ބޮޑުފޮޅުދޫ ސްކޫލުން، ދަރިވަރުންނަށް ދިނީ ވާރެޔާ ތެމިލާނެ ވަގުތުކޮޅެއް

ބޮޑުފޮޅުދު ސްކޫލްގެ ފިރިހެން ދަރިވަރުން ވާރެތެރޭގައި ފުޓްސެލް ކުޅެނީ: އެ ސްކޫލުން ދަރިވަރުނަށް ހޯދައިދިނީ އުފަލާއެކު ކުޅެލާނެ ތަފާތު ވަގުތުކޮޅެއް- ފޮޓޯ: ބޮޑުފޮޅުދޫ ސްކޫލް

ބޮޑުފޮޅުދޫ ސްކޫލުން، ވާރެޔާ ތެމިލާނެ ވަގުތުކޮޅެއް ދަރިވަރުންނަށް ދީފިއެވެ. މި ދުވަސްވަރަކީ މުޅި ރާއްޖެއަށް ވެސް ވިއްސާރަ ކުރަމުންދާ ދުވަސްވަރެކެވެ.

ސްކޫލްގެ ޔުނީފޯމްގައި އެ ސްކޫލުގެ ދެ ޖިންސްގެ ދަރިވަރުން ވާރެތެރޭގައި ހޭދަކުރީ އުފަލާއި މަޖަލުގައި ވަގުތުކޮޅެކެވެ. ބޮޑުފޮޅުދޫ ސްކޫލުން އާންމުކުރި ފޮޓޯތަކުން ފެންނަނީ ދަރިވަރުން އުފާވެރިކަމާއެކު ވާރެޔާ ތެމެމުންދިޔަ މަންޒަރެވެ. ފިރިހެން ދަރިވަރުން ވާރޭގެ ތެރޭގައި ދިޔައީ ފުޓްސަލް ވެސް ކުޅެމުންނެވެ.

 

ވާރެއާ ތެމުމަކީ ރަށްފުށުގައި އާންމު ކަމެއް ނަމަވެސް، ސްކޫލްގެ ތެރޭގައި، ޔުނީފޯމްގައި އެފަދަ ފުރުޞަތު ފަހިކޮށްދޭ ތަނެއް މީގެ ކުރިން ނުފެނެއެވެ.

ބޮޑުފޮޅުދޫ ސްކޫލުން އެކަން ސިފަކުރީ ފިނިވާރޭގައި ދަރިވަރުން އުފަލާއި މަޖަލުގައި ހޭދަކުރި ވަގުތު ކޮޅެއްގެ ގޮތުގައެވެ.
ބޮޑުފޮޅުދޫ ސްކޫލުން ބުނީ، ދަރިވަރުންނަށް ވާރެޔާ ތެމިލުމުގެ ފުރުޞަތު ދިނީ، ސްކޫލްގެ ކިޔެވުމުގެ ގަޑި ނިންމާލިއިރު، ބޯކޮށް ވާރޭ ވެހެމުން ދިއުމާއެކު ގެއަށް ދިއުމުގެ ކުރިން ކުޅެލާނެ ފުރުޞަތެއް ދިނުމުގެ ގޮތުން ކަމަށެވެ.

" ހެދުނުއްސުރެ ވާރޭ ވެހެމުން ދިޔައީ. ކިޔެވުން ނިންމާފައި، ދުވަހާ އެންމެ އެކަށޭނެ ކުޅިވަރެއްގެ ގޮތުގައި ވާރެޔާ ތެމިލާނެ ވަގުތުކޮޅެއް ދިނީ." އެ ސްކޫލުން މައުލޫމާތު ދިން އޮފިޝަލަކު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ވާރެޔާ ތެމިލަން ފުރުޞަތު ދިނުމުން، ދަރިވަރުން ތިބީ ވަރަށް ގަޔާވެ އުފާވެފައި ކަމަށެވެ.

 

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *