އާބާދީ މަދު ސްކޫލްތަކުގައި، ސެޓްލައިޓް ނިޒާމުން މަތީ ސާނަވީއަށް ކިޔަވައިދޭން ދިރާސާކުރަނީ

އެޑިޔުކޭޝަން މިނިސްޓަރު، ރައްޔިތުންގެ މަޖިލީހުގައި މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ: ރަށްރަށުގެ އާބާދީ މަދުވުމުން ސްކޫލްތަކުގެ ވަޞީލަތްތައް ފޯރުކޮށްދިނުމުގައި ގޮންޖެހުންތައް އެބަހުރި ކަމަށް ވިދާޅުވި- ފޮޓޯ: މަޖިލީހުގެ އިދާރާ

އާބާދީ މަދު ސްކޫލްތަކުގައި، ސެޓްލައިޓް ނިޒާމުން މަތީ ސާނަވީއަށް ކިޔަވައިދިނުމާ ގުޅޭ ދިރާސާއެއް ހަދަމުންދާ ކަމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

އާބާދީ މަދުވަމުންދާ ސްކޫލްތަކަށް އޭލެވެލް ކިޔަވައިދޭން ޕްލޭންތަކެއް އެބަހުރިތޯ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ކުރެއްވި ސުވާލުގެ ޖަވާބުގައި މިނިސްޓަރު ވިދާޅުވީ އެފަދަ ސްކޫލްތަކުގައި، ޓީޗަރުން ބައިތިއްބައިގެން ކިޔަވާ ދިނުމަށްވުރެ ސެޓްލައިޓް ނިޒާމު ބޭނުންކުރުމުން ޚަރަދު ކުޑަވެފައި ރަނގަޅު ކޮލިޓީއެއްގައި ކިޔަވައިދެވޭނެ ކަމަށާއި، އެ ދިރާސާ ހަދަމުންދާ ކަމަށެވެ. އަދި މިނިސްޓަރު ވިދާޅުވީ މި ސަރަހައްދު {މާލެ ހިމެނޭ ސަރަހައްދު} ގައި ކިޔަވާ ކުދިންނާ އެއް ފެންވަރުގެ ތަޢުލީމެއް އެ ދަރިވަރުންނަށް ފޯރުކޮށްދެވޭނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ކުދި އާބާދީތަކުގައި އެކަށީގންވާ ވަރަށް ދަރިވަރުން ނެތުމުން، ރިސޯސަސް ފޯރުކޮށްދިނުމުގައި ގޮންޖެހުންތަކާ ކުރިމަތިވާ ކަމަށެވެ. އެކަން ހައްލު ކުރުމުގެ ގޮތުން އެކިއެކި މޮޑެލްތައް ތަޢާރަފު ކުރަމުންދާ ކަމަށެވެ. އެ މޮޑެލްތަކުގެ ތެރެއިން މިނިސްޓަރު ވިދާޅުވީ ސެޓްލައިޓް ނިޒާމުގެ ދަށުން މިހާރު ވެސް ބައެއް ސްކޫލްތަކުގައި ކިޔަވައިދެމުން ގެންދާ ކަމަށެވެ.

ސެޓެލައިޓް ނިޒާމަށް މިހާރު ކިޔަވައިދޭ ސްކޫލުތަކުގެ ތެރޭގައި ބ. ފެހެންދޫއާއި ވ. ތިނަދޫ ހިމެނެއެވެ. އޭގެ އިތުރުން ގއ. ކޮނޑޭއާއި ބ. ފުޅަދޫގައި ކިޔަވައި ދެމުން ގެންދަނީ ގުރޭޑް ނުވައަކަށެވެ.

މިނިިސްޓަރު ވިދާޅުވީ، އދ. ދިއްދޫއިން އައި ރިކްއެސްޓަކާއެކު އެ ރަށު ސްކޫލްގައި ގުރޭޑް ނުވައަކަށް ކިޔަވައިދިނުމަށް ބޭނުންވާ ވަޞީލަތްތައް ފޯރުކޮށްދިން ނަމަވެސް ކިޔަވާނެ ދަރިވަރަލު ނެތުމުން އެ މަސައްކަތް ކުރިއަށް ގެންދެވޭނެ ގޮތެއް ނުވިކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ގުރޭޑް11 އުފައްދަން، ގުރޭޑް 10ން ފާސްވެ، އޭލެވެލް ފެންވަރަށް ޝަރުޠު ހަމަވާ ފަނަރަ ދަރިވަރުން ބޭނުންވާނެ ކަމަށެވެ.

އޭލެވެލްއަށް ކިޔަވައިދޭން ފަށާފައި ބޭނުންވާ ވަރަށް ދަރިވަރުން ހަމަނުވުމުގެ ސަބަބުން ބައެއް ސްކޫލްތަކުން އޭލެވެލްއަށް ކިޔަވައިދިނުން ވަނީ ހުއްޓާލާފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *