( 16 އޮކްޓޯބަރު އާ ގުޅޭ)
މަރީ ހުރީ އަދިވެސް ނުތަނަވަސްކަމެއްގެ ތެރޭގައެވެ. މިއަދަކީ އޭނާގެ އުފަންދުވަހެވެ. ޔާސިރު އެކަން ހަނދާން ވެސް ނެތެވެ. މިހާރު މިއޮތް މެންދުރުވަނީއެވެ. އަދިވެސް އޭނާގެ ދުލުން އެއް ފަހަރުވެސް އުފަންދުވަހޭ ކިޔައިގެން އެއްޗެއް ބުނެނުލައެވެ. ހޭ ވެސް އަހައިނުލައެވެ.
“ވާހަކައެއް އަހައިލަންތަ؟” ތަންކޮޅަކަށް ގޮސްފައި މަރީ އަހައިލިއެވެ.
“ހޫނ.” ޔާސިރު ހިނިތުންވެލިއެވެ.
“މިހާރު ކުރީން ވާ ވަރަކަށް މަދެކެ ލޯތްބެއް ނުވޭދޯ!”
“ތިހެން ހީ ނުކުރައްޗޭ މަރީ. ވަރަށް ވަރަށް ލޯބިވޭ!”
“އެހެންވިއްޔާ މިހާރު ހާދަ ހަނދާން ބައްޔޭ!”
ވާހަކަ މިހާ ހިސާބަށް ދިޔައިރު އެ ދެ މީހުންނަށް ގޮސް ތޮށިގަނޑު މައްޗަށް އެރިއްޖެއެވެ. އެހައިތަނުން ޔާސިރު ހަމަ ގަސްދުގައި ވާހަކަ ބަދަލުކޮށްލައިފިއެވެ. އޭނާ މަރީއަށް ދެއްކީ މޫދުގައި ދުވެލަ ދުވެލައި ތިބި ރާބުޅާ ޖޯޑެކެވެ. އެ އާ އެ ދެމީހުންނާ ގުޅުވައިގެން ވާހަކަ ދައްކަން ޔާސިރު ހުރީ މަރީގެ ކޮނޑަށް އަތްވައްޓާލައިގެންނެވެ. އެހެން ހުރެފައި އޭނާ މަރީއާ ދިމާއަށް ބަލާލައިފިއެވެ. އޭރުވެސް މަރީގެ ނަޒަރު ހުއްޓިފައި ހުރީ މޫދާ ދިމާއަށެވެ.
“ހެޕީ ބާތުޑޭ މައި ލޯބީ.” ކުއްލިއަކަށް މަރީގެ ކަންފަތުގައި ޖެހުނީ ޔާސިރުގެ މި ޖުމުލައެވެ. އޭނާގެ ކަންފަތްދޮށުގައި ވައިއަޑުން ބުނެލުމުންނެވެ. މަރީއަށް ލިބުނީ ކުއްލި ސިހުމެކެވެ. ތެޅެގަނެވުނެވެ. އަވަސް އަވަހަށް ޔާސިރާ ދިމާއަށް ބަލައިލެވުނެވެ. ހިނިތުންވެލެވުނެވެ.
“ހަނދާން އެބަހުރިތަ؟” މަރީއަށް އުޅެވުނީ ޔާސިރުގެ ގައިގައި ބައްދައިގަންނާށެވެ. އެހެނަސް އެއަށްވުރެ ކުރީން ޔާސިރު، މަރީގެ ބުރަކަށީގައި އަތް އަޅައި މޫދާދިމާއަށް ކޮށްޕާލައިފިއެވެ. އަޑުގެ ކޮޅަށް ހެޕީބާތުޑޭއޭ ގޮވައިލަމުންނެވެ. ހީނގަންނަމުންނެވެ. ލިބުނު ކުއްލި ސިހުމާއެކު މަރީއަށް ހަޅޭއްލަވައިގަނެވުނެވެ. އޭރު އޭނާ ގޮސް މޫދުތެރެއަށް ޖެހެނީއެވެ.
“ސަޕްރައިޒް! ވަރަށް އުފާވެރި އުފަން ދުވަހަކަށް އެދެން.” މަރީ ގޮސް ލޮނުގަނޑުގެ ތެރެއަށް ޖެހުމާއެކު އަނެއްކާ ވެސް ޔާސިރު އަޑަށް ބާރުލާފައި ބުނެލިއެވެ. އެއާއެކު އޭނާ ދުއްވައިގަތީ އެއްގަމަށެވެ. ރޭވިފައި އޮތް ގޮތަށް ކަންކުރުމަށްޓަކައެވެ. ޖީބުގައި އޮތް ކުލަޕެކެޓް ނަގައި އަތަށް ހެޔޮވަރުކޮށްލަމުން އޭނާ ގޮސް ވަނީ އެތަނުގައި ހުރި ގަސްބޮޑިއެއް ތެރެއަށެވެ. މަރީ އެއްގަމަށް އެރުމާއެކު ރަތްކުލައިން މީހާ “ފެންވަރުވައި”ލުމަށެވެ؟
މަރީއާ ދޭތެރޭ ކަންބޮޑުވާކަށް ނުޖެހެއެވެ. އޭނާއަކީ މޮޅު ފެތުންތެރިއެކެވެ. ސްކޫލުގައި އުޅުނު ދުވަސްވަރު ފެތުމުގެ މުބާރާތްތަކުން ރަންމެޑަލް ހޯދައިފައިވާ ހުނަރުވެރި ފެތުންތެރިއެކެވެ. އެހެންކަމުން ޔާސިރު އިނީ މަރީ މޫދުން އަރައިގެން އަންނާނޭ އިރެއްގެ އިންތިޒާރުގައެވެ. ކުލަޖަހައި ރަތްކޮށްލަން ކެތްތެރިކަން ކުޑަވެފައެވެ.
މަރީގެ އިންތިޒާރުގައި ޔާސިރު އެހެން އިންނަތާ ފަސް މިނެޓް ދިހަމިނެޓަށް ވެއްޖެއެވެ. މަރީ އެއްގަމަކަށް ނޭރިއެވެ. ޔާސިރަކަށް ނީނދެވުނެވެ. ހިތް ބިރުގަންނަން ފަށައިފިއެވެ. އެންމެފަހުން އޭނާ އެ އިން ތަނުން ނިކުމެއްޖެއެވެ. ފާޑަކަށް ހުރެގެން ތޮށިގަނޑާ ދިމާއަށް ހިނގައިގެންފިއެވެ. އޭރު އޭނާގެ ހިތް ތެޅެއެވެ. ނޭނގޭ ބިރުވެރިކަމަކުން އެތެރެހަށި ފުރާލައިފިއެވެ. ދެ ލޯ ބޮޑުވެފައި ހުރިއިރު، އަތް ފައި ވަނީ ބަރުވެ ފިނިވެފައެވެ.
ޔާސިރު ގޮސް ތޮށިގަނޑު މައްޗަށް އަރައިފިއެވެ. މޫދަށް ނަޒަރު ހިންގާލައިފިއެވެ. މަރީއެއް ފެންނާކަށް ނެތެވެ. ޔާސިރަށް އެކި ދިމާއަށް ބަލަންފެށުނެވެ. މޫދުގެ އެއްވެސް ދިމާއަކުން މަރީއެއް ފެންނާކަށް ނެތެވެ. ޔާސިރުގެ ހިތް ކުރިއަށްވުރެ ވެސް ބާރަށް ތެޅެންފަށައިފިއެވެ. އަތުގައި އޮތް ކުލަޕެކެޓް ވެއްޓިއްޖެއެވެ. އޭނާއަށް މަރީގެ ނަމުން ގޮވަން ފެށުނެވެ. ފަހަރަކަށްވުރެ ފަހަރެއް ބާރަށެވެ. އެންމެފަހުން ހިތަށް ކެތް ނުކުރެވިގެން މޫދަށް ފުންމާލައިފިއެވެ. މަރީގެ ނަމުން ގޮވަމުން މޮޔައަކު ފަދައިން އުޅެންފަށައިފިއެވެ.
“ކުއްލިއަކަށް ނޭނގި ހުއްޓާ ކޮއްޕާލުމުން ޝޮކެއް ޖެހުނީޔޯ. އެހެންވެޔޯ މަރުވީ.” ފެންކަޅިވެފައިވާ ދެ ލޮލުން އައިޝާއާ ދިމާއަށް ބަލައިލަމުން ނިޝާ ބުންޏެވެ.
“ކިހާދެރަ. ވިސްނައިނުލައި ކުރެވޭ ކަންކަމުގެ ހިތި ނަތީޖާ އެ ހުންނަނީ. ޔާސިރު އަދިވެސް ބަންދުކޮށްފަ ދޯ!”
“އާނ، މިހާރު ދެ ދުވަސްވީ ފުލުސް އޮފީހަށް ގެންދިޔަފަހުން. މަށަށް އެންމެ އަސަރުކުރީ އެ މަންމަ ފަކީރު ރުއި ރުއިން ފެނިފަ. ކީއްކުރާނީ ދޯ!” ނިޝާއަށް ދޫކޮށްލެވުނީ ފުން ނޭވާއެކެވެ. “ދެން ދަނީ. މަރީ ނެތީމަ މިއަދު ސަޔަށް ދާ ހިތެއް ވެސް ނެތް.” ނިޝާ ތެދުވެގެން ހިނގައިގަތީ އޭނާގެ ކެބިންއާ ދިމާއަށެވެ. ދެ ލޯ ފޮހެލަމުންނެވެ.
( ނިމުނީ )
http://www.mohamedgasim.com
ކިޔުންތެރިންގެ ޚިޔާލުތައް
ރީތި ވާހަކައެއް