ތޮއްޑޫ ސްކޫލްގައި ގުރޭޑް 11އަށް ކިޔަވާ ދަރިވަރުންގެ ޚަރަދު މި އަހަރުވެސް ދެނީ

ތޮއްޑޫ ސްކޫލްގައި ގުރޭޑް 11ގައި ހުސްވި އަހަރު ކިޔަވަން ފެށި ދަރިވަރުންނަށްވަނީ ހޫނު މަރުޙަބާއެއް ކިޔާފައި.- ފޮޓޯ: ތޮއްޑޫ ސްކޫލް

އއ. ތޮއްޑޫ ސްކޫލްގައި ގުރޭޑް 11 އަށް މި އަހަރު ކިޔަވާ ދަރިވަރުންގެ ޚަރަދުތަކުގެ އިތުރުން އެލަވަންސެއް ހަމަޖައްސަން އެރަށު ކައުންސިލުން ނިންމައިފިއެވެ.

މަތީ ސާނަވީއަށް ކިޔަވައިދޭން ތޮއްޑޫ ސްކޫލްގައި ފެށީ މިދިޔަ އަހަރުއެވެ.

ތޮއްޑޫ ކައުންސިލުން މިރޭ ކުރި އިއުލާނުގައި ބުނެފައި ވަނީ، ތޮއްޑޫ ސްކޫލްގައި މި އަހަރު ވެސް ގުރޭޑް 11އަށް ކިޔަވައިދޭން ނިންމާފައިވާ ކަމަށާއި، ގުރޭޑް 11އަށް ކިޔަވަން ރަށުން ބޭރުން އަންނަ ދަރިވަރުން، ތިބުމާއި ކެއުމުގެ އިންތިޒާމް އެ ކައުންސިލުން ހަމަޖައްސައިދޭނެ ކަމަށެވެ. މި އިނާޔަތް އެ ދަރިވަރުންގެ ކިޔެވުން ނިމެންދެން ދެމުން ގެންދާނެ ކަމަށް ވެސް އެ އިއުލާނުގައި ބުނެފައިވެއެވެ. އަދި ރަށުން ބޭރު ދަރިވަރުންގެ އިތުރުން ގުރޭޑް އެގާރައިގައި ކިޔަވާ އެ ރަށުގެ ދަރިވަރުންނަށް ވެެސް އެލަވަންސެއް ދޭނެ ކަމަށް ވެސް ތޮއްޑޫ ކައުންސިލުން ބުނެފައިވެއެވެ. އެލަވަންސްގެ ގޮތުގައި ދޭ އަދަދެއް އިއުލާނުގައި ބުނެފައެއް ނުވެއެވެ.

ތޮއްޑޫ ސްކޫލްގެ ލީޑިންގ ޓީޗަރު، މަރިޔަމް ލިއުޝާ ދަރިވަރު ނޫހަށް ވިދާޅުވީ، ފާއިތުވި އަހަރު އެ ސްކޫލުން 32 ދަރިވަރަކު އޯލެވެލް ހަދާގައިވާ ކަމަށާއި، އޭގެތެރެއިން 17 ދަރިވަރުން އޭލެވެލްއަށް ކިޔަވަން ބޭނުންވާ ފަސް މާއްދާއިން ފާސްވެފައިވާ ކަމަށެވެ.

" ޓޮޕްޓެންގައި ވެސް ހަ ކުދިން ހިމެނުނު، އޭގެ ތެރެއިން ތިން ކުދިން މާލެ ބަދަލުވީ. ރަށުގައި ތިބި ބައެއް ކުދިން އޭލެވެލްއަށް ދިއުމުގެ ބަދަލުގައި ފައުންޑޭޝަން ކޯހެއް ހަދަން ބޭނުންވަނީ، އެހެންވެ އުއްމީދު ކުރި ވަރަށް ކުދިން ހަމަވުމުގައި ދަތިތަކެއް ކުރިމަތި ވަނީ" ލިއުޝާ ވިދާޅުވިއެވެ.

" 15 ވަރަށް ދަރިވަރުން ލިބިގެން އަޅުގަނޑުމެންނަށް ގުރޭޑް އެގާރަ ކުރިއަށް ގެންދެވޭނީ "

ރަށުގައި ތިބިގެން އޭލެވެލްއަށް ކިޔެވުމަށް ތޮއްޑޫ ކައުންސިލުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިދިޔަ އަހަރު 11އަށް ކިޔަވައިދޭން ފެށީ ވެސް ކައުންސިލުގެ ވަރަށް ބޮޑު އެހީތެރިކަމާއެކު ކުރި މަސައްކަތުންނެވެ.

ތޮއްޑޫ ކައުންސިލުން ކުރި އިއުލާނެއްގައި ބުނެފައި ވަނީ ގުރޭޑް 11ގައި ކިޔަވަން ޝައުގުވެރިވާ ދަރިވަރުން ކައުންސިލަށް ހުށަހެޅުމުން އެ އިންތިޒާމުތައް ހަމަޖައްސައިދޭނެ ކަމަށެވެ.

ދެހާހެންހާ އާބާދީއެއް އޮތް ތޮއްޑޫ ސްކޫލްގައި 400 އެންހާ ދަރިވަރުން ކިޔަވަމުން ގެންދެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *