނަ ލިބުމުން އޭނާއަށް ލިބުނީ ހައިރާންކަމެކެވެ.
" އިނގިރޭސި މާއްދާއިން ރަނގަޅު ނަތީޖާއެއް ނެރެވޭނެ ކަމަށް އުއްމީދު ކުރިން. ޓެސްޓް ހެދީވެސް ވަރަށް ކޮންފިޑެންސް އޮވެގެން. ޓީޓީއިން ވަނައެއް ލިބިދާނެ ކަމަށް އުއްމީދެއް ނުކުރަން. ޕޭޕަރުވެސް އެންމެ ރަނގަޅަށް ނުހެދޭ. ޓެސްޓަށް ދިޔައީ ވެސް ފިލާވަޅު ދަސްކުރަން އެރޭ ހޭލާ ހުރެފައި" ޣިޔާސުއްދީން ސްކޫލްގެ ކެޕްޓަނެއްގެ ޒިންމާ އަދާކުރި ސުލަފު ބުންޏެވެ.
" ޓީޓީއާއި އިކޮނިމިކްސްއަށް ބޭނުންވަނީ ޓެކްސްޓް ފޮތް ދަސްކުރުމަށްވުރެ ބޮޑަށް ޖެނެރަލް ނޮލެޖް. ނޮލޮޖް ހުރީމާ އެ ދެމާއްދާއިން ވެސް މަތިން ސްކޯ ކުރުވުނުނީ"
ވިލާ ހައި ސްކޫލުން އޭލެވެލްއަށް ކިޔަވަމުންދާ ސުލަފުގެ ކާމިޔާބީއާ ގުޅިފައި ވަނީ ފޮތްތެރިކަމާއެވެ. ފޮތްކިޔުމަށް އޮތް ޝަޢުޤުވެރިކަމެވެ. ބަލައި ހޯދައި، ރިސާރޗް ކުރުމަށް ދެވިހިފާފައި އޮތް މިންވަރެވެ. ސުލަފު ބުނީ، އިނގިރޭސިއަށް މޮޅުވާން ބޭނުންނަމަ އޮތް ފަރުވާއަކީ ވެސް ގިނަގިނައިން ކިޔުމެވެ. އިނގިރޭސި ބަހުން ލިޔެފައި ހުންނަ، ކުޅަދާނަ އަދީބުންގެ ފޮތްތައް ކިޔުން އާދައަކަށް ހަދަންޖެހެއެވެ. އެމީހުންގެ ބަސްމަގު ދަސްކޮށް އުފެއްދުންތެރި އަމިއްލަ " ސްޓައިލެއް" ގެންގުޅެންޖެހެއެވެ.

" މޮޅު އޯތާސްގެ ފޮތް ކިޔަނީ. އެފަދަ މީހުންގެ ފޮތްތައް ކިޔައިގެން އަމިއްލަ ސްޓައިލެއް އުފެއްދޭތޯ ބަލަނީ" ސުލަފުގެ ފޭވެރިޓަކީ ސްޓެފަން ކިންގ ގެ ބިރުވެރިވާހަކަތަކާއި އެޗްޕީ ލަވްކުރާފްޓްގެ ފޮތްތަކެވެ.
" ކޮންމެ ދުވަހަކު ފޮތް ނުކިޔަން. އެކަމަކު ހަފްތާއެއްގެ ތެރޭގައި ޓާގެޓެއް އޮވޭ އިންޓްރެސްޓް ހުންނަ ފޮތްތައް ކިޔަން. އިންސްޓަގްރާމުން ފޮތެއް ފެނުނަސް، އޭގެ ޕީޑީއެފް ހޯދާލައިގެން ފޮތް ކިޔާލަނީ. އިންޓްރެސްޓް ހުންނަ ފޮތެއް ފެނިއްޖިއްޔާ އޭތި އެކްސްޕްލޯކުރަން ބޭނުންވާނެ. އިތުރު އިންފޮމޭޝަން ބޭނުންވާނެ ހޯދަން. އެހެންވެ އެ ފޮތެއް ކިޔާ ނުލާ ދޫކޮށް ނުލެވޭ"
އިންޖިނިއަރިންގ ދާއިރާއިން ކުރިއަށްދާން ނިންމައިގެން ހުރި ސުލަފުގެ "ފޭވަރިޓް" މާއްދާއަކީ ފިޒިކްސްއެވެ. އެއީ އެންމެ ކުޑައިރުއްސުރެ ޝަޢުޤު ހުންނަ ދާއިރާއެކެވެ. އޭނާގެ މުޅި ދިރިއުޅުމުގެ ވެސް އެއްބައެވެ. އޭނާ ޤަބޫލުކުރާ ގޮތުގައި ދުނިޔެއަށް ލޯ ހުޅުވަން އެންމެ މުހިންމު މާއްދާއަކީ ފިޒިކްސްއެވެ. އެހެންވެ އޭނާގެ ވިސްނުމާއި ފިކުރަށް ފިޒިކްސްގެ އަސަރު ވަރަށް ބޮޑަށް ކުރެއެވެ.
" ފިޒިކްސްގެ އެންގަލުން ވިސްނެނީ، އުފައްދާފައި ހުންނަގޮތް، ބައެއް ފަހަރު އެގޮތަށް ފެންނަ ނުވަތަ ދިމާވާ ކަމަކުން ބޭނުންވާނެ އިތުރު މައުލޫމާތު ހޯދަން. ގޫގުލްއާއި ޔޫޓިއުބުގެ އިތުރުން ޑޮކިއުމެންޓްރީގެ ބޭނުން އެންމެ ބޮޑަށް ހިފެނީ"
ސުލަފު ދެކޭގޮތުގައި އޯލެވެލްއަށްފަހު، އޭލެވެލްއަށް ދިއުން ވަރަށް މުހިންމެވެ. އޭލެވެލްއާ އަޅާބަލާއިރު، އޯލެވެލްއަކީ ވަރަށް ކުޑަ މިންވަރެކެވެ. އޯލެވެލްގައި ކިޔަވައިދޭ އެއްޗެއް އެނގެނީވެސް އޭލެވެލްގައި ކިޔަވައިދޭން ފަށާ ހިސާބުންނެވެ.

ސުލަފު ބުނީ، އޭލެވެލްއަށް ކިޔަވަން ފެށުމުގެ ކުރިން އޭލެވެލްއަށް އޭރު ކިޔަވަމުންދިޔަ ކުދިންނާ ވާހަކަ ދެއްކި ކަމަށާއި، އެ ކުދިން ބުނިހާ ގެޕް ބޮޑުކަމަކަށް ފާހަގަ ނުކުރެވޭ ކަމަށެވެ. އެކަމަކު ސުލަފު ވެސް އެއްބަސްވާ އެއްކަމެއް އޮވެއެވެ.
" އޭލެވެލްއާއި އޯލެވެލްގައި ގެޕެއް އޮވޭ. އޭލެވެލްގައި ފުރަތަމަ ދުވަހުން ފެށިގެން ވެސް ކިޔަވަންޖެހޭނެ. އެއްރޭ ހޭލާ ހުރެފައި ގޮސް ނަތީޖާއެއް ނުނެރެވޭނެ"
އޭނާ ދެކޭގޮތުގައި ކިޔެވުމުގައި އިސްކަންދޭންވީ އަމިއްލަ ނަފުސަށް އޮންނަ އިތުބާރު އުފެއްދުމަށެވެ. ކާމިޔާބަކާ ހަމައަށް ދިއުމަށް އެ އިތުބާރު އުފެއްދޭނީ މަސައްކަތްތަކެއް ކޮށްގެންނެވެ. މަސައްކަތަކާ ނުލައި އެ އިތުރުބާރާއި ޔަގީންކަމެއް ނުލިބޭނެއެވެ. އަޒުމަކާއެކި ހިތްވަރެއް ލާންޖެހެއެވެ. ޓާގެޓްތަކެއް ކަނޑައަޅައި އެ ދިމާލަށް ދާންޖެހެއެވެ.

ސުލަފު ދެކޭ ގޮތުގައި ފިލާވަޅު ދަސްކުރަން ގުރޫޕް ސްޓަޑީ މުހިންމެއް ނޫނެވެ. ކިޔަވަން ވާނީ އެކަންޏެވެ. ގުރޫޕް ސްޓަޑީގައި ހަދާނީ ޕާސްޓްޕޭޕަރެވެ.
" ކިޔަވަން ވާނީ އެކަނި. ދަސްކުރާނީ އެކަނި. ގްރޫޕް ސްޓަޑީގައި ހަދާނީ ޕާސްޓް ޕޭޕަރު"
އޭލެވެލްގައި ވެސް ރަނގަޅު ކާމިޔާބީއަކަށް ސުލަފު ދަނީ ބުރަކޮށް މަސައްކަތް ކުރަމުންނެވެ. ހިސާބުގެ އިތުރުން ސާނަވީގައި ދަށްވި، ދިވެއްސާއި އިސްލާމުން ދަނީ ޓިއުޝަން ނަގަމުންނެވެ. ބޭނުންވަނީ ޤައުމު ފަޚުރުވެރިވާ ފަދަ ދަރިވަރެއްގެ ގޮތުގައި އޭލެވެލް ނިންމާލުމެވެ.
ހިޔާލު