ބަތްކައްކާ ކުޅުނުއިރުވެސް ވާންބެނުންވީ ޑޮކްޓަރަކަށެވެ. ރަށުގައި ހުރި ސިއްޙީމަރުކަޒަށް މަންމައާއެކު ގިނަގިނައިން ގޮސްހެދީ ވެސް އެކަމަށް ހުންނަ ޝަޢުޤެއްގެ ބޮޑުކަމުންނެވެ. ޑޮކްޓަރުން އަޅާ ގޮތަށް ކަށިގަނޑު އަޅައިގެން އެއް އުމުރުފުރާގެ ކުދިން ބަލައި އުޅުނެވެ. ކުޅުމުގެ ތެރެއިން އެކުދިންނަށް ބޭސްދީ ހެދީ ވެސް އެކަމަށް އޮތް ކުލުނެއްގެ ބޮޑުކަމުންނެވެ. ހޯރަފުށީގައި ހުންނަ އެ އަތޮޅު މަދަރުސާއިން މި އަހަރު އޯލެވެލް ހެދި ފާތިމަތު ސުދާ، ކިޔެވީ ވެސް އެންމެ ބޭނުމަކުއެވެ. ރަނގަޅު ނަތީޖާއެއް ހޯދައިގެން ޑޮކްޓަރަކަށް ވުމަށެވެ.

އެ ނިޔަތުގައި ކިޔެވި ސުދާ ހޯދި ކާމިޔާބީން އޭނާއަށް ވެސް ލިބުނީ ކުއްލި ސިހުމެކެވެ. އަށް މާއްދާއިން އޭ ސްޓަރ ލިބިދާނެ ކަމަށް އޭނާ އުއްމީދެއް ނުކުރެއެވެ.
" މިއީ ސަޕްރައިޒެއް، ނަތީޖާ ލިބުނު ވަގުތު ބަސް ހުއްޓި ކުޑަވަގުތު ކޮޅެއް ވަންދެން ހިމޭންވެފައި ހުރެވުނީ" ސުދާ ބުންޏެވެ.
ސުދާ ބުނީ، ހުރިހާ މާއްދާއަކުން އޭ ސްޓަރ ލިބޭނެ ކަމަށް އުއްމީދެއް ނެތް ނަމަވެސް މަދުވެގެން ހަ މާއްދާއަށް އުއްމީދު ކުރި ކަމަށެވެ. ފިޒިކްސްއާއި ކެމިސްޓްރީ އަބަދުވެސް އުނދަގުލެވެ. ސްކޫލްގެ ފަހުޓެސްޓާއި މޮކް އެގްޒާމުން ވެސް ރަނގަޅު ނަތީޖާއެއް ނުނެރެވެއެވެ. އެހެންވެ އެ ދެ މާއްދާއަށް އޭނާއަކަށް އިތުބާރެއް ނެތެވެ. އެކަމަކު ކަންވީ ހީކުރިގޮތަކަށް ނޫނެވެ. ނަތީޖާ އެނބުރުނީ އޭނާގެ އުއްމީދާ ދިމާލަށެވެ. ރަށާއި ސްކޫލް ހެއްވާލާފައި ޤައުމީ ގަދަ ދިހައެއްގެ އެއްވަނަ ހޯދީއެވެ. އެއީ އެ ސްކޫލްގެ ތާރީޚީ ކާމިޔާބެވެ.
ލިބުނު ކާމިޔާބާއެކު އޭލެވެލްއަށް ކިޔަވަން ސުދާ ވަނީ މާލެ ބަދަލުވެފައެވެ. އޯލެވެލްގައި ހޯދި ފަދަ ނަތިޖާއެއް ހޯދާ ޑޮކްޓަރެއްގެ ހުވަފެން ހަޤީޤަތަކަށް ހެދުމަށެވެ.
ކިޔަވާށޭ ކިޔާފައި ސުދާ ނިންޖެއް ނަގައެއް ނުލައެވެ. ކޮންމެ ރެއަކު ވެސް 11 ޖަހާއިރު، އެއީ ނިދާގަޑިއެވެ. ފަތިސްވީމާ އެވީ ތެދުވާށެވެ. ނިދިނަގާލައިގެން ހޭލާއިނދެ ދަސްކުރާ ފިލާވަޅަކުން ކުރާނެ ފައިދާއެއް އޮންނާނެ ކަމަކަށް އެނާއަށް ޤަބޫލެއް ނުކުރެވެއެވެ.
" ހަމަ ނިދި ނުލިބި އެއްވެސް ކަމެއް ނުކުރެވޭނެ. އެހެންވެ އަބަދުވެސް ނިދި ހަމަކުރެވޭތޯ ބަލަނީ"
މޮޅު ނަތީޖާއަކަށް އަމާޒު ހިފައިގެން ކިޔެވި ނަމަވެސް ފިލްމާއި ޚާއްޞަ ޑޮކިއުމަންޓްރީ ބެލުމަކީ ދޫކޮށްލި ކަމެއް ނޫނެވެ. ކޮންމެ ދުވަހަކުހެން އެކަމަށް ވަގުތު ހުސްކުރެއެވެ. އިނގިރޭސި މާއްދާއަށް ޚާއްޞަ ސަމާލުކަމެއް ދެވުނީ އޭގެ ތެރެއިންނެވެ.
" ފިލްމް ބެލުމަކީ ހޮބީއެއްގެ ގޮތުގައި ކުރި ނަމަވެސް އޭގެ ފައިދާ ކިޔެވުމަށް ކުރި. ޚާއްޞަކޮށް އިނގިރޭސި މާއްދާއަށް" ސުދާ ބުންޏެވެ.
ސުދާއަކީ އަދަބީ ހަރަކާތްތަކުގައި ވެސް ނަން ހިނގާ ދަރިވަރެކެވެ. ޤުރުއާން މުބާރާތްތަކުން ތަފާތު ވަނަތައް ހޯދިއެވެ. ފަންސުރުން ސްކެޗްކުރެހުމާއި، ޓްރެފިކް އާޓަކީ ވެސް އޭނާގެ ޚާއްޞަ ފަންނެކެވެ. ކުލާސްތެރޭގައި ލިބޭ ހުސްވަގުތުގައި ކުރަން ފެށި އެ މަސައްކަތް މިހާރު ވަނީ ހޮބީއަކަށް ބަދަލުވެފައެވެ.
ސުދާގެ ކާމިޔާބީގެ ފަހަތުގައި އޮތީ ހިތްވަރާއި ނުގުޑާފަދަ އަޒުމެކެވެ. މައިންބަފައިންނާއި ސްކޫލާއި ޓީޗަރުން މިއަދު ތިބީ ހިނިތުންވެފައެވެ. އެއީ މުޅި ރަށާއި ސްކޫލްގެ ވެސް ތާރީޚު ބަދަލުކުރި ފަޚުރުވެރި ދަރިވަރެކެވެ. އަޅުގަނޑުމެން އެދެނީ ކާމިޔާބަށެވެ.
ހިޔާލު