2020/2021 ވަނަ އަހަރުގެ މަތީ ސާނަވީއާއި ސާނަވީ އިމްތިޙާނުތަކުން ޤައުމީ ގަދަ ދިހައެއްގައި 1105 ދަރިވަރުން ހިމެނިއްޖެއެވެ. އެއީ މަތީ ސާނަވީގެ ގަދަ ދިހައެއްގައި ހިމެނުނު 348 ދަރިވަރުންނާއި، ސާނަވީގެ ގަދަ ދިހައެއްގައި ހިމެނުނު 757 ދަރިވަރުންނެވެ.
މަތީ ސާނަވީގެ ގަދަ ދިހައެއްގެ އެއްވަނަ ލިބުނީ ހަ ދަރިވަރަކަށެވެ. އެއީ ސީއެޗްއެސްސީގެ ފަސް ދަރިވަރުންނާއި ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލްގެ އެއް ދަރިވަރަކަށެވެ.
އޭ ލެވެލް އިން ރާއްޖެއިން އެއްވަނަ ދިޔަ ދަރިވަރުން:
– އައިން އަލީ ރަޝީދު، ސީއެޗްއެސްއީ
– ޝާނީ ޝަމީމް، ސީއެޗްއެސްއީ
– މަރިޔަމް މަލްސާ އަލީ، ސީއެޗްއެސްއީ
– މައާނީ މުއާވިޔަތު ޝަރީފް، ސީއެޗްއެސްއީ
– އާމިނަތު ނޫހާ ނިމާލް، ސީއެޗްއެސްއީ
– އާމިނަތު އިބާ އާދަމް، ޖަލާލުއްދީން ސްކޫލު،
މަތީ ސާނަވީގެ ގަދަ ދިހައެއްގައި އެންމެ ގިނަ ދަރިވަރުން ހިމެނުނީ ސީއެޗްއެސްއީންނެވެ. އެ ސްކޫލްގެ 147 ދަރިވަރުން ގަދަ ދިހައެއްގައި ހިމެނިފައިވެއެވެ.

ސާނަވީގެ ގަދަ ދިހައެއްގައި 29 ދަރިވަރުން ހިމެނެއެވެ. އެއްވަނައިގައި އެންމެ ގިނަ ދަރިވަރުން ހިމެނުނީ އަހުމަދިއްޔާ ސްކޫލާއި އައްޑޫސިޓީގެ ޝަރަފުއްދީން ސްކޫލްގެއެވެ. ކޮންމެ ސްކޫލަކުން ވެސް ހަތަރު ދަރިވަރުން އެއްވަނައިގައި ހިމެނިފައިވެއެވެ. ދެން އެންމެ ގިނަ ދަރިވަރުން ހިމެނުނީ ހިރިޔާ ސްކޫލުންނެވެ. އެ ސްކޫލުގެ ތިން ދަރިވަރަކު އެއްވަނައިގައި ހިމެނިފައިވެއެވެ. 13ދަރިވަރަކު ވަކިވަކި މާއްދާތަކުން ދުނިޔޭގެ ގަދަ 10 ގައި ހިމެނިފައިވާ އިރު، 6 ދަރިވަރަކު ވަނީ ހައި އެޗީވްމަންޓް އެވޯޑް ޙާޞިލުކޮށްފައެވެ.
ސާނަވީގެ އެންމެ ގަދަ ސްކޫލަކީ އަހުމަދިއްޔާއެވެ. އެ ސްކޫލުގެ 66 ދަރިވަރުން ގަދަ ދިހައެއްގައި ހިމެނިފައިވެއެވެ. އަހުމަދިއްޔާގެ ފަހަތުން އެންމެ ގިނަ ދަރިވަރުން ހިމެނުނީ އިސްކަންދަރުގެއެވެ. އެ ސްކޫލްގެ 42 ދަރިވަރުން ގަދަ ދިހައެއްގައި ހިމެނުނެވެ.
2020-2021 ވަނަ ދިރާސީ އަހަރު ޘާނަވީ ތަޢުލީމު ނިންމައި، ދިވެހިރާއްޖެއިން 5955 ދަރިވަރުން ވަނީ އެސް.އެސް.ސީ އަދި އޯލެވެލް އިމްތިޙާނުތަކުގައި ބައިވެރިވެފައެވެ. އަދި މަތީ ޘާނަވީ ތަޢުލީމު ނިންމައި، ދިވެހިރާއްޖެއިން 2641 ދަރިވަރުން ވަނީ އެޗް.އެސް.ސީ އަދި އޭލެވެލް އިމްތިހާނުތަކުގައި ބައިވެރިވެފައެވެ.
advertisment
ހިޔާލު