މޮކް އެގްޒާމުން ލިބުނު ނަތީޖާއިން ވެސް ގަދަ ދިހައެއް ކަށަވަރު ވާނެ ކަމުގެ އުއްމީދު އޭނާގެ ހިތުގައި އޮތެވެ. އެކަމަކު ހުރިހާ މާއްދާއަކުން އޭ ސްޓާ ހޯދައިގެން ޤައުމީ ގަދަ ދިހައަކަށް ދެވިދާނެ ކަމަށް އެއްގޮތަކަށް ވެސް ހިތަކަށް ނާރައެވެ. އެހެންވެ ވިލުފުށީ ސްކޫލުން މިއަހަރު އޯލެވެލް ނިންމި، އަބްދުﷲ ނައިސަމް އުސްމާންގެ ނަތީޖާވީ އޭނާއާއި ރަށާއި، ސްކޫލަށް ވެސް" ސަޕްރައިޒް" އަކަށެވެ. ނައިސަމްވީ ވިލުފުށީ ސްކޫލްގެ ތާރީޚުގައި ވެސް ސާނަވީ އިމްތިޚާނުގެ ޤައުމީ ގަދަ ދިހައެއްގެ އެއްވަނައިގައި ހިމެނުނު ހަމައެކަނި ދަރިވަރަށެވެ. އިތުރު ދެ ދަރިވަރުން ގަދަ ދިހައެއްގައި މި ފަހަރު ހިމެނިފައިވެއެވެ.

" ނަތީޖާ ލިބުމުން ކުއްލި ހައިރާންކަމެއް ލިބުނީ. ރަށާއި ސްކޫލަށް ވެސް " ބޮޑު ސަޕްރައިޒަކަށްވީ" އޭލެވެލްއަށް ކިޔަވަން ތައްޔާރުވަމުންދާ ނައިސަމް ބުންޏެވެ.
ނައިސަމް ނަތީޖާ ނެރުނީ ސްކޫލްގެ ޓީޗަރުން ކޮށްދިން ބުރަ މަސައްކަތުންނެވެ. އޭގެ ތެރެއަށް އިތުރުކުރީ ގާތް އެކުވެރިންނާއެކު ހެދި "ގުރޫޕް ސްޓަޑީ" އެވެ.
ކިޔަވާށޭ ކިޔާފައި އެކަމަށް ހުސްވެގެން ގިނަ ވަގުތެއް ނައިސަމް ހޭދައެއް ނުކުރެއެވެ. ހުރިހާ ހަރަކާތެއްގައިހެން ބައިވެރިވިއެވެ. ޔުނީފޯމް ހަރަކާތެއްގެ ގޮތުގައި ސްކައުޓްގައި ބައިވެރިވިއެވެ. ކުޅިވަރާއި އަދަބީ ކަންތައްތަކުގައިވެސް އުޅުނެވެ. ޤުރުއާން މުބާރާތްތަކުގައި ބައިވެރިވިއެވެ. އެފަދަ މުބާރާތްތަކުގައި ސްކޫލް ތަމްސީލުކުރިއެވެ. އެއީ ކިޔެވުމަށް އޮތް ހުރައެއް ކަމަކަށް ނައިސަމް ގަބޫލެއް ނުކުރެއެވެ.

ނައިސަމް ބުނީ، ރަނގަޅު ނަތީޖާއެއް ހޯދައިދޭން ސްކޫލުން ވަރަށް ބޮޑަށް މަސައްކަތް ކޮށްދިން ކަމަށެވެ. ސްޓަޑީ ކޭމްޕްތައް ބޭއްވިއެވެ. އޭގެ ތެރެއިން ވެސް އޭނާ ފާހަގަކުރީ ގުރޭޑް ނުވައަކުން ބާރައިގެ ދަރިވަރުންނަށް އަހުމަދިއްޔާ ސްކޫލުގައި ބޭއްވި ސްޓަޑީ ކޭމްޕެވެ. އެ ކޭމްޕްގެ ފައިދާ އެނާއަށް ވަރަށް ރަނގަޅަށް ކުރިއެވެ.

ނަތީޖާ ރަނގަޅުވުމުގައި ޕްރިންސިޕަލްގެ ދައުރު ކުޑައެއްނޫނެވެ. ސީދާ އިމްތިޙާނަށް ދަރިވަރުން ތައްޔާރު ކުރުމަށް ޕްރިންސިޕަލް އާމިނަތު އަފުރާ އާދަމްގެ މަސައްކަތް ހެޔޮހިތުން އޭނާ ފާހަގަކުރިއެވެ. ޓީޗަރުންނާއި މައިންބަފައިންގެ އެހީތެރިކަން ވަކިން ކުޑައެއްނޫނެވެ. ނަތީޖާއަކީ އަމިއްލަރަށުގައި މައިންބަފައިން ކައިރީގައި ހުރެގެން އޯލެވެލްއިން އެއްވަނަ ހޯދުމެވެ. ރަށްފުށަށް ބަލާއިރު، އެއީ ބޮޑު ކާމިޔާބީއެކެވެ. ރަށަށް ހޯދައިދިން ބޮޑު ޝަރަފެކެވެ.
" މަންމައާއި ބައްޕަ އަކީ މި ކާމިޔާބީގެ އެންމެ މުހިންމު ބައިވެރިން، އެމީހުން އެމީހުންގެ ޒިންމާ އަދާނުކުރި ނަމަ މި ކާމިޔާބީއެއް ނުލިބުނީސް" ނައިސަމްގެ ޝުކުރު މަންމައާއި ބައްޕައަށް ރައްދުކުރިއެވެ.
ނައިސަމްގެ ކުރިމަގު އޮތީ ބިޒްނަސް ދާއިރާއިންނެވެ. އެކައުންޓިންގ ނޫނީ ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން މަތީ ތަޢުލީމަށްދާން އަމާޒު ހިފާފައިވާއިރު ދެން އޮތީ އޭލެވެލްގައިވެސް އެފަދަ ނަތީޖާއަކަށް މިސްރާބު ހިފުމެވެ.
ކިޔުންތެރިންގެ ޚިޔާލުތައް
ގަދަ