ނެއްލައިދޫ ސްކޫލް: ކުޑަ ސްކޫލަކުން އޯލެވެލްއާއި އޭލެވެލްގައި ދައްކަމުންދާ ހިތްވަރު

އާބާދީ ކުޑަ ހދ. ނެއްލައިދޫ ސްކޫލުން އޯލެވެލްއާއި އޭލެވެލްގައި ދައްކަމުން ދަނީ ބޮޑު ހިތްވަރެކެވެ. 2020/2021 ގެ ސާނަވި އިމްތިޙާނުގެ ޤައުމީ ގަދަ ދިހައެއްގައި އެ ސްކޫލްގެ ތިން ދަރިވަރުން ހިމެނުނެވެ. މަތީ ސާނަވީގައި ދެ ދަރިވަރުން ހިމެނުނެވެ.

އޯލެވެލްގެ ގަދަ ދިހައެއްގައި ހިމެނުނީ، ހަތްވަނައިގައި ހިމެނުނު އާއިޝަތު މަލްސާއާއި ނުވަ ވަނައިގައި ހިމެނުނު މުޙައްމަދު އީމާނެވެ. ސާނަވީގެ ގަދަ ދިހައެއްގައި ހިމެނުނީ، ތިންވަނައިގައި ހިމެނު އައިޝަތު ޝައިހާ ހަމީދާއި ހަވަނައިގައި ހިމެނުނު ފާތިމަތު އީނާޒާއި، ދިހަވަނައިގައި ހިމެނުނު ހުސައިން އަޒުމީއެވެ.

އޭލެވެލްގައި އެ ސްކޫލްގައި ކިޔަވައިދޭން ފެށީ ބީޓެކް ސްޓްރީމަށެވެ. މި އަހަރު ގުރޭޑް 12އަށް ކިޔަވައިދެމުން ދިޔަ ނަމަވެސް ހުސްވި އަހަރު، ގުރޭޑް އެގާރަ އުފެއްދޭ ވަރަށް ކުދިން ހަމަ ނުވުމުން ގުރޭޑް 11 އުފެއްދޭ ވަރެއް ނުވިއެވެ. އެކަމަކު މި ދިރާސީ އާ އަހަރު ގުރޭޑް އެގާރައިގެ ކިޔެވުން ފެށޭ ވަރަށް ކުދިން ހަމަވާނެ ކަމުގެ އުއްމީދު އެ ސްކޫލުން ކުރެއެވެ. ސްޓްރީމެއް އުފެއްދެނީ ދިހަ ކުދިން ހަމަވުމުންނެވެ.

ފައުންޑޭޝަން ސްޓޭޖުން ފެށިގެން ކިޔަވައިދެމުންދާ ނެއްލައިދޫ ސްކޫލްގެ މިހާރުގެ އާބާދީއަކީ 312 އެވެ.

އެ ސްކޫލްގެ ޕްރިންސިޕަލް އިސްމާއިލް ރަޝީދު ވިދާޅުވީ، ރަށުގައި ތިބެގެން މަތީ ސާނަވީއަށް ކިޔަވައިގެން ރަނގަޅު ނަތީޖާއެއް ނެރުމަކީ ރައްޔިތުންގެ ވަރަށް ބޮޑު އުއްމީދެއް ކަމަށެވެ. އެ އުއްމީދުގައި ކުލަޖައްސަން އެ ސްކޫލަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

އިސްމާއިލް ވިދާޅުވިގޮތުގައި 2020/2021 ވަނަ އަހަރު ސާނަވީއާއި މަތީ ސާނަވީގައި ކިޔެވި ދަރިވަރުންނަށް ކޮވިޑް19އާ ގުޅިގެން ގިނަ މައްސަލަތަކެއް ކުރިމަތިނުވި ނަމަ އޯލެވެލްއާއި އޭލެވެލްގެ ނަތީޖާ މާ ބޮޑުތަނުން ރަނގަޅު ކުރެވޭނެއެވެ. އިމްތިޙާން ދިގުލައިގެން ދިއުމުން ސާނަވީ އަދި މަތީ ސާނަވީގެ ދަރިވަރުންނަށް ނަފުސާނީ ގޮތުން އަސަރުކޮށް، ކިޔެވުމަށް ދޭންޖެހޭ ސަމާލުކަން ގެއްލިގެން ދިޔަކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.

" އެންމެ ބޮޑު ކަމަކީ ކިޔެވުމުގެ ފޯކަސް ގެއްލިގެން ދިއުން" އިސްމާއިލް ރަޝީދު ވިދާޅުވިއެވެ.

" އެކަމުން އަރައިގަތުމަށް ބެލެނިވެރިންނާއި ސްކޫލްގެ ހުރިހާ ސްޓާފުންގެ ދައުރު ބޮޑު"

ފާއިތުވި އަހަރު މަތީ ސާނަވީގައި ކިޔެވީ ދިހަ ދަރިވަރުންނެވެ.

އިސްމާއިލް ރަޝީދު ވިދާޅުވިގޮތުގައި، އެ ސްކޫލާއެކު އޭލެވެލްއަށް ކިޔަވައިދޭން ފެށި އެ ސަރަހައްދުގެ ފަސް ސްކޫލެއްގައި މިހާރު އޭލެވެލްއަށް ކިޔަވައެއް ނުދެއެވެ. އޭލެވެލްއަށް ކިޔަވާނެ ކުދިން ހަމަނުވެގެންނެވެ. އެހެންވެ ކުރިއަށް އޮތް އަހަރުތަކުގައި ވެސް ވަރަށްބޮޑު ހިތްވަރެއް ކޮށްގެން ނޫނީ އޭލެވެލް ކުރިއަށް ނުގެންދެވޭނެ ކަމަށް އަހުމަދު ޤަބޫލު ކުރައްވައެވެ.

މަތީ ސާނަވީއަށް ކިޔަވާ ދަރިވަރުން މަދުވުމުން، އިތުރު މާއްދާއެއް ކިޔެވުމުގެ ފުރުޞަތު ދަރިވަރުންނަކަށް ނޯވައެވެ. ކުދިންގެ މުސްތަގުބަލް ބިނާކުރަނީ އޭލެވެލްގައި ކިޔަވާ މާއްދާތަކުންނެވެ. ބޭނުންވާ މާއްދާއެއް ކިޔެވެން ނެތީމާވެސް ކިޔެވުމުގެ ޝަޢުޤުވެރިކަންވެސް ކުޑައެވެ.

" ރަށުގައި ހުރެގެން ކިޔަވަން ބޭނުންވާތީ މަޖުބޫރު ވަނީ ބީޓެކް ހަދަން" އިސްމާއިލް ރަޝީދވިދާޅުވިއެވެ.

މިހާރުވެސް އެ ސްކޫލްގައި އޭލެވެލް އޮތީ ވެސް ރަށުގެ ރައްޔިތުންގެ ހިތްވަރުންނެވެ. މިއަހަރު ގުރޭޑް 10ގައި 24 ކުދިން ކިޔަވަމުންދާތީ އޭލެވެލްއަށް ކުރެވޭ އުއްމީދު ބޮޑުކަމަށް ނެއްލައިދޫ ސްކޫލުން ދެކެއެވެ.

" އަންނަ އަހަރު އޭލެވެލްގައި ސައިންސް ސްޓްރީމް އުފެއްދުން އެއީ އަޅުގަނޑުމެންގެ އުއްމީދަކީ"

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *