ހއ. އިހަވަންދޫ ސްކޫލްގައި" ޔަންގް ފިޝަރސް ކުލަބް" ހަރަކާތް ފަށަން ނިންމައިފިއެވެ. މިއީ ފިޝަމަންސް އެސޯސިއޭޝަނާ ގުޅިގެން އެ ސްކޫލުން ކުރިއަށް ގެންދާ ހަރަކާތެކެވެ.
މި ކުލަބުގެ ހަރަކާތް ފެށުމުގެ ކުރިން ބެލެނިވެރިންނާއި ދަރިވަރުންނަށް މައުލޫމާތު ވަނީ ފޯރުކޮށްދިފައެވެ. މައުލޫމާދު ދިނީ، މޯލްޑިވްސް ފިޝަމަންސް އެސޯސިއޭޝަންގެ ޗެއަރމަން އަލްފާޞިލް އަހުމަދު މަނިކު ( މައިޒާން) އަދި އެ އެސޯސިއޭޝަންގެ ސެކެޓްރީ ޖެނެރަލްގެ ޢަބްދުﷲ ޝާކިރެވެ.
ރާއްޖޭގެ ސްކޫލެއްގައި ފުރަތަމަ ފަހަރަށް އުފައްދާ " ޔަންގް ފިޝަރސް ކުލަބް" ގެ ހަރަކާތްތައް ކުރިއަށް ގެންދާނީ ގާލްގައިޑާއި ސްކައުޓް ހަރަކާތާ ދާދި އެއްގޮތަށެވެ. ދަރިވަރުންނަށް މައުލޫމާތާއި މަސައްކަތް ދަސްކޮށްދިނުން ހިމެނެއެވެ. އަދި އެކުދިން ކުރާ މަސައްކަތައް ބަލައި ބެޖްލިބޭނެ ގޮތްތައް ވެސް މި ކުލަބުން ތަޢާރަފު ކުރާނެއެވެ. މި ކުލަބުގެ ހަރަކާތައް މި އަހަރު ފަށަނީ ގުރޭޑް 7އާއި 8ގެ ދަރިވަރުންނަށެވެ. މިހަރަކާތުގައި ފުރަތަމަ ބައިވެރިކުރަން ނިންމާފައި ވަނީ 30 ދަރިވަރެކެވެ.

އިހަވަންދޫ ސްކޫލްގެ ޕްރިންސިޕަލް އަހުމަދު ރަޝީދު ވިދާޅުވީ، މި ކުލަބުގެ ހަރަކާތުގެ ތެރެއިން މަސްވެރިކަމާ ގުޅުން ހުރި ދާއިރާތަކަށް ދަރިވަރުންގެ ޝަޢުޤު އިތުރުވެގެންދާނެ ކަމަށް ބެލެވޭ ކަމަށެވެ.
އޭނާ ވިދާޅުވިގޮތުގައި މި ކުލަބުގެ ހަރަކާތުގެ ކުރިއަށް ގެންދަނީކީ ހަމައެކަނި ކުދިން ގޮވައިގެން މަސްބާނަން ދިއުމެއް ނޫނެވެ. އެއަށްވުރެ ފުޅާކޮށް، މަސްވެރިކަމާއި، ތިމާވެއްޓާއި ޓެކްނޮލިޖީއާ ގުޅުން ހުރި ދާއިރާތަކުން ދަރިވަރުންނަށް މައުލޫމާތު ދޭނެއެވެ. އަދި ފެތުމާއި ފަލިޖެހުމާއި ދިވެހިންގެ މިފަދަ އެތައް ހުނަރެއް ދަރިވަރުންނަށް ދަސްކޮށްދޭނެއެވެ.
" މަސްވެރިކަމަށް ދަރިވަރުން އަހުލުވެރިކުރުވައި ޝަޢުޤު އުފެއްދުން އެންމު ހިންމު ކަމަކީ. އޭގެ ތެރެއިން މަސްވެރިކަމާ ގުޅުން ހުރި އުފެއްދުންތަކާއި ހުނަރުތައް ދަރިވަރުންނަށް ދަސްކޮށްދޭނެ" އަހުމަދު ވިދާޅުވިއެވެ.
އަހުމަދު ވިދާޅުވީ، އިހަވަންދޫއަކީ މަސްވެރި ރަށަކަށްވެފައި މަހަށް ފުރާ ގިނަ ދޯނި އޮތް ރަށަކަށްވުމާއެކު ހީނަރުވަމުންދާ މަސްވެރިން ދިރުވުމަށް ސްކޫލްދައުރުގައި ދަރިވަރުން އެކަމަށް ޝަޢުޤު އުފެއްދުން މުހިންމު ކަމަށެވެ.

" މި ރަށަށް ބަލާއިރުވެސް އަޅުގަނޑުމެންނަށް ވަރަށް މުހިންމު ހަރަކާތެއް މިއީ. އެންމެ ބޮޑު ހިތްހަމަޖެހުމަކީ ތަކުރިބާކާރުންނާއެކު ދަރިވަރުންނަށް މަސައްކަތް ކުރުމުގެ ފުރުޞަތު ފަހިވުން. މޫސުމީ ބަދަލާއި މަސްވެރިކަމާއި، ތިމާވެއްޓަށް އަންނަ ބަދަލުތަކާ ގުޅޭ މައުލޫމާތުގެ އިތުރުން އަމަލީ ގޮތުން އެ ބަދަލުތައް ދެނެގަތުމުގެ ފުރުޞަތު ދަރިވަރުންނަށް މި ހަރަކާތުގެ ތެރެއިން ފަހިވެގެންދާނެ" ޕްރިންސިޕަލް އަހުމަދު ރަޝީދު ވިދާޅުވިއެވެ.
އަހުމަދު ވިދާޅުވީ، މި ކުލަބު ހަރަކާތައް ފިރިހެން ދަރިވަރުންގެ އިތުރުން އަންހެން ދަރިވަރުންގެ ވެސް ޝަޢުޤުވެރިކަން ބޮޑުކަމަށެވެ.
ރާއްޖޭގެ ސްކޫލެއްގައި އަލަށް ފަށާ، ޔަންގް ފިޝަރސް ކުލަބުގެ ހަރަކާތްތައް ފެށުމަށް އެ ސްކޫލުން މިހާރު ދަނީތައްޔާރު ވަމުންނެވެ.
advertisment
ހިޔާލު