ރަފުހާން ނަތީޖާ ނެރުނީ، ރައްޓެހިންނާއި ކުލާސް ކުދިންނަށް ޓިއުޝަންދީގެން

ދ. މީދޫގައި ހުންނަ އަތޮޅު މަދަރުސާއިން އޯލެވެލް ނިންމި އަހުމަދު ރަފުހާން ފާއިޒުގެ އަމާޒަކީ އަބަދުވެސް އެއްވަނަ އެވެ. ފަސް މާއްދާއިން އޭ ސްޓަރ އާއި ތިން މާއްދާއިން އޭ ލިބި، ޤައުމީ ގަދަ ދިހައެއްގެ ހަތަރުވަނަ ލިބުމުން ވެސް އޭނާއަކަށް ހިތްހަމައެއް ނުޖެހުނެވެ. އެއީ އެނާ އުއްމީދު ކުރި ނަތީޖާއެއް ނޫނެވެ. އެއަށްވުރެ އޭނާގެ އަޒުމާއި އުއްމީދު މާ މައްޗެވެ.

ރަށުން މާލެއަށް ބަދަލުވެ، އޭލެވެލްއަށް ކިޔަވަން އަހުމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ ހަތަރު ފާރުގެ ތެރެއަށް ފައިއެޅީ ވެސް އެންމެ މަގުޞަދަކަށްޓަކައެވެ. އޯލެވެލްގައި ލިބުނު ނަތީޖާއިން ލިބުނު ނުތަނަވަސްކަން ފިލުވާލުމަށެވެ. އެއަށްވުރެ މާ ރަނގަޅު ނަތީޖާއެއް ހޯދާށެވެ.

ތިން މާއްދާއިން މުޅިދުނިޔޭގެ ގަދަ ދިހައެއްގައި ހިމެނުމާއި މަތީ ސާނަވީގެ ގަދަ ދިހައެއްގެ ދެ ވަނައިގައި ލިބުމުން، ރައީސުލްޖުމުހޫރިއްޔާގެ އަނބިކަނބަލުން ފަޒުނާ އަހުމަދު ރަފުހާންއަށް އިނާމް ހަވާލުކޮށްދެއްވަނީ: ރަފްހާން ދައްކަމުންދަނީ އަޒުމެއް އޮވެގެން މަސައްކަތް ކޮށްފިނަމަ ކާމިޔާބު ވާނެކަން- ފޮޓޯ: ރައީސް އޮފީސް

އެ އަޒުމުގައި ކިޔެވުމާއިގެން ދުއްވައިގަތް ރަފުހާން ފަހަތަށް އެނބުރިލީ މުޅިގައުމާއި އުފަން ރަށާށި ކިޔެވި ސްކޫލްގެ އިތުރުން މަންމައާއި ބައްޕައަށް ހިނިތުން ގެނެސްދީފައެވެ.

ހަތަރު މާއްދާއިން އޭ ސްޓަރއާއި އެއް މާއްދާއިން އޭ ހޯދައިގެން ކަށަވަރު ކުރީ މަތީ ސާނަވީގެ ގަދަ ދިހައެއްގެ ދެ ވަނައެވެ. އެއަށްވުރެ އުފާވީ އޭލެވެލްގައި ހެދި ތިން މާއްދާ ކަމަށްވާ، ކެމިސްޓްރީއާއި ފިޒިކްސް އަދި ހިސާބުން މުޅި ދުނިޔޭގެ ގަދަ ދިހައެއްގައި ހިމެނުމުންނެވެ. އަދި އޭނާ ވަނީ ހިސާބުން މުޅި ރާއްޖެއިން  އެއްވަނަ ވެސް ހޯދާފައެވެ.

ދުނިޔޭގެ ރޭންކިންގ އަށް ބަލާއިރު، ފިޒިކްސްއިން ލިބުނީ ދުނިޔެއިން ދެވަނައެވެ. ކެމިސްޓްރީން މުޅި ދުނިޔެއިން ހަ ވަނައެވެ. ހިސާބުން މުޅި ދުނިޔެއިން ހަތަރުވަނައެވެ.

" އޯލެވެލްގައި ނުކުރާ މަސައްކަތް އޭލެވެލްގައި ކުރިން. ދިވެހިން އޭ އެއް ލިބުނީމާ، އެއްވަނަ ލިބޭ ވަރެއް ނުވި" އޭލެވެލްގެ ނަތީޖާއާ މެދު ރަފުހާން ހުރީ ހިތްހަމަޖެހިފައެވެ.

 

ރަފުހާން ބުނީ، އޭލެވެލްއަށް ކިޔަވަން ފެށި ދުވަސްވަރު ވަރަށް ބޮޑަށް އުނދަގޫވިކަމަށެވެ. އެހެންވެ ޓިއުޝަނަކާ ނުލައި ކުރިއަށް ދެވިދާނެބާވައޭ އެތައް ފަހަރަކު ހިތަށް އެރިކަމަށެވެ. އެކަމަކު ކިޔެވުން ކުރިއަށް ދިޔަވަރަކަށް ޓީޗަރުންގެ ފަރާތުން ލިބުނު އެހީތެރިކަމާއެކު ޓިއުޝަން ނެގުމުގެ ޚިޔާލު އޭނާ ދޫކޮށްލިއެވެ.

" ނޭނގޭ އެއްޗެއް އޮވެއްޖެނަމަ ވަކިވަކި މާއްދާތަކަށް ޚާއްޞަކޮށް ސްކޫލުން ހަދާފައިވާ ވައިބަރ ގުރޫޕްގައި އަހަންވީ. އޭގެ ޖަވާބު ކުލާސް ގަޑީގައި ޓީޗަރު ކިޔައިދޭނެ. އޭގެ ސަބަބުން ކިޔެވުމާއިގެން ކުރިއަށް ދާން ވަރަށް ފަސޭހަވި" ރަފުހާން ބުންޏެވެ.

އެރޮނޮޓިކަލް އިންޖިނިއަރިންގ ދާއިރާއިން ކުރިއަށްދާން ތައްޔާރުވަމުންދާ ރަފުހާން ބުނީ އޭނާ އެންމެ ބޮޑަށް މަސައްކަތް ކުރީ ހިސާބު މާއްދާއަށެވެ. އެ މާއްދާއަށް ކުރި މަސައްކަތުގެ ފޮނިމީރުކަން ފިޒިކްސްއާއި ކެމިސްޓްރީއަށް ވެސް ކުރިކަމަށް އޭނާ ބުންޏެވެ.

ރަފުހާން ބުނީ ކޮވިޑް19އާ ގުޅިގެން ކިޔެވުން މެދުކެނޑުމުން ވެސް ކިޔެވުން ދޫކޮށް ނުލާކަމަށެވެ. ކިޔެވުމަށް އިތުރު އެހީ ހޯދުމުގެ ގޮތުން އޭނާ ފެށީ ޓިއުޝަން ދޭށެވެ. ޓިއުޝަން ދޭން ފެށީ ރައްޓެހިންނަށާއި އެއްކުލާއެގައި ކިޔަވަމުން ދިޔަ ކުދިންނަށެވެ. އޭގެ ސަބަބުން ކުރިން ނޭނގޭ އެތައް އެއްޗެއް އެނގިގެން ދިޔަ ކަމަށް ރަފުހާން ބުންޏެވެ.

" ފިލާވަޅުގައި އެބުނާ އެއްޗެއް އެނގޭ މިންވަރު ވަޒަން ކުރެވޭނީ، އެހެން ބަޔަކަށް ފަހުމުވާ ގޮތަށް އެ ފިލާވަޅެއް ކިޔާދެވުނީމާ. އެހެންވެ ފިލާވަޅު ދަސްކުރީ ރައްޓެހިންނާއި ކުލާސް ކުދިންނަށް ޓިއުޝަން ދީގެން"

ރަފުހާން އެދުމަކީ ކޮންމެ ކިޔަވާ ކުއްޖަކީވެސް ކިޔެވުމުގައި ވެސް އެހީތެރިކަން ފޯރުކޮށްދޭ ކުއްޖަކަށް ވުމަށެވެ. އޭގެ ސަބަބުން ކިޔެވުމާއިގެން ކުރިއަށް ދާން ފަސާހަވާނެއެވެ.

ރަފުހާން މަންމައާއި ބައްޕައާއެކު-

ރަފުހާން ބުނީ، އޭލެވެލްއަށް ކިޔަވަން ފަށާ ހިސާބުން ކޮންމެ ކުއްޖަކު ވެސް އަޒުމަކާއި ޓާގެޓް ތަކެއް ކަނޑައަޅަން ޖެހޭނެ ކަމަށެވެ. ޓާގެޓް ތަކެއް ނެތްނަމަ ޓެސްޓަކުން ލިބޭ ނަތީޖާއާ މެދު ހިތްހަމަޖެހޭތޯ ނުޖެހޭތޯ ކަނޑައަޅާކަށް ނޭނގޭނެ ކަމަށެވެ.

" ޓެސްޓުން ފާސްވާން ބޭނުންވާ ކުއްޖާއަށް ޓެސްޓުން ފާސްވީމާ އެ އޮތީ ހިތްހަމަޖެހިފައި. ދުނިޔޭގެ ވަނައަކަށް އަމާޒު ކުރާ ކުއްޖަކަށް ޓެސްޓަކުން އެންމެ މާކުހެއް ދެ މާކުހެއް މަދުވިޔަސް ހިތްހަމައެއް ނުޖެހޭނެ"

ގުރޭޑް 11ގައި ހެދި އޭސްއެސް ލެވެލްގެ އިމްތިޙާން ގުރޭޑް 12ގައި ރިޕީޓް ކުރީ އެ ޓެސްޓްގެ ނަތިޖާއާމެދު ހިތްހަމަ ނުޖެހިގެންނެވެ. ދެވަނަ ފަހަރަށް ޓެސްޓް ހަދައިގެން ބޭނުންވި ނަތީޖާ އޭނާ ނެރުނެވެ.

ރަފުހާން ބުނީ، އޭނާގެ ކާމިޔާބީގައި އެންމެ ބޮޑު އެހީތެރިކަމެއް އަބަދުވެސް ފޯރުކޮށްދެނީ މަންމައާއި ބައްޕަކަމަށެވެ. އެ ދެ މީހުންނަކީ އޭނާގެ އެންމެ ގާތް މަދަދުގާރުންނެވެ. އެހެންވެ އެ ދެމީހުންނަށް އޭނާގެ ހިތުގައި އޮތީ ހިފެހެއްޓުމެއްނެތް ޝުކުރެކެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *