ޕްލާސްޓިކާ ދުރުވާން ނޮޅިވަރަންފަރު ސްކޫލުގެ އިސްނެގުން

ރަށުގެ އެކި ތަންތަނަށް ޕުލާސްޓިކް ފުޅިއާއި ޕްލާސްޓިކުން ހަދާފައިވާ ހިފާ ގެންގުޅޭ ސާމާނު އުކާލުމަކީ އާންމު ކަމެކެވެ. ޚިޔާލެއް ފިކުރެއް ނެތި ޖެހުނު ތަނަކަށް އުކާލާ އެ ތަކެއްޗަކީ އާންމުކޮށް ފެންނަ ތަކެއްޗެކެވެ. ނޮޅިވަރަންފަރު ސްކޫލްގެ ދަރިވަރުން ޕްލާސްޓިކް ހޮވަން ނުކުތް އިރު، ކުނީގެ ގޮތުގައި އުކާލާފައިވާ އެހާ ބައިވަރު ޕްލާސްޓިކް އެރަށުން އެއްކުރެވޭނެ ކަމަށް ގަބޫލެއް ނުކުރެއެވެ.

އެކަމަކު މަންޒަރު މުޅިން ތަފާތެވެ. އެކުދިން ވަނީ މަސްދުވަހުގެ ތެރޭގައި އެރަށުގައި ކުންޏަށް ހުރި ހުރިހާ ޕްލާސްޓިކެއް އެއްކޮށް، އެންމެ ހައިރާން ކޮށްލާފައެވެ. ގްރޭޑް އެކަކުން ނުވައަކަށް ކިޔަވަމުން ދިޔަ 230 އެންހާ ދަރިވަރުން ވަނީ 3.3 ޓަނުގެ ޕްލާސްޓިކް އެއްކޮށްފައެވެ. އެ ހުރިހާ ޕްލާސްޓިކެއް އެޅުނީ ޖަންބޯ ސައިޒުގެ 50 ބޭގަށެވެ. މި ހަރަކާތް ކުރިއަށް ގެންދިޔައީ ޕާލޭ މޯލްޑިވްސްއާއި އެރަށު ނޮޅި އެކްސްކޭޕާ ގުޅިގެންނެވެ.

" މިއީ އުއްމީދު ކުރި ވަރަށްވުރެ މާ ގިނަ އަދަދެއް. ޕްލާސްޓިކް ހޮވަން ކުދިން ނުކުތް އިރުވެސް މިހާ ބައިވަރު ހުންނާނެ ކަމަށް ގަބޫލެއް ނުކުރަން" ޕްރިންސިޕަލް އަލީ އަހުމަދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ޕްލާސްޓިކް އެއްކުރުމުގެ މަސައްކަތް ފަށައިގަތް އިރު ތަރުހީބު ވަރަށް ކުޑައެވެ. އެކަމުގައި ބައިވެރިވާނެ ކުދިން ވަރަށް މަދެވެ. އެހެންވެ ޕްލާސްޓިކް ހޮވުމުގެ މަސައްކަތް ކުރިއަށް ގެންދިޔައީ މުބާރާތެއްގެ ގޮތުގައެވެ. މި މުބާރާތުގައި އެ ސްކޫލްގެ ގްރޭޑް އެކަކުން ނުވައެއްގެ ހުރިހާ ގްރޭޑެއްގެ ކުދިން ބައިވެރިވިއެވެ. އަދި ކުދިންގެ އިތުރުން ބެލެނިވެރިންވެސް އެކުދިންނާއެކު އަމަލީ ގޮތުން ބައިވެރިވިއެވެ.

ނޮޅިވަރަންފަރަކީ ރާއްޖޭގެ ގިނަ ރަށްތަކޭ އެއްގޮތަށް ހިތްގައިމު ގޮނޑުދޮށެއް ލިބިފައިވާ ރަށެކެވެ. އެރަށް ކައިރީގައި ހުރި ރަށްތަކުގެ މީހުން އާންމުކޮށް ދަތުރުދާ ވެސް ރަށެކެވެ. ޕްލާސްޓިކު ކުނިބުނިން ގޮނޑުދޮށް ހަޑިވެފައި އޮތް ނަމަވެސް މިހާރު މިހާރު ފެންނަނީ ހުދު ދޮންވެއްޔެވެ. އެހާވެސް ސާފެވެ. މިކަން އެންމެ ބޮޑަށް އެނގޭނީ އެރަށަށް އަރާ ފައިބާ މީހުންނަށެވެ.

އަލީ އަހުމަދު ވިދާޅުވީ ކުދިން އެއްކުރި ޕްލާސްޓިކުގެ ތެރޭގައި ތަފާތު ވައްތަރުގެ ޕްލާސްޓިކް ހުރުމުން އެ ބާވަތްތައް ވަކި ކުރުމުގެ މަސައްކަތް ކުރާނީ އެ ސްކޫލްގެ ޓީޗަރުންނާއި މަތީ ގްރޭޑް ތަކުގެ ދަރިވަރުންނެވެ. އެ މަސައްކަތް ނިމެމުންދާ ވަރަކަށް، ރީ ސައިކަލް ކުރަން ހަވާލު ކުރާނީ ޕާލޭ މޯލްޑިވްސްއާއެވެ.

އަލީ އަހުމަދު ވިދާޅުވީ ޕްލާސްޓިކް ހޮވަން ބޭއްވި މުބާރާތުގެ ވަނަތަކަށް ދޭން ނިންމާފައި ވަނީ ތިމާވެއްޓާއި ރައްޓެހި އިނާމެއް ކަމަށާއި، އެފަދަ އިނާމެއް ކުދިންނަށް ދިނުމަށް ސްޕޮންސަރެއް ހޯދަމުންދާ ކަމަށެވެ.

" ރަނގަޅު އިނާމެއް ދެވޭނީ ސްޕޮންސަރެއް ލިބިގެން. އިނާމެއްގެ ގޮތުގައިވެސް ދޭނީ ތިމާވެއްޓާ ގުޅުން ހުރި އެއްޗެއް" އަލީ ވިދާޅުވިއެވެ.
ނޮޅިވަރަންފަރު ސްކޫލުން ނިންމާފައި ވަނީ ކޮންމެ އަހަރަކު އެއްފަހަރު މިފަދަ މުބާރާތެއް ކުރިއަށް ގެންދާށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *