ކިޔެވުމުގައި އާމިނަތު ނޫހާ ނިމާލް ހިނގީ އޭނާގެ ދައްތަ މަރިޔަމް ނިހްލާ ނިމާލް ހިނގި މަގުންނެވެ. 2016 ވަނަ އަހަރު އޯލެވެލް އިމްތިހާނުން މުޅި ރާއްޖެއިން އެއްވަނަ ނިހްލާ ހޯދިއެވެ. އަދި ކަލާފާނު ސްކޫލުގެ ފަޚުރުވެރި ދަރިވަރެއްގެ ގޮތުގައި އެ އަހަރު އެ ސްކޫލުން ވެސް އެއްވަނަ ހޯދިއެވެ. އޭގެ ދެ އަހަރު ފަހެވެ. ނިމިގެން ދިޔަ އޯލެވެލް އިމްތިހާނުގައި މުޅި ރާއްޖެ ފަޚުރިވެރިވި ދަރިވަރެއްގެ ގޮތުގައި އެއްވަނަ ހޯދީ ނޫހާއެވެ. އަދި ނިމިގެން ދިޔަ އަހަރު ކަލާފާނު ސްކޫލުގެ އެންމެ މޮޅު ދަރިވަރަކީ ވެސް އޭނާއެވެ. ނޫހާ ވަނީ އޯލެވެލްގައި ޓްރެވަލް އެންޑް ޓޫރިޒަމުން ދުނިޔެއިން ފަސްވަނަ ހޯދާފައެވެ.
ނޫހާއަކީ ކުޑައިރުއްސުރެ ވެސް ކިޔެވުމަށް އިސްކަންދިން ކުއްޖެކެވެ. މަންމައާއި ބައްޕަގެ ބަސްއެހުމުގެ ނަތީޖާއަކީ މިއަދު އޭނާ ހޯދި ކާމިޔާބީތަކެވެ. އެ ކާމިޔާބީގެ ފަހަތުގައި ތިބީ މަންމައާއި ބައްޕައާއި ދައްތަމެންނެވެ.
" އެންމެ ކުޑައިރުއްސުރެ ވެސް ކިޔެވުމަށް ވަރަށް ބޮޑަށް ސަމާލުކަންދޭނެ. ސްކޫލުންދޭ ފިލާވަޅުތައް ބަރާބަރަށް ނިންމާނެ. ގިނަ މާއްދާތަކުން ސަތޭކަ ހޯދާނެ " ނޫހާގެ މަންމަ ބުންޏެވެ.
ނިހްލާ ހޯދި ކާމިޔާބީ ހޯދަން ނޫހާ ވަރަށް މަސައްކަތްކުރިއެވެ. ދައްތަ ހޯދި ކާމިޔާބީ ދަމަހައްޓަން ލެވުނު ހިތްވަރެއް ލިއެވެ. ބައެއް މާއްދާތަކުން ޓިއުޝަން ނެގިއެވެ. ޕާސްޓްޕޭޕަރުތައް ހަދައި، އޯލެވެލްއަށް ދުރާލާ ތައްޔާރުވިއެވެ.
" އޯލެވެލްއަށް ދުރާލާ ތައްޔާރުވާންފެށީ. ބައެއްފަހަރު ޓީޗަރުންގެ އެކްސްޕެކްޓޭޝަން މަތިވެގެން ކުރިއަށްދާން އުނދަގޫވެސްވި. އެ ޓީޗަރުންގެ ވެސް އުއްމީދަކީ އެއްވަނަ" ނޫހާގެ މަންމަ ބުންޏެވެ.
ނިމިގެންދިޔަ އަހަރު ކަލާފާނު ސްކޫލްގެ ޑެޕިއުޓީ ކެޕްޓަނަކީ ނޫހާއެވެ. އޭގެ ކުރިން ހައުސްތަކުގެ ވައިސްކެޕްޓަންކަން ވެސް އޭނާ ވަނީ ކޮށްފައެވެ. އިތުރު ހަރަކާތަށްވުރެ ބޮޑަށް ނޫހާ އިސްކަންދިނީ ކިޔެވުމަށެވެ. މަދުން ނަމަވެސް އިތުރު ހަރަކާތްތަކުގައި ބައިވެރިވިއެވެ. އޭގެތެރޭގައި އަދަބީ ހަރަކާތްތައް ހިމެނެއެވެ.
ނޫހާ ކިޔެވީ ސައިންސް ސްޓްރީމެވެ. އެންމެ ކިޔަވާ ހިތްވީ ފިޒިކްސްއާއި ބައިލޮޖީއެވެ. ކުޑައިރު ޓީޗަރެއްގެ ގޮތުގައި ކުރިއަށްދާން ނިންމައިގެން ހުރި ނޫހާ، ބައިލޮޖީ ކިޔަވަން ފެށުމާއެކު މިސްރާބު މެޑިސިންއާ ދިމާއަށް އެނބުރުނެވެ.
"ބައިލޮޖީ ކިޔަވަން ފެށީމާ އިންސާނާގެ ހަށިގަނޑު މަސައްކަތްކުރާ ގޮތް މި އެނގެނީ. އެ ހިސާބުން މެޑިސިންއަށް ދާން ޝައުޤު އުފެދުނީ" ނޫހާ ކިޔައިދިނެވެ.
ނޫހާ ދަނީ ސީއެޗްއެސްސީގެ ގްރޭޑް އެގާރައިގައި ކިޔަވަމުންނެވެ. އަމާޒު ހިފާފައި ހުރީ ރައީސުލްޖުމުހޫރިއްޔާގެ ސްކޮލަރޝިޕް ހޯދައިގެން މެޑިސިންގެ ދާއިރާއިން ކުރިއަށް ދާށެވެ. އޯލެވެލްއާ އަޅާބަލާއިރު، އޭލެވެލްއިން އެއްވަނަ ހޯދުން ފަސޭހައެއް ނޫނެވެ. އެކަން ނުހާ ދަނެވެ.
އޯލެވެލްއަށް ތައްޔާރުވާ ކުދިންނަށް ނުހާ ދޭ ނަސޭހަތަކީ މިއެވެ: ދުރާލާ ތައްޔާރުވާށެވެ. ވީހާ ވެސް ގިނައިން ޕާސްޓްްޕޭޕަރުތައް ހަދާށެވެ. މާކްސް ސްކީމަށް ސަމާލުކަން ދޭށެވެ. ފިލާވާޅުތައް ހިތުދަސްނުކުރާށެވެ. އޭގެ ބަދަލުގައި ފިލާވަޅުގައި ބުނާއެއްޗެއް ފަސޭހައިން ބޮލަށް ނެގޭނެ ގޮތެއް ހޯދާށެވެ. އޭރުން ކާމިޔާބު ވާނެއެވެ.
ކިޔުންތެރިންގެ ޚިޔާލުތައް
ހޯއްދެވި ކާމިޔާބީއަށް ޝުކުރިއްޔާ އޭލެވެލްއިންވެސް ރަނގަޅު ކާމިޔާބެއް ހޯދާށެވެ