ވަޖީހުގެ ނަތީޖާ ސަތޭކައިގައި

އޭދަފުށީ ވަޖީހަކީ، މާލޭގެ ސްކޫލްތަކަށް އައު ނަމެއް ނޫނެވެ. ކުރީގެ އީޕީއެސްއެސް އިން ތައުލީމު ހާސިލް ކުރެއްވުމަށްފަހު ވަޖީހު އަމާޒު ހިއްޕެވީ ދިވެހިބަސް ދަރިވަރުންނަށް އުނގަންނަވާ ދެއްވުމަށެވެ. އެންމެ ގިނަ ދަރިވަރުންތަކެއް ބައިވެރިކޮށް ދިވެހި މާއްދާއިން އެންމެ ފުރިހަމަ ނަތީޖާއެއް މިހާތަނަށް  މުޅި ރާއްޖޭގައިވެސް ހޯދީ އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުންނެވެ. ވަޖީހަކީ، މި ނަތީޖާ ކުދިންނަށް ހޯދައިދިނުމަށް އެންމެ ބުރަކޮށް މަސައްކަތްކޮށްދެއްވާ ގްރޭޑް 10 ގެ އެންމެ ގިނަ ދަރިވަރުންނަށް ދިވެހިބަސް ކިޔަވައިދެއްވާ އަހުމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ ދިވެހި މުދައްރިސެވެ. ދިވެހީގެ ހެޑް އޮފް ޑިޕާޓްމަންޓެވެ. އަދަބީ ޖަމްޢިއްޔާ ދަރިވަރުންގެ ހިޔާގެ ވިލަރެސް ވެރިޔާއެވެ. އަޙްމަދިއްޔާގެ ސީނިއަރ ލީޑިންގ ޓީޗަރެވެ.

ވަޖީހުގެ ކިޔަވައި ދިނުމުގެ ކެރިއަރ ފެއްޓެވީ ސްކޫލު ދައުރު ނިންމާލި ގޮތަށެވެ.

" އޭރު އޮންނަ ގޮތުން ސްކޫލު ނިންމާފައި ސަރުކާރަށް ޚިދުމަތްކުރަންޖެހޭ 2 އަހަރު އޮވޭ. އެހެންވީމާ ގޮތަކަށް މަޖުބޫރުވީ ސްކޫލަކަށް ވަންނަން" ވަޖީހު ކިޔަވައިދިނުމުގެ ތެރެއަށް ވެންނެވި ގޮތް  ވިދާޅުވިއެވެ.

ސްކޫލް ދައުރު ނިންމާލެއްވުމަށް ފަހު ވަޖީހު އެންމެ ފުރަތަމަ ވެންނެވީ މައުހަދުއް ދިރާސާތިލް އިސްލާމިއްޔާ އަށެވެ. އެ ތަނުގައި ސެކްރެޓަރީ އަކަށް ދެ އަހަރު އުޅުއްވިއެވެ. އޭގެފަހުން އީޕީއެސްގެ ޕްރިންސިޕަލް ހަސަން މާހިރު ވަޖީހު ގެންދަވައި އެ ސްކޫލުން ދިވެހި މުދައްރިސެއްގެ ވަޒީފާ ހަމަޖައްސަވާ ދެއްވިއެވެ. އީޕީއެސްގެ އަދަބީ ހުރިހާ ހަރަކާތްތަކެއް ވަޖީހުގެ ބެއްލެވުމުގެ ދަށުން ކުރިއަށް ގެންދަވާގޮތަށް ހަމަޖެއްސެވިއެވެ.  އެގޮތުން އެ ދުވަސްވަރު އެ ސްކޫލުން ނެރުނު ހުރިހާ ނޫހަކާއި މަޖައްލާއެއްގެ މަސްއޫލުވެރިއެއްގެ ގޮތުގައި ހުންނެވީ ވެސް ވަޖީހެވެ.

"އީޕީއެސް ސްކޫލްގައި ކިޔެވިއިރު އޮންނާނެ ތަރި ކިޔާ މަޖައްލާ އެއް. އަޅުގަނޑު ގެ ނަން ވެސް އޭރު މަޝްހޫރު ވެފައި އޮންނަނީ ތަރި ވަޖީހުގެ ނަމުގައި." ވަޖީހު އެދުވަސްވަރުގެ ހަނދާންތައް އާ ކުރެއްވިއެވެ. ވަޖީހު ވިދާޅުވީ، ގްރޭޑު 7،8،9،10 ދަރިވަރުން ނަށް އަމާޒުކޮށް ތަރި މަޖައްލާ ހަތަރު އަހަރު ވަންދެން ނެރުއްވި ކަމަށެވެ. މި ހަތަރު އަހަރުގެ ތެރޭގައި ގާތްގަނޑަކަށް ފަސްދޮޅަހަކަށް އަދަދު ނެރުއްވިއެވެ.

" އޭރު އަތުން ލިޔެގެން މަޖައްލާ ނެރެނީ. އެއް ކުލާހަށް ގެންގޮސްގެން އަނެއް ކުލާހަށް ގެންގޮސްގެން އެ ކަހަލަ ގޮތަކަށް ކުރިއަށް ދިޔައީ. ދެން ފަހު އަހަރު ޗާޕް ކުރީ. ޗާޕްކޮށްގެން ކުލާސް ތަކަށް ފަހުން ބަހަމުން ގެންދިޔައީ." ތަރި މަޖައްލާގެ ކަންކަން ކުރިއަށް ދިޔަ ގޮތް ވަޖީހު ވިދާޅުވިއެވެ.

"މި ދާއިރާއަށް ބޮޑަށް ވަދެވުނީ އެހިސާބުންނޭ ބުނެވޭނީ. ހަގީގަތުގައި ދަރިވަރެއްގެ ގޮތުގައިހުރެ އަދަބީ އެކިއެކި ކަންކަމުގައި ޙަރަކާތް ތެރިވާތަން ފެނިވަޑައިގެން ޙަސަން މާހިރަށް އެނގި ވަޑައިގަންނަވައިފި ދިވެހި މުދައްރިސަކަށް ނުވަތަ ދިވެހި ހަރަކާތްތަކުގެ އެންމެ އިސް މީހަކަށް އަޅުގަނޑަށް ވެވިދާނެކަން" ވަޖީހު ވިދާޅުވިއެވެ.

ވަޖީހު އީޕީއެސް އާ ގުޅުނީ ދިވެހި ޓީޗަރަކަށް ކަމަށް ވުމުން އީޕީއެސްގެ އަދަބީ ހަރަކާތްތައް ކުރިއެރުވުން އޮތީ ވަޖީހުގެ ވަރަށް އިސް މަސައްކަތަކަށް ވެފައެވެ.

އީޕީއެސްގައި ފުރަތަމަ ވެސް ވަޖީހު ކިޔަވައިދެއްވަން ފެށްޓެވީ ގްރޭޑު 9 ގެ ދަރިވަރުންނަށެވެ. އޭރު ދިވެހި ޑިޕާޓްމަންޓްގައި އެންމެ އިސްކޮށް ހުންނަވަނީ، ވަޖީހަށް ގްރޭޑް 7،8،9،10 ގައި ދިވެހިބަސް ކިޔަވައިދެއްވި މުދައްރިސް ޢަބްދުﷲ ޞާދިޤެވެ. އެއީ 1991 ވަނަ އަހަރެވެ. ޖެހިގެން އައި 1992 ވަނަ އަހަރު ހެޑް އޮފް ޑިޕާޓްމަންޓްގެ މަގާމަށް ވަޖީހު ހަމަޖެއްސެވިއެވެ. ޓީޗަރެއްގެ އިތުރުން ދަރިވަރުންގެ ޖަމްޢިއްޔާ ލިޓްރަރީ ކަލްޗަރަލް ސޮސައިޓީ (އެލްސީއެސް) ވެސް ހަވާލު ކުރެއްވިއެވެ. 1992 ވަނަ އަހަރުން ފެށިގެން އެ ދުވަސްވަރު ސްކޫލުން ބާއްވާ އެންމެ ވަރުގަދަ ބައްދަލުވުން، "އަތޮޅުތަކުގެ ދަރިވަރުންގެ މަހާސިންތާ" ހިންގުމުގައި ވެސް އެންމެ އިސް މީހެއްގެ ގޮތުގައި ޕްރިންސިޕަލް ހަސަން މާހިރު ހަމަޖެއްސެވީ ވަޖީހެވެ. އެބައްދަލުވުން މެދުކެނޑުމެއްނެތި 14 އަހަރު ހިންގެވިއެވެ.

މިހާތަނަށް ދިވެހީގެ ހެޑް އޮފް ޑިޕާޓްމަންޓްކަން މެދުނުކެނޑި އެންމެ ގިނަ ދުވަހު ކުރައްވާފައިވަނީ ވަޖީހުކަމުގައި ދެންނެވިދާނެއެވެ. އޭނާގެންދަވަނީ 1992 ވަނަ އަހަރުން ފެށިގެން މިހާތަނަށްވެސް 27 އަހަރު ހެޑް އޮފް ޑިޕާޓްމަންޓްކަން ކުރައްވަމުންނެވެ. އޭގެ ތެރޭގައި އީޕީއެސް ސްކޫލާއި، މަދްރަސަތުލް އަމީރު އަޙްމަދާއި، އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް ހިމެނެއެވެ.

ކިޔަވައިދިނުމުގެ ދާއިރާއަށް ވަންނަވާފައި ވަޖީހު ވަނީ ދާއިރާގެ ތަޖުރިބާ ވެސް ހޯއްދަވާފައެވެ. ވަޖީހަކީ ޑިޕްލޮމާއާއި ޑިގްރީ ފެންވަރުގެ މުދައްރިސުންނަށް ކިޔަވައިދެއްވާފައިވާ އުސްތާޒެކެވެ. ނެޝަނަލް އިންސްޓިޓިއުޓް އޮފް  އެޑިއުކޭޝަނުން (އެންއައިއީ) އެކި އަތޮޅުތަކުގެ މުދައްރިސުންނަށް ހިންގި ތަމްރީނު ޕްރޮގްރާމް ތަކުގައި ވަޖީހު ވަނީ ކިޔަވައިދެއްވާފައެވެ. ރާއްޖޭގެ އުތުރާއި ދެކުނުގެ 3 ސަރަޙައްދެއްގައި މި ތަމްރީން ޕްރޮގްރާމްތައް ހިންގަވާ ގާތްގަނޑަކަށް ސަތޭކައެއްހާ މުދައްރިސުންނަށް ވަޖީހު ވަނީ  ތަމްރީނު ދެއްވާފައެވެ.

ވަޖީހު ވަނީ ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިހާނާއި، ހަޔަރސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުމާކް ކުރެއްވުމުގައި ވަރަށް ގިނަ އަހަރެއްގެ ތަޖްރިބާ ހޯއްދަވާފައެވެ. އޭގެ އިތުރަށް އެސް.އެސް.ސީ އިމްތިހާނާއި، އެޗް.އެސް.ސީ އިމްތިހާނުގެ މޮޑަރޭޓަރެއްގެ ގޮތުންނާއި އެގްޒަމިނަރެއްގެ ގޮތުގައި ވެސް ވަނީ މަސައްކަތް ކުރައްވާފައެވެ.

ކިޔަވައިދިނުމުގެ އެތައް އަހަރެއްގެ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ވަޖީހު ވިދާޅުވީ، އޭރު ދިވެހި ކިޔަވައިދިން ކުދިންނާ މިހާރުގެ ކުދިންނާ ވަރަށް ތަފާތު ކަމަށެވެ.

" ދެން މިހާރު މާ ބޮޑަށްވެސް ކުދިން ޝައުޤުވެރިކަން ދޭކަން ޚާއްޞަ ގޮތެއްގައި  ފާހަގަ ކޮށްލެވޭ. ސަބަބަކީ މިހާރު ރަނގަޅު ނަތީޖާތަކެއް ކުދިން އެބަ ހޯދާ އޭރާ އަޅައި ބަލާއިރު." ވަޖީހުގެ ތަޖުރިބާ ވިދާޅުވެދެއްވިއެވެ.

ވަޖީހު ބުނުއްވީ މީގެ އަހަރު ތަކެއް ކުރިއަށް ބަލާއިރު ކިޔަވައިގެން ނުކުންނަ ކުދިންގެ ލިޔުމުގެ ފެންވަރާއި ޢިބާރާތް ކުރުމުގެ ފެންވަރު ތަންކޮޅެއް ރަނގަޅު ކަމަށާއި އެކަމަކު ދިވެހި މާއްދާއަށް ބަލާއިރު މިހާރު ގިނަ އަދަދެއްގެ ކުދިން ފާސްވެގެން ނިކުންނަކަން ފާހަގަކުރެއްވޭ ކަމަށެވެ.

" އޭރާ ބަލާއިރު ފާސްވާ ނިސްބަތް މާރަނގަޅު ކަންނޭނގޭ މިހާރު. އޭރު ނަތީޖާ ހޯދައިދިނުމަށް ކުރާ މަސައްކަތަށް ވުރެ މިހާރު ކޮށްދެވޭ މަސައްކަތް މާގިނަ. ގިނަ ވަގުތު ތަކެއް ކިޔަވައިދިނުމުގައި މިހާރު ހޭދަ ކުރަންޖެހޭ. އޭރުގައި އީ.ޕީ.އެސްގައި ދަރިވަރުން ހޯދި ނަތީޖާއަށް ވުރެ މިހާރު މި މަސައްކަތް ކުރާ ތަނުގައި ދަރިވަރުން ހޯދާ ނަތީޖާ މާ ރަނގަޅު."

ވަޖީހު ވިދާޅުވިގޮތުގައި މިހާރު އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގައި ދިވެހި މާއްދާއިން ފާސްވާ ކުދިންގެ ނިސްބަތް އުޅެނީ ވަރަށް މަތީގައެވެ. ނުވަދިހަ ނުވަ ޕަސެންޓް، ސަތޭކަ ޕަސެންޓް، ކުދިން އެބަ ހާސިލްކުރެއެވެ. އަހުމަދިއްޔާ ކުދިންގެ މި ތަފާތު އަންނަނީ ސަބަބެއްނެތި ނޫންކަން ވެސް ވަޖީހު ފާހަގަކުރެއްވިއެވެ. ވަޖީހު ބުނުއްވީ ކުދިން ނެރޭ ނަތީޖާ ބިނާވެފައި އޮންނަނީ ކިޔަވައި ދިނުމުގެ ފެންވަރާއި ކިޔަވައި ދިނުމުގެ ވައްޓަފާޅިއަށާއި ކޮށްދެވޭ މަސައްކަތަށް ކަމުގައެވެ.

އަހުމަދިއްޔާ ގައި ކޮންމެ އަހަރަކު ވެސް މާއްދާތަކުން މަތީ ނަތީޖާ ހޯދައިދޭ ޓީޗަރުންގެ ނަން އަހަރީ އިނާމު ދިނުމުގެ ޖަލްސާގައި ފާހަގަކުރެއެވެ. އެއީ ޓީޗަރުންގެ އަގު ވަޒަންކޮށް ނަތީޖާ ނެރެދިނުމުގައި ޓީޗަރުން ކުރައްވާ ބުރަ މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ކުރައްވާ ކަމެކެވެ.

" އަޙްމަދިއްޔާ ގައި ކޮންމެ އަހަރަކު ވެސް 90 އިންސައްތަ އަށްވުރެ މަތިން ނަތީޖާ ނެރެދޭ މުދައްރިސުންގެ ނަން، އިނާމު ދިނުމުގެ ޖަލްސާގައި ފާހަގަ ކުރާނެ. އަދި 100 އިންސައްތަ ހޯދާ މުދައްރިސުންގެ ނަން ވަރަށް ޚާއްޞަ ގޮތެއްގައި ފާހަގަކުރޭ. އޭގެ އިތުރުން ދަރިވަރުންނަށް މާއްދާތަކުން "ބްރިލިއަންސް އެވޯޑް" އަދި ރާއްޖެއިން 1 ވަނަ ހޯދައިދޭ މުދައްރިސުންވެސް ފާހަގަ ކުރާނެ" ވަޖީހު ވިދާޅުވިއެވެ.

ކިޔަވައި ދިނުމުގެ 27 އަހަރުގެ ތަޖުރިބާގައި އެންމެ ފާހަގަކޮށްލަން ބޭނުން ވަނީ ކޮންކަމެއްތޯ އެހުމުން ވަޖީހު ބުނުއްވީ  އެންމެ ބޮޑަށް ފާހަގަ ކޮށްލެވޭ ކަމަކަށް އޮންނަނީ ރަނގަޅު ނަތީޖާ ހޯދާދެވޭ ކަމެވެ.

" އެންމެ ބޮޑަށް އުފާވާ ކަމަކީ ކިޔަވައިދޭ ކުދިން ފާސްވުން. ދެން އެންމެ މަތީ ނަތީޖާ ހޯދުން. މިސާލަކަށް މިހާރު ނަމަ އޭ ސްޓާރ ލިބޭ ކުދިންގެ އަދަދު ފުދޭ ވަރަކަށް ގިނަވެގެން ދިއުން. އަޙްމަދިއްޔާ ގައި މަސައްކަތް ކުރި 10 އަހަރު.  2009 އަކުން 2019 އަހަރަށް މިވީ  10 އަހަރު ތެރޭގައި ކޮންމެ އަހަރަކު  ގާތްގަނޑަކަށް %98 އަށް ވުރެ މަތިން އެބަ ހޯދާދެވޭ ކުދިންނަށް. އެއީ އެސް.އެސް.ސީ އާއި އެޗް.އެސް.ސީ ގައި."  ވަޖީހު ވިދާޅުވިއެވެ.

"އޭގެ ތެރޭގައި 3 އަހަރު މި ހޯދާ ދެވުނީ 100. އެއީ ސަތޭކަ އެތައް ކުދިންނަށް ކޮންމެ އަހަރަކުކިޔަވައި ދީގެން. އަދި ބްރިލިއަންސްވެސް ހޯދައިދެވިފައިވާނެ." ވަޖީހުގެ ކާމިޔާބީ އޭނާ ހިއްސާކުރެއްވިއެވެ.

ވަޖީހު ގަބޫލުކުރައްވާ ގޮތުގައި ސަތޭކަ އެތައް ކުދިންނަކަށް ސަތޭކަ ޕަސެންޓް ހޯދައި ދެވޭނީ ވަރަށް ބުރަކޮށް މަސައްކަތްކުރައްވައިގެންނެވެ.

" ޓެސްޓާ ހިސާބަށްވެސް ހުރިހާ ކުދިންނަށް ވެސް އެއްގޮތަކަށް މި ކިޔަވައި ދެވެނީ. ކިޔަވައި ދީފައި ޓެސްޓެއް ނަގާފައި އެބަ އެގޭ މާއްދާއަށް ދަށް ކުދިންތަކެއް އުޅޭކަން. ޚާއްސަކޮށް ފާސް ނުވާނެ ކުދިން. ދެން އެ ކުދިން ހޮވާލާފައި ވަކިން ގެނެސްގެން ވަކި ކްލާސްތަކެއްގެ ގޮތުގައި މަސައްކަތް ކޮށްދެނީ. ޚާއްޞަކޮށް ފަހު ދެތިން މަސް ތެރޭގައި ރޭގަނޑު 3 ގަޑިއިރު ހުރިހާ ކުދިން ގެންގޮސްގެން އެބަ މަސައްކަތް ކޮށްދެން."  ވަޖީހުގެ މަސައްކަތާ ބެހޭގޮތުން ވިދާޅުވިއެވެ.

މިގޮތަށް ގެންދެވުމުން އެކުދިން ކިހާ ބޮޑަށް އިމްޕްރޫވް ވޭތޯ އެހުމުން ވަޖީހު ބުނުއްވީ އެހެން ހެދީމަ އެކުދިން ފާސްވާ މިންވަރު އިތުރުކުރެވޭ ކަމަށާއި ހުރިހާ ކުދިންގެ ނަތީޖާވެސް މައްޗަށް ޖައްސަވާލެވޭ ކަމުގައެވެ.

ކިޔަވައިދޭ އިރު ކުދިން ޝައުގުވެރި ކުރުވުމަކީ މުދައްރިސެއްގެ ކިބައިގައި ހުންނަންޖެހޭ އެންމެ މުހިންމު ސިފައެވެ. ޚާއްޞަކޮށް ދިވެހި މާއްދާ ކިޔަވައިދޭއިރު، ޓީޗަރުގެ ހުނަރާއި ގާބިލުކަން ވަރަށް މުހިންމެވެ. ވަޖީހު ވިދާޅުވީ ކުދިން ޝައުގުވެރިކުރުވަން މިހާރު ކުރާކަމަކީ، ޒަމާނީ ވަސީލަތްތައް ބޭނުންކުރުމެވެ. ކުރީގައި މިކިޔައިދެވެނީ ޓެކްސްޓް ފޮތުގައި ހުންނަ އެއްޗިއްސެވެ. އެކަމަކު އެގޮތް މިހާރު ވަރަށް ބޮޑަށް ބަދަލު ވެއްޖެއެވެ. މިހާރު އެއްގޮތަކަށް ވެސް ފޮތް ބޭނުމެއް ވެސް ނުކުރެއެވެ.  ޚާއްސަ ގޮތެއްގައި މިހާރު ބޯޑު ވެސް ބޭނުން ނުކުރެއެވެ. މާކަރެއް އެއްޗެއް ވެސް ނުވެސް ނުގެންގުޅެއެވެ. މިހާރު ކިޔަވައިދެނީ ހަމަ އެކަނި ޕްރެޒެންޓޭޝަން  ނޫނީ ވީޑިއޯ ކަހަލަ އެއްޗިހި ތައްޔާރުކޮށްގެން ކުދިން ޝައުގުވެރިވާކަހަލަ ފިލާވަޅުތައް ތައްޔާރުކޮށްގެންނެވެ. އެހެން ހެދީމާ ކުދިންގެ ނަތީޖާ ރަނގަޅުވެ ކިޔެވުމަށްވެސް ސަމާލުކަން ދެވެއެވެ. އަދި ކުދިން ކުރާ ހުރިހާ މަސައްކަތެއް ބަލައި މާކުސް ދިނުމަކީވެސް ކުދިންނަށްވެސް ލިބޭ ހިތްވަރަކަށް ވެއެވެ. މާކުކުރާ މިންގަޑުވެސް ގެންގުޅެނީ އެސް.އެސް.ސީ އިމްތިހާނުގައި މާރކް ކުރާ މިންގަޑެވެ.

"އެހެންވެ، ކުދިން ހަމަ ރަނގަޅު ނަތީޖާ އެބަ ހޯދާ." ގްރޭޑު 12،11،10 އަށް ކިޔަވައި ދެއްވާ ވަޖީހުގެ ތަޖުރިބާގެ އަލީގައި ކިޔައި ދެއްވިއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *