އިވުމުން މަހުރޫމް ވިޔަސް، އައްޒާމް ދެއްކީ އޭނާގެ ތޫނުފިލިކަން

އިވުމުން މަޙްރޫމްވުމަކީ އުއްމީދުތަކުގައި ކުލަޖައްސައި، ކާމިޔާބު ހޯދަން ކުރާ މަސައްކަތުގައި ފަހަތަށް ޖެހެންޖެހޭ ސަބަބެއް ނޫނެވެ. އެކަން ސާބިތުކޮށް ދިން އެއް ދަރިވަރަކީ ޏ. އަތޮޅު ތަޢުލީމީމަރުކަޒުން ކިޔަވައިގެން އޯލެވެލްއާއި އޭލެވެލްގައި މުޅި ދުނިޔެއިން ވަނަތަކެއް ހޯދި މުޙައްމަދު އައްޒާމް އަފީފެވެ.

އެނާ ވަނީ، ސާނަވީގެ ޤައުމީ ގަދަ ދިހައެއްގެ ފަސްވަނަ ހޯދާ، އިނގިރޭސި މާއްދާއިން ބްރިލިއަންސް އެވޯޑް ހޯދާފައެވެ. ސާނަވީއަށްފަހު، މަތީ ސާނަވީގައި ގަދަ ދިހައެއްގެ ހަވަނަ ހޯދިއެވެ. އަދި އެކައުންޓުން ހޯދީ މުޅި ދުނިޔެއާއި ރާއްޖެއިން އެއްވަނައެވެ.

ކިޔެވުމަށް ޚާއްޞަ ޝަޢުޤުވެރިކަމާއި ސަމާލުކަމެއް އަބަދުވެސް ދެމުން ގެންދާ އައްޒާމް ސާބިތުކޮށްދިނީ، އަޑުއިވުމުން މަހުރޫމް ވިޔަސް، އޭނާގެ ތޫނުފިލިކަމެވެ. ހިތްވަރާއި ނުގުޑާފަދަ އަޒުމެވެ. ކާމިޔާބު ހޯދުމުގައި ފަހަތަށް ނުޖެހޭނެ ކަމެވެ.

" ވަނައަކަށް އުއްމީދުކޮށްގެން ކިޔެވީ. އަބަދުވެސް ބުނާނެ އެކައުންޓުން އޭ ސްޓަރ ހޯދާނަމޭ" ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ އައްޒާމްގެ މަންމަ ޝާތިރާ ސައީދު ބުންޏެވެ.

އައްޒާމްގެ އުމުރުން ސާދަ މަހުގައި ފިޓްޖެހިގެން ދިމާވި ކަންތައްތަކުގެ ތެރޭގައި، އަޑުއިވުމުގައި މައްސަލަތަކެއް ހުރިކަން ފާހަގަކުރެވުނީ ގުރޭޑް ތިނެއްގައި ކިޔަވަމުން ދިޔައިރުއެވެ.

ގޮވާލީމާ، ސަމާލުކަން ނުދޭ މައްސަލަ ގުރޭޑް ހަތަރެއްގައި ކިޔަވަމުން ދިޔައިރު މާބޮޑަށް ފާހަގަވާން ފެށިއެވެ. އެހެންވެ އެ އަހަރުގެ ބޮޑުޗުއްޓީގައި އައްޒާމްގެ ޗެކަޕެއް ހަދަން ގެންދިޔައީ ސްރީލަންކާއަށެވެ.

ޝާތިރާ ބުނީ، ލަންކާއިން ހެދި ޓެސްޓްތަކުން އެނގުނީ އައްޒާމްގެ އަޑުއިވުމުގެ ހިއްސު 35 އިންސައްތަ ދަށްކަމަށެވެ. އޭގެ ފަހުން އައްޒާމަށް އުޅެން ޖެހުނީ ހިޔަރިން އެއިޑް އަޅައިގެންނެވެ. އެއާ ނުލައި އުޅެން އުނދަގޫވެއެވެ.

" އުނަދގޫއޭ ކިޔާފައި، ހިޔަރިން އެއިޑް ނާޅަން ވެސް އުޅުނު"

އޭގެ އެއްއަހަރު ފަހުން ހެދި ޓެސްޓްތަކުން ދެއްކީ އައްޒާމްގެ އަޑުއިވުމުގެ ހިއްސު ކުރިއަށްވުރެ ދިހަ އިންސައްތަ ދަށް ކަމެވެ.

ޝާތިރާ ބުނީ، އައްޒާމްގެ އަޑުއިވުމުގެ ހިއްސު ދަށްވާ އަސްލު ސަބަބު ބުނެދޭން ޑޮކްޓަރުންނަށް ވެސް ނޭނގޭ ކަމަށެވެ. ޑޮކްޓަރުން ބުނަނީ އެހެން ވަނީ ނާރުތަކުގެ ބާރު ދަށްވަތީ ކަމަށެވެ.

އެންމެ ފަހުން ޓެސްޓް ހެދިއިރު، އެއްކަންފަތުގެ ހިޔަރިން ހުރީ 85 އިންސައްތަ މައިނަސްގައެވެ. އަނެއް ކަންފަތުގެ ހިޔަރިން ހުރީ 90 އިންސައްތަ މައިނަސްގައެވެ.

އައްޒާމުގެ ދިރިއުޅުމާއި ކިޔެވުމުގައި އެއި އިވުމުން މަހުރޫމް ކުއްޖެއްކަން ނުދައްކައެވެ. އިސްކަންދިނީ ކިޔެވުމަށެވެ. ޕްރައިމަރީ މަރުހަލާ ނިންމާލިއިރު ވެސް ކުލާހުން ހޯދަމުންއައީ އެއްވަނައެވެ. އެންމެ އަހަރެއް ފިޔަވައެވެ. ސާނަވީގައިވެސް ކުލާހުން އެއްވަނަ ނޫނީ ދެވަނަ ދިޔައީ ހޯދަމުންނެވެ.

އައްޒާމްގެ ފަހަތުން ވައަތްފަރާތުގައި: ކިޔެވުމަށް ހިތްވަރު ދިނުމުގައި މާމައަކީ ލާމަސީލު މިސާލެއް

ކިޔެވުމަށް އެންމެ ބޮޑު ހިތްވަރެއް ދެނީ އައްޒާމްގެ މާމައެވެ. މާމަގެ އެހީތެރިކަމަކީ އައްޒާމް އަބަދުވެސް ފާހަގަކުރާ ކަމެކެވެ.

" ސްކޫލުން ގެއަށް އައިސް ފެންވަރައި ނަމާދުކޮގެން އެންމެއިސްކަމެއް ދޭނީ އެ ދުވަހެއްގެ ފިލާފަޅު ހަދަން. ފިލާވަޅުތައް ހަދާ ނިންމާފައި ނޫނީ ކާންވެސް ބޭނުމެއް ނުވާނެ" ޝާތިރާ ބުންޏެވެ.

" ފިލާވަޅުތައް ވެސް ފަހަށް ނުބަހައްޓާނެ. ކޮންމެ ދުވަހަކު ނަގާ ފިލާވަޅުވެސް އެދުވަހަކު ދަސްކުރާނެ. ޓެސްޓް ކައިރިވީމާ މަތިމަތިން ބަލާލާނީ"

އައްޒާމް ޕްރިންސިޕަލް ސައުދުﷲއާއެކު: އޭނާގެ ކާމިޔާބީގައި، ޏ. އަތޮޅު ތަޢުލީމީމަރުކަޒުގެ ދައުރު ބޮޑު

އައްޒާމްގެ ކުރިއެރުމާއި ކާމިޔާބީގައި ޏ. އަތޮޅު ތަޢުލީމީމަރުކަޒުގެ ދައުރުބޮޑެވެ. ސްކޫލުން އޭނާއަށް ދޭންޖެހޭ ހުރިހާ އެހީތެރިކަމެއް ދިނެއެވެ. ޓީޗަރުން އޭނާ ބާކީއެއް ނުކުރެއެވެ. އެއްކޮށް އުޅުނު ކުދިން އޭނާ ދޫކޮށް ނުލައެވެ. ނަތީޖާއަކީ ސާނަވީ މަރުހަލާ ޤައުމީ ގަދަ ދިހައެއްގެ ފަސްވަނައިން ނިންމާލެވުމެވެ. އަދި އިނގިރޭސި މާއްދާއިން ބްރިލިއަންސް އެވޯޑް ހޯދުމެވެ.

ސާނަވީއަށްފަހު، މަތީ ސާނަވިއަށް އައްޒާމް ކިޔަވަން ފެށީވެސް އުއްމީދުތަކާ އެކުގައެވެ. ރަނގަޅު ނަތީޖާއެއް ހޯދުމުގެ އަޒުމުގައެވެ. ނަމަވެސް ކޮވިޑް19ގެ ބިޔަރާޅުގެ އަސަރު ހުރިހާ ކިޔަވާކުދިންނަށް ކުރިއިރު، އޭގެ އެންމެ ބޮޑު އަސަރެއް ކުރިއެކަކީ އައްޒާމެވެ. އޮންލައިންކޮށް ކިޔަވަން ޖެހުމުން ކިޔެވުމުގެ މަތިން ފޫހިވާން ފެށިއެވެ.

" ލިޕްރީޑްކޮށްގެން ކިޔަވާއިރު މީހާ ފެންނަންޖެހޭ. އޮންލައިންކޮށް ޓީޗަރު ނުފެންނާތީއާއި އަޑު އަންނަގޮތުން ކިޔަވަން ފޫހިވާން ފެށީ. އޭނަގެ އަމިއްލަ އެކްސްޕެކްޓޭޝަނާއި އުއްމީދުތަކާ ހަމައަށް ނުދެވޭތީ ފެޑަޕްވީ" އައްޒާމްގެ މަންމަ ކިޔައިދިނެވެ.

ސްކޫލްގެ އެހީތެރިކަމާޢެކު އޭރުވެސް އެކައުންޓް މާއްދާ ކިޔަވައިދެމުން ދިޔައީ ފިޒިކަލީ ސްކޫލަށް ހާޒިރުވެގެންނެވެ. އެހެން މާއްދާތައް ކިޔަވަން ޖެހުނީ އޮންލައިންކޮށެވެ.

އައްޒާމް މަންމައާއި ބައްޕައާއެކު: ކާމިޔާބު މީހަކަށް ހެދުމަށް މަންމައާއި ބައްޕަގެ ގުރުބާނީ އޭނާ ފާހަގަކުރަނީ އުފަލާއެކު

" އޮންލައިންކޮށް ކިޔަވަން ޖެހުމުން ބުނާނެ، ތިމަންނައަކަށް ނުވާނެއޭ. ކޮވިޑްއައުން އެއީ ތިމަންނަގެ ބޭޑް ލަކޭ. އޮންލައިން ކުލާހަކީ ތިމަންނަމެން ކަހަލަ ބީރު ކުދިންނަށް ޚާއްޞަ އެއްޗެއް ނޫނޭ"

އައްޒާމުގެ އެވާހަކަތަކުން ޝާތިރާއަށް އެތައްފަހަރަކު ރޮވެއެވެ. މައިވަންތަ ކަމުގެ ކުލުނުގައި ކަރުނަ ހިފަހައްޓާ ނުލެވޭ އެތައް ވަގުތެއް އާދެއެވެ. ހިތްވަރުކޮށްފައި މަސައްކަތް ފެށީ ވެސް އެންމެ ބޭނުމަކުއެވެ. އައްޒާމްގެ އުއްމީދުތަކާއި އޭނާގެ ހުވަފެންތަކުގައި ކުލަޖެއްސުމަށެވެ.

" އާއިލާގެ މީހުންނާއި ސްކޫލުން ވަރަށް މަސައްކަތް ކޮށްގެން އޭލެވެލްގައި ކުރިއަށް ދެވުނީ. އޭލެވެލްގައި ކިޔަވައި ދިން ޓީޗަރުން، ލިޕްރީޑްކޮށްގެން، އޭނާއަށް ފަސޭހަވާނެ އެތައްގޮތަކަށް ކިޔަވައިދެމުން ގެންދިޔައީ." 

ޓީޗަރުންނާއި ސްކޫލުން އޭނާއަށް ދިން އެހީތެރިކަމުގެ ނަތީޖާއަކަށްވީ އެކައުންޓުން މުޅި ދުނިޔެއިންނާއި ރާޢްޖެއިން އެއްވަނަ ހޯދި މަދު ކުދިންގެ ތެރޭގައި އައްޒާމް ހިމެނުމެވެ.

ޝާތިރާ ބުނީ، އައްޒާމް މިހާރު ބޭނުންކުރާ ހިޔަރިން އެއިޑް ކުރިން ލިބުނުނަމަ އޭލެވެލްގައި މާ ރަނގަޅު ނަތީޖާއެއް ހޯދުނީހެވެ. އައްޒާމް މިހާރު ބޭނުންކުރާ ހިޔަރިން އެއިޑާ އޭނާ ބޭނުންކުރާ އައިފޯން 12 އާ ގުޅާލެވެއެވެ. އޭރުން އަންނަ ފޯނުތަކަށް ޖަވާބު ދިނުމާއި އޮންލައިންކޮށް ކުރިއަށް ގެންދާ ސެޝަންތަކުގައި ދައްކާ ވާހަކަ އަޑުއިވެއެވެ. ކުރިއާ އަޅާބަލާއިރު އަޑުއިވުން މާ ބޮޑަށް ފަސޭހަވެއެވެ. އެއްފަހަރާ ހަތް އަޑު ނެގުމުގެ ގާބިލްކަމް އެ ހިޔަރިން އެއިޑަށް ލިބެއެވެ. އެކަމަކު އެއީ ވެސް އެހާ ދުރަކުން ނޫނެވެ.

ސާނަވީއަށްފަހު، އެކައުންޓިންގ ދާއިރާއިން މަތީތަޢުލީމަށް އައްޒާމް ކިޔަވަމުން ދަނީ ވިލާ ކޮލެޖުންނެވެ. މިހާރުވެސް މައްސލައަކަށް ދިމާވަނީ ބައެއް ކުލާސްތައް އޮންލައިންކޮށް ގެންދާތީއެވެ. ރާއްޖެއިން ބޭރުގެ ލެކްޗަރާއިން ކިޔަވައިދޭ އިންޓަރނޭޗަނަލް ކޯހަކަށް ވާތީ، ބައެއް ސެޝަންތައް ކުރިއަށް ގެންދަނީ އޮންލައިކޮށެވެ.

" އޮންލައިންކޮށް ގެންދާ ގަޑިތައް މިހާރުވެސް އެހާ ޝަޢުޤުވެރިކަމެއް ނުދެވޭ" އެކަމަކުވެސް ހިޔަރިން އެއިޑާ ކަނެކްޓްކޮށްގެން ކިޔެވުން ނުހުއްޓި ކުރިއަށް ގެންދޭ"

އައްޒާމުގެ ކޮއްކޮއަކީ ވެސް އިވުމުން މަހޫރުމް ކުއްޖެކެވެ. ދޮޅުއަހަރުގައި އެކަން ފާހަގަކުރެވުމުން، ކަންފަތުގެ ތެރެއަށް ޑިވައިސްއެއް ހުންނަނީ އިމްޕްލާންޓް ކޮށްފައެވެ. އެކަން ކުރާކަށް އައްޒާމެއް ބޭނުމެއް ނުވިއެވެ.

އައްޒާމް ދެއްކީ އޭނާފަދަ ކުދިންނަށް މިސާލެކެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *