އޭލެވެލްގައި އެކައުންޓިންއާއި ބިޒްނަސްއިން ރާއްޖެއާއި ދުނިޔެއިން ވެސް އެއްވަނަ، އަހުމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ ދަރިވަރު އަހުމަދު ރަސަލް ތަސްލީމް ވަނީ ހޯދާފައެވެ.
މަތީ ސާނަވީގައި ރަސަލް ދިޔައީ ޤައުމީ ގަދަ ދިހައެއްގެ ތިން ވަނައަށެވެ.
2018 ވަނަ އަހަރު އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ އެންމެ މޮޅު ދަރިވަރުގެ ގޮތުގައި ހޮވި ރަސަލް ވަނީ އޯލެލެވެލްގައި، ބިޒްނަސް ސްޓަޑީޒް އާއި އިކޮނޮމިކްސް އިން މުޅި ދުނިޔޭން އެއްވަނަ ހޯދައި، އެކައުންޓުން މުޅި ދުނިޔޭގެ ތިންވަނަ ހޯދާފައެވެ.
ރަސަލް މިހާރު ތައްޔާރު ވަމުންދަނީ އިނގިރޭސި ވިލާތުގެ ޔުނިވަރސިޓީ އޮފް ވެސްޓްގައި އެކައުންޓްގެ ދާއިރާއިން މަތީ ތަޢުލީމަށް ކިޔަވަންދާށެވެ. އަންނަ މަހުގެ ތެރޭގައި ކިޔެވުން ފަށާނެއެވެ.
ރަސަލް ބުނީ، މުދައްރިސުން ފިލާވަޅު ނަގައިދޭއިރު، ކަނުލައި އަޑުއެހުމަށްފަހު، ގެއަށް ގޮސް އެ ދުވަހެއްގެ ފިލާވަޅު އެ ދުވަހަކު ދަސްކުރުމުގެ އާދަ އަށަގެންފިނަމަ ރަނގަޅު ނަތީޖާއެއް ހޯދުމަކީ އުނދަގޫ ކަމެއް ނޫނެވެ.
ކިޔެވުމުގައި ކުރިއަށް ދިޔައިރު ދަށް މާއްދާތަކުން ރަސަލް ޓިއުޝަން ނެގިއެވެ. ޚާއްޞަކޮށް ދިވެއްސަކީ އަބަދުވެސް އުނދަގޫ މާއްދާއެކެވެ.

" ބައެއް ފަހަރު ހުސްވަގުތު ދުއްވާލުމުގެ ބޭނުމުގައި ވެސް ޓިއުޝަން ނަގަން" ރަސަލް ބުންޏެވެ.
ސާނަވިއާއި މަތީ ސާނަވީގައި ކިޔެވިއިރު ރަސަލް ނުކުރާ ކަމަކީ ކުދިންނާ ވާދަ ކުރުމެވެ. އޭގެ ބަދަލުގައި އޭނާ ވާދަކުރީ އަމިއްލަ ނަފުސާއެވެ. އޭނާ ދެކޭ ގޮތުގައި ކުދިންނާ ވާދަކުރުމަކީ ނުރަނގަޅު އަސަރުތަކެއް ކުރުވާ ކަމެކެވެ. އޭގެ ބަދަލުގައި އަމިއްލަ މީހާ ހޯދާ ނަތީޖާއަށް ވުރެ، ދެން ލިބޭ ނަތީޖާ ރަނގަޅުކުރަން މަސައްކަތްކުރުން ބުއްދިވެރިއެވެ.
" ކިޔެވުމުގައި ގެންގުޅެންވީ އަމިއްލަ ސްޓައިލެއް. މީހެއްގެ ބޫޓަށް އަރައިގެން ހިނގުމަށްވުރެ އަމިއްލަ ބޫޓުގައި އަމިއްލަ އިޚްތިޔާރުގައި ހިނގީމާ ހަޤީޤީ ކާމިޔާބު ލިބޭނީ" ރަސަލް ދަރިވަރު ނޫހަށް ކިޔައިދިނެވެ.
ޖަމާލުއްދީނުން ޕްރައިމަރީއާއި މެދުމަދަރުސީ ތައުލީމް ނިންމާލި ރަސަލްއަކީ އަދަބީ ހަރަކާތްތަކިގައި ވެސް ވަރަށް ހަރަކާތްތެރިކޮށް އުޅުނު ދަރިވަރެކެވެ.
ޖަމާލުއްދީނުގައި ކިޔެވި ދުވަސްވަރު، ވިދިވިދިގެން އެތައް އަހަރަކު “ޞަލާޙުއްދީން އެވޯރޑް” އާއި “ޔަންގް ޝޭކްސްޕިއަރ އެވޯރޑް” ގެ ޓޮޕް 5 ގައި ހިމެނުނެވެ. "އިންގްލިޝް ލިޓްރަރީ އެކްޓިވިޓީ ކޮމްޕެޓިޝަން" އާއި ދިވެހި ފޯވަހީގެ އެންމެ ނަންހިނގާ، އެންމެ މޮޅު ދަރިވަރުންގެ ތެރޭގައި ތަކުރާރުކޮށް އެތައް ފަހަރަކު ހިމެނިފައިވެއެވެ. ހިތުހިސާބު ދަސްކޮށްދޭ“ ޔޫސީމާސް”ގެ ފަރާތުން 2012 އަދި 2013 ވަނަ އަހަރު މުޅި ރާއްޖެއަށް ހުޅުވާލައިގެން ބޭއްވި ހިތުހިސާބު މުބާރާތުން ހައި ލެވެލް އާއި އެޑްވާންސް ލެވެލް އިން ފަޚުރުވެރި އެއްވަނަ ހޯދީވެސް ރަސަލްއެވެ. އަދި 2012 ވަނަ އަހަރު މެލޭޝިޔާގެ ޔޫސީމާސް އިން ބޭއްވި ބައިނަލްއަޤްވާމީ މުބާރާތެއްގެ ސެމީފައިނަލަށް ދަތުރުކޮށް “މެރިޓް އެވޯރޑް” ހޯދިއެވެ.
advertisment
ހިޔާލު