ރަނގަޅު މުދައްރިސުން ނުއުފެއްދޭނަމަ، ނަތީޖާ ހޯދާ ދަރިވަރުން މަދުވާނެ ކަމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.
ސާނަވީއާއި މަތީ ސާނަވީގެ ޤައުމީ ގަދަ ދިހައަކަށް ދިޔަ ދަރިވަރުންނަށް އިނާމް ދިނުމަށް ބޭއްވި ހަފުލާގައި މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ، ރަނގަޅު މުދައްރިސުން ނުއުފެއްދޭނެނަމަ އެފަދަ ޖަލްސާތަކުގައި ބައިވެރިވާ ދަރިވަރުންގެ އަދަދު އަހަރަކަށްފަހު އަހަރެއް މަދުވެގެން ދާނެކަމަށެވެ.
" އަޅުގަނޑު މި އެދުން މި ހާމަކުރީ، ރަނގަޅު މުދައްރިސުން ނުއުފެއްދޭ ނަމަ، މި ފަދަ އުފާވެރި ޖަލްސާތަކުގައި ބައިވެރިވާ ދަރިވަރުންގެ ޢަދަދު އަހަރަކަށް ފަހު އަހަރެއް މަދުވަމުންދާނެތީ. ޖަލްސާތައް ކުރުވަމުންދާނެތީ. މިކަންކަމުގެ ނިހާއީ ނިމުމަކަށް ވާނީ، ފާހަގަ ކުރާ ވަރުގެ ނަތީޖާ ނުނެރެވޭތީ، މިފަދަ ޖަލްސާތައް އުވިގެން ދިއުން"
އެ ގޮތް ބޭނުން ނޫންނަމަ ކަންކުރާނެ ގޮތް، ސާނަވީއާއި މަތީ ސާނަވީގެ އެންމެ މޮޅު ދަރިވަރުން ބައިވެރިވި ހަފުލާގައި މިނިސްޓަރު ވަނީ ވިދާޅުވެދެއްވާފައެވެ.
" އަޅުގަނޑުގެ އިލްތިމާސް އަކީ، ތިޔައިގެ ތެރެއިން އެންމެ ޚުލްޤު ރަނގަޅު، އެންމެ ކެރޭ، އެންމެ ތޫނުފިލި ކުދީން މުދައްރިސްކަމާ ކުރިމަތިލުން"
މުދައްރިސުންނަށް މިނިސްޓަރު ވިދާޅުވީ، ވަރަށް ބޮޑު ޒިންމާއަކާ ކުރައްވާ މަސައްކަތަކީ މުޅި ޤައުމަށް އަދި އެތަކެއް ޖީލުތަކަކަށް އޭގެ އަސަރު ފޯރާ މަސައްކަތެއް ކަމަށެވެ. މިނިސްޓަރު ވިދާޅުވީ، އަބަދުވެސް ޢަމަލުތައް އިޙްލާސްތެރި، ހަރަކާތްތަކުން ނަމޫނާ ދައްކާ، ދަރިވަރުންގެ މަޢުޞޫމްކަމާއި ޢިއްފަތްތެރިކަން ރައްކާތެރިކުރާ ބަޔަކަށްވުމަށް މުދައްރިސުން ވުމަށެވެ.
މަތީ ވަނަތައް ހޯދި ދަރިވަރުންނަށް މިނިސްޓަރު ވިދާޅުވީ، އަދި ނިންމާލެވުނީ ތަޢުލީމީ އެއް ހަރުފަތް ކަމަށާއި، ދަރިވަރުންގެ ތަޢުލީމީ ޙަޔާތް އަދި އޮތީ ކުރިޔަށް ކަމަށެވެ. ސަރުކާރުން ހުޅުވާލާފައިވާ މަތީ ތަޢުލީމުގެ ފުރުޞަތުތަކުގެ ބޭނުން ރަނގަޅުގޮތުގައި ހިފައި، ތަޢުލީމުގެ އިތުރު ހަރުފަތްތަކެއް ގިރާކުރުމަށް ޢަޒުމް ހިފުމަށެވެ.
އިސްލާމް ދީނަށް ލޯބިކުރާ، ޤާނޫނަށް ބޯލަނބާ، މިނިވަންކަމާއިއެކު ވިސްނާ، ޝަހްސީ ސިފަތަކަށް އިހްތިރާމްކުރާ، އަމިއްލަ ކުރިއެރުމާ ޤައުމު ބިނާކުރުމުގެ މަސައްކަތުގައި ޢަމަލީގޮތުން ބައިވެރިވެ، ވިސްނުންތެރިކަމާއެކު މަސައްކަތްކުރާ ކުދިބަޔަކަށް ވުމަށް މިނިސްޓަރު ވަނީ ނަސޭހަތްތެރިވެ ވަޑައިގެންފައެވެ.
advertisment
ހިޔާލު