މުޙްޔިއްދީން ސްކޫލް ދަރިވަރުންގެ ފޮޓޯ ގްރަފީގެ ހުނަރުން ދައްކުވައިދިން ތަފާތު މަންޒަރު

މުޙްޔިއްދީން ސްކޫލްގެ ދަރިވަރުން ގެނެސްދިން " ބުކް ފޭސް" ފޮޓޯތަކަށް ބޮޑު ސަމާކަމެއް ލިބިއްޖެއެވެ.

މިއީ މިދިޔަ ބުރާސްފަތި ދުވަހު، ލައިބްރަރީ ގަޑީގައި ދަރިވަރުން ޚާއްޞަ މަސައްކަތެއްގެ ގޮތުގައި ގެންދިޔަ ހަރަކާތެކެވެ. މި ހަރަކާތުގައި އެ ދަރިވަރުން ފޮޓޯނެގީ ލައިބްރަރީގައި ހުރި ފޮތްތައް ބޭނުންކޮށްގެން، އެ ފޮތްތަކުގެ ބޭރުގަނޑުގައިވާ ކުރެހުމާއި ދަރިވަރުގެ ހަރަކާތްތަކާ ގުޅުވައިގެންނެވެ.

ކުދިންގެ އަމިއްލަ އުފެއްދުންތެރި ޚިޔާލުތަކާއެކު ފޮތްތަކާ ގުޅުވައިގެން ނެގި ފޮޓޯތަކަށް އެތައް ބައެއްގެ ތައުރީފު ވަނީ ލިބިފައެވެ. މި ފޮޓޯތަކުން ދައްކުވައި ދެނީ، ދަރިވަރުންގެ އުފެއްދުންތެރި ޚިޔާލުތަކާއި އެކުދިންގެ ހުނަރާއި ވިސްނުމެވެ.

މުޙްޔިއްދީން ސްކޫލްގައި ލައިބްރޭރިއަން، މަރިޔަމް މުނާ މޫސާ ވިދާޅުވީ، ލައިބްރަރީއަކީ ހަމައެކަނި ފޮތް ކިޔަން އަންނަ ތަނެއް ނޫން ކަމަށާއި، އެތަނުން ދަރިވަރުންނަށް އަމާޒުކޮށް ތަފާތު ހަރަކާތްތައް ކުރިއަށް ގެންދާ ކަމަށެވެ. މިދިޔަ ބުރާސްފަތި ދުވަހު ވެސް ކުރިއަށް ގެންދިޔައީ އޭގެ ތެރެއިން ތަފާތު އެއް ހަރަކާތް ކަމަށް މުނާ ވިދާޅުވިއެވެ.

މުނާ ވިދާޅުވީ، ތަފާތު ހަރަކާތްތައް ކުރިއަށް ގެންދަނީ، އެކި ވައްތަރުގެ ފޮތްތައް ކުދިން ކިޔެވުމަށް ހިތް ޖެއްސުމުގެ ގޮތުންނެވެ.

" ފޮޓޯ ނެގުމުގެ ޚިޔާލު ދެއްވީ، ޑެޕިއުޓީ ޕްރިންސިޕަލް. ފޮޓޯ ނަގަން ފުރަތަމަ ކުދިން ޖެހިލުންވެސް ވި. ކުދިންގެ މޫނު ނާރާގޮތަށް ހަރަކާތްތައް ކުރިއަށް ގެންދަން ކިޔަދީގެން ކުދިން އޭގެ ތެރެއަށް ވެއްދި. އެ ހިސާބުން އެކުދިން ވަރަށް ގަޔާވެ، ތަފާތު ހުނަރުތަކެއް މި ނެރުނީ" މުނާ ވިދާޅުވިއެވެ. މުނާއާއެކު މަސައްކަތް ކުރަމުންދާ އާމިނަތު އަބްދުލް ޣަނީ (އާނަ)ގެ މަސައްކަތް ވެސް މުނާ ފާހަގަކުރެއްވިއެވެ.

" ބުކް ފޭސް" ފޮޓޯ ނެގުމުގެ އެ ހަރަކާތުގައި އެ ސްކޫލްގެ ގުރޭޑް 8އާއި 9 އަދި ދިހައެއްގެ ދަރިވަރުން ބައިވެރިވިއެވެ. އޭގެ އިތުރުން ދަށު ގުރޭޑްތަކު ވެސް ބައެއް ދަރިވަރުންނަށް އެ ދުވަހު ލައިބްރަރީއަށް އައި ދަރިވަރުންނަށް ފަހިކޮށް ދިނެވެ.

މުނާ ބުނީ، ލައިބްރަރީއަށް ޚާއްޞަ ގަޑިއެއް ކުރިން ނެތް ނަމަވެސް، މިހާރު ބޮޑެތި ކުދިންނަށް ވެސް ލައިބްރަރީ ގަޑިއެއް ޚާއްޞަ ކުރުމުގެ ނަތީޖާ ފެންނަމުންދާ ކަމަށެވެ.

" ބޮޑެތި ކުދިން ވެސް ކުރިން ވާހަކަ ކިޔާތަން ފެންނަނީ، މިހާރު އެބަފެނޭ ތަފާތު ވައްތަރުގެ ފޮތްތައް ކިޔާތަން" މުނާ ވިދާޅުވިއެވެ.

750 އެންހާ ދަރިވަރުން ކިޔަވަމުން އަންނަ މުހުޔިއްދީން ސްކޫލްގެ ދަރިވަރުން ދެއްކީ އެކުދިންގެ ތަފާތު ހުނަރެކެވެ. އެފަދަ އެތައް ހުނަރެއް އަދި ވެސް ފެންނާނެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *