ގަދަ ދިހައެއްގެ އެއްވަނަ ހޯދާ، ހިރިޔާ ސްކޫލްގެ ތާރީޚު ބަދަލުކޮށްލި ތިން ދަރިވަރުން

ހިރިޔާ ސްކޫލަށް ދިހަ އަހަރު ފުރުނު އަހަރު އެ ސްކޫލްގެ" ކުރީމް" ބެޗް ސާނަވީ އިމްތިޙާން ނިންމާލީ އެ ސްކޫލްގެ ތާރީޚު ބަދަލުލޮށްލާފައެވެ. 2020/2021 ވަނަ އަހަރުގެ ސާނަވީ އިމްތިޙާން ހެދި ގިނަ ދަރިވަރުންނަކީ އެ ސްކޫލުން ގުރޭޑް އެކަކުން 10އަށް ކިޔެވި ދަރިވަރުންނެވެ.

ސާނަވީ އިމްތިޙާނުގައި ޤައުމީ ގަދަ ދިހައެއްގައި އެ ސްކޫލްގެ 30 ދަރިވަރުން ހިމެނުނުއިރު، ތިން ދަރިވަރުން ވަނީ އެއްވަނަ ހޯދާފައެވެ. ސާނަވީގައި އެއްވަނައިގައި ހިމެނުނު އެ ސްކޫލްގެ ދަރިވަރުންނަކީ މުޙައްމަދު ޝާމިޚް ޝަފީޤުއާއި މުޙައްމަދު އަބާން އާއި އާމިނަތު މިޝްކާ ވަސީމެވެ. ޝަރަފުއްދީން ސްކޫލް ފިޔަވައި ސަރުކާރު ސްކޫލްތަކުން އެންމެ ގިނަ ދަރިވަރުން އެއްވަނައިގައި ހިމެނުނީ ވެސް ހިރިޔާ ސްކޫލުންނެވެ. މިއި އެ ސްކޫލްގެ އެންމެ ފަޚުރުވެރި ނަތީޖާ ލިބުނު އަހަރެވެ. 2019 ވަނަ އަހަރު ސާނަވީގެ ގަދަ ދިހައެއްގައި ހިމެނިފައިވަނީ އެ ސްކޫލްގެ އެންމެ ހަ ދަރިވަރުންނެވެ.

މުޙައްމަދު އަބާން

ދ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ކިޔަވަމުން ދިޔަ އަބާން ހިރިޔާ ސްކޫލާ ގުޅުނީ، ހަތަރުވަނަ ގުރޭޑުންނެވެ. ކޮންމެ ގުރޭޑަކުން ވެސް އެއްވަނަ ހޯދައި، ގުރޭޑް ދިހައެއް ނިންމާލީ ކިޔެވުމަށް އެންމެ މޮޅު އެއް ދަރިވަރުގެ ގޮތުގައެވެ. ފާއިތުވި އަހަރު އެ ސްކޫލްގެ ބެސްޓް އޯލްރައުންޑްގެ ދެވަނަ މަގާމް ލިބުނީ ވެސް އަބާންއަށެވެ.

 

ސާނަވީން އެއްވަނަ ލިބުނު އަބާންއަށް ރައީސް ސޯލިހު އިނާމް ދެއްވަނީ: އާބްނައަކީ ކިޔެވުމުގައި އަބަދުވެސް ނަމޫނާ ދަރިވަރެއް- ފޮޓޯ: ރައީސް އޮފީސް

އަބާން ބުނީ ކޮވިޑް 19އާ ގުޅިގެން އިމްތިޙާން ނުބޭއްވި ދިގުލައިގެން ދިއުމުން އެކަމުގެ އަސަރު ކިޔެވުމަށް ކުރިކަމަށާއި، ނަތީޖާ ހޯދަން އުއްމީދު ކުރިވަރާ ގާތަށް ވެސް މަސައްކަތް ނުކުރެވޭ ކަމަށެވެ.

" ކޮވިޑްއާ ގުޅިގެން ކިޔެވުން މަތިން ފޫހިވެ، ފޯކަސް ގެއްލިގެން ދިޔަ. ކިޔެވުމުގެ ތެރެއަށް އަލުން އާދެވުނީ ވަރަށް މަސައްކަތުން. އިރާދަކުރެއްވިއްޔާ އުއްމީދު ޙާޞިލްވެއްޖެ" އަބާން ބުންޏެވެ.

ކުރިއަށް ދާނެ ދާއިރާއެއް ކަނޑައެޅިފައި ނެތަސް، ފޯކަސް ހުރީ އިންޖިނިއަރިންގ ދާއިރާއިން ކުރިއަށް ދާށެވެ.

" ކުރިއަށްދާނެ ދާއިރާ އަދި ކަނޑައެއް ނާޅަން. ގުރޭޑް 12 ނިމުމުގެ ކުރިން ނިންމާނަން" އޭލެވެލްގައިވެސް އެއްވަނަ ހޯދާ، ރައީސްގެ ސްކޮލަރޝިޕަށް އަމާޒު ހިފާފައިވާ އަބާން ބުންޏެވެ.

މުހައްމަދު ޝާމިޚް ޝަފީޤު

ޝާމިޚްގެ ތަޢުލީމީ ހަޔާތް ފެށުނީ ހިރިޔާ ސްކޫލުންނެވެ. ޝާމިޚްއަކީ ކިޔެވުމަށް އިސްކަންދީ، އެންމެ މަތިން މާކްސް ހޯދަން އަޒުމް ކަނޑައަޅައިގެން މަސައްކަތް ކުރި ދަރިވަރެކެވެ. ޝާމިޚްއަކީ ވެސް ކިޔެވުމުގައި ހިރިޔާގެ އެންމެ މޮޅު ދަރިވަރުންގެ ތެރޭގައި ގުރޭޑް އެކަކުން ފެށިގެން ހިމެނެމުން ދިޔަ ދަރިވަރެއްވެސްމެއެވެ.

މިހާރު ސީއެޗްއެސްއީގައި ގުރޭޑް އެގާރަ ކިޔަވަމުންދާ ޝާމިޚްގެ ކުރިމަގުގައި ފެންނާނީ ޑޮކްޓަރެއްގެ ގޮތުގައެވެ.

ސާނަވީން އެއްވަނަ ލިބުނު ޝާމިޚުއަށް ރައީސް ސޯލިހު އިނާމް ދެއްވަނީ: ޝާމިޚު ކުރިއަށްދާން ބޭނުންވަނީ މެޑިސިން ދާއިރާއިން- ފޮޓޯ: ރައީސް އޮފީސް

" މީހުންނަށް އެހީތެރިވެދެވޭނެ އެންމެ ރަނގަޅު ދާއިރާއަކީ ޑޮކްޓަރީކަން. އެހެންވެ އެ ދާއިރާ ކެރިއަރއެއްގެ ގޮތުގައި ޚިޔާރު ކުރީ" ޝާމިޚް ބުންޏެވެ.

ޝާމިޚް ބުނީ ފިލާވަޅު ދަސްކުރާށޭ ކިޔާފައި ހޭލާ ހުރުމަކީ އޭނާ ކުރި ކަމެއް ނޫންކަމަށާއި، އެހެން ކުދިންނަށް އޭނާ ދޭން ބޭނުންވާ ނަސޭހަތަކީ ވެސް ހޭލާހުރުގެން ފިލާވަޅު ދަސްކުރުމުގެ ބަދަލުގައި ރާވާލައިގެން އެކަން ކުރުމަށެވެ.

" ހޭލާ ހުރެގެން ފިލާވަޅު ދަސްކުރުމުން ޖެހިގެން އަންނަ ދުވަހުގެ ފިލާވަޅަށް ދޭންޖެހޭ ސަމާލުކަމެއް ނުދެވޭނެ. ފޯކަސް ގެއްލޭނެ. އެންމެ މުހިންމީ ވަގުތުތަކަށް ބަހާލައިގެން ދަސްކުރުން" ޝާމިޚް ބުންޏެވެ.

އާމިނަތު މިޝްކާ ވަސީމް

އައްޑޫ ސިޓީގައި އޭރު ހުރި ޝަމްޝުއްދީން ސްކޫލުން ކިޔެވުން ފެށި މިޝްކާ ހިރިޔާ ސްކޫލާ ގުޅުނީ އަށްވަނަ ގުރޭޑުންނެވެ.

މިޝްކާ ބުނީ، ސައިންސް ސްޓްރީމް ކިޔަވާ ހިތްވީ ސިއްޙީ ދާއިރާއަށް ޝަޢުޤު ހުންނާތީ ކަމަށެވެ. އަބަދުވެސް އެއްވަނަ ހޯދުމުގެ އަޒުމުގައި ހުރި މިޝްކާއަށް ކިޔެވުމަށް ޚާއްޞަ ސަމާލުކަމެއް ދެވުނީ މޮކް އެގްޒާމުން ނުކުތް ނަތީޖާއިންނެވެ. މޮކް އެގްޒާމުން އެންމެ އޭ ސްޓާއެއް ލިބުމަކީ އޯލެވެލްގައި އަށް މާއްދާއިން އޭ ސްޓަރ ހޯދަން ލިބުނު ހިތްވަރެވެ.

ސާނަވީން އެއްވަނަ ލިބުނު މިޝްކާއަށް ރައީސް ސޯލިހު އިނާމް ދެއްވަނީ: ކިޔަވަން ފަސޭހައި ކިޔުމަށްވުރެ ބޮޑަށް ލިޔެގެން- ފޮޓޯ: ރައީސް އޮފީސް

" ނުވައެއްގައި އުޅުނު ދުވަސްވަރު ބަލިކޮށް އުޅެން ޖެހުމާއެކު ކިޔެވުމަށް ދޭންޖެހޭ ސަމާލުކަން ނުދެވިދިޔައީ. މޮކް އެގްޒާމްގެ ނަތީޖާ ދަށްވީމާ، ޕޭޕަރު ލިބުނު ދުވަހު އަޒުމް ކަނޑައެޅީ ނަތީޖާ ރަނގަޅު ކުރަން. އެދުވަހަށްފަހު ކިޔެވުމަށް ވަރަށް ބޮޑަށް ފޯކަސްކުރިން"

މިޝްކާ ބުނީ، އޯލެވެލް ނިންމާލިއިރުވެސް އެއްވަނަ ލިބިދާނެ ކަމާމެދު ޝައްކު ކަމަށެވެ. އެކަމަކު އާއިލާގެ އެންމެން ދިނީ ކުރި މަސައްކަތުން އެ މަގާމަށް ދެވޭނެ ކަމުގެ ޔަގީންކަމެވެ.

" އާއިލާގެ މީހުން ބުނާނެ އެއްވަނަ ލިބޭނެއޭ ތި ކުރި މަސައްކަތަށް. އަޅުގަނޑު ހުރީ ދެ ފިކުރެއްގައި" މިޝްކާ ބުންޏެވެ.

މިޝްކާއަށް ފިލާވަޅު ކިޔައިގެން ދަސްކުރުމަށްވުރެ ފަސޭހައީ ލިޔެގެން ދަސްކުރާށެވެ. ސްކޫލްގައި ނަގައިދޭ ފިލާވަޅަށް ބޭނުންވާ އިތުރުއެހީ އޭނާ ހޯދީ އިންޓަރނެޓުން ރިސާރޗްކޮށްގެންނެވެ. އެ ލިބޭ މައުލޫމާތު އަލުން ލިޔަނީއެވެ.

" ކިޔުމަށްވުރެ ލިޔެގެން ދަސްކުރަން ފަސޭހައީ" މިޝްކާ ބުންޏެވެ.

މިހާރު އޭލެވެލްއަށް ކިޔަވަމުންދާ މިޝްކާ ބުނީ، އޯލެވެލްއާ އަޅާބަލާއިރު، އޭލެވެލް އުނދަގޫ ކަމަށެވެ. އެހެންވެ އޭލެވެލްއަށް ކުރަންޖެހޭ މަސައްކަތް ބުރަވެފައި އިތުރުކުރަންޖެހެއެވެ.

" ކޮންމެ ދުވަހަކު މަދުވެހެން ދެތިން ގަޑިއިރު، ކިޔަވަން ހޭދަނުކުރާ ކަމަށްވަންޏާ އޭލެވެލްގައި ކުރިއަށްދާން ފަސޭހައެއް ނުވާނެ" އޭލެވެލްގެ ގަދަ ދިހައެއްގައި ހިމެނުމަށް މަސައްކަތް ކުރަމުންދާ މިޝްކާ ބުންޏެވެ.

ތިން ދަރިވަރުން ވެސް ފާހަގަކުރީ ހިރިޔާސްކޫލުން އެ ދަރިވަރުންގެ ކިޔެވުމަށް ދިން ސަމާލުކަމާއި ކޮށްދިން މަސައްކަތްތަކެވެ. ރަނގަޅު ނަތީޖާއެއް ނެރެވުނީ އެ މަސައްކަތުގެ އެހީގައެވެ.

އަޅުގަނޑުމެން އެދެނީ މި ދަރިވަރުންނަށް އިތުރުކާމިޔާބެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *