2021 ވަނަ އަހަރުގެ ސާނަވީ އިމްތިޙާނުގައި ޤައުމީ ގަދަ ދިހައެއްގެ އެވަނައިގައި އިސްކަންދަރު ސްކޫލުން ހިމެނުނު ދެ ދަރިވަރުންގެ ތެރެއިން އެއް ދަރިވަރަކީ އާދަމް އަލްޔާން އަހުމަދެވެ. އެންމެ ކުޑައިރުއްސުރެ ކިޔެވުމަށް ޚާއްޞަ ޝަޢުޤުވެރިމެއް ދިން ނަމަވެސް އެނާ ގަބޫލުކުރި ގޮތުގައި ހަމައެކަނި ކިޔަވާށޭ ކިޔާފައި ކިޔެވުމުގެ ބޭނުމެއް ނެތެވެ. ކިޔެވުމާ އެއްވަރަށް ދިރިއުޅުމަށްޓަކައި ކުރަންޖެހޭ މަސައްކަތުގެ ތެރޭގައިވެސް ވަގުތު ހޭދަކުރަން ޖެހެއެވެ. އާއިލާއާއެކު ވަގުތު ހޭދަކުދަން ޖެހެއެވެ. ރައްޓެހިންނަށް ވަގުތު ދޭންޖެހެއެވެ. އިތުރު ހަރަކާތްތަކުގައި ބައިވެރިވާން ޖެހެއެވެ. ހަށިގަނޑުގެ ދުޅަހެޔޮ ކަމަށް ކަސްރަތު ވެސް ކުރަންޖެހެއެވެ. އަލްޔާން ކިޔެވުމުގެ ފުރަތަމަ މަރުޙަލާ ނިންމާލީ މި ހުރިހާ ކަމަކަށް ދިން ސަމާލުކަމާއެކު ކިޔެވުމަށް ބެހެއްޓި ޝަޢުޤުވެރިމާއެކުގައި ވެސް މެއެވެ.
" ވަރަށް މުހިންމު ކަމެއް އެއީ ރަނގަޅު ރައްޓެހިން ހޯދުން. ރައްޓެހިން ހޯދާއިރުވެސް ހަމައެކަނި ކިޔެވުމަށް މޮޅު ކުދިން ހޯދުމުގެ ބަދަލުގައި ތަފާތު ދާއިރާއަށް ޝަޢުޤުވެރިވާ ކުދިންނާ ގާތް ގުޅުމެއް ބޭއްވުން މުހިންމު"
އަލްޔަން ކިޔައިދިނެވެ.
ކިޔަވާ ދުވަސްވަރު ކިޔެވުމަށް ސަމާލުކަން ދިނުމުގެ މާނައަކީ އެކަމުގެ ތެރޭގައި އަބަދު އުޅުމެއް ނޫނެވެ. އެކަން ކުރުމަށްޓަކައި މުހިންމީ ޓީޗަރު ފިލާވަޅު ނަގައިދޭ ވަގުތަށް ސަމާލުވުމެވެ. އެ ބުނާއެއްޗެއް ފަހުމްވާ ވަރަށް އޭގެ ތެރެއަށް ވަނުމެވެ. ނޭނގިއްޖެނަމަ ސުވާލުކުރުމެވެ. އޮޅުންފިލަންދެން ސުވާލުކުރުމެވެ.
"އެންމެ މުހިންމީ ކުލާހުގައި ޓީޗަރު ފިލާވަޅު ނަގައިދޭ ވަގުތު ސީދާ އެ ފިލާވަޅަށް ފޯކަސްކުރުން. އޭރުން ދެން ކުރަންޖެހޭ މަސައްކަތް މަދުވެފައި ފަސޭހަވާނެ"
އަލްޔާނަށް ކިޔަވަން ފަސޭހައީ މެންދުރުފަހެވެ. ނިދިނަގާލާފައި ކިޔެވުމަކީ އޭނާ ކުރާ ކަމެއް ނޫނެވެ. އޭގެ ބަދަލުގައި ހަމަނިދި ލިބެންޖެން ނިދަންޖެހެއެވެ. އެއީ އޭނާގެ އުޞޫލެވެ.
އަލްޔަންގެ ޚާއްޞަ ކުޅިވަރަކީ ފުޓްބޯޅައެވެ. އޭނާ ސްކޫލްގެ ޓީމަށް ކުޅުނެވެ. އެކަމަށް ދިން ސަމާލުކަން ވެސް ވަކިން ކުޑައެއް ނޫނެވެ.
އަލްޔަންއަށް އެންމެ ފަސޭހައީ ކެމިސްޓްރީއެވެ. އުނދަގޫވީ ފިޒިކްސް މާއްދާއެވެ. މޮކް އެގްޒާމަށްފަހު، ޚާއްޞަ ސަމާލުކަމެއް ފިޒިކްސްއަށް ދިނެވެ. އޯލެވެލްގެ އިމްތިޙާނުގެ ހޯލަށް އޭނާ ވަނީ ހުރިހާ މާއްދާއަކުން ސައްތައިން ސައްތައިގެ ޔަގީން ކަމާއެކުގައެވެ.
" ޕާސްޓްޕޭޕަރު ހަދާ ހުރިހާ މާއްދާއަކުން ސައްތައިން ސައްތައިގެ ޔަގީންކަން ލިބޭ ވަރަށް މަސައްކަތް ކުރިން. އުއްމީދާއި ޔަގީންކަމާއެކު ޓެސްޓަށް ދިޔައީމާ ވަރަށް ފަސޭހަވި ޓެސްޓް ހަދަންވެސް" އަލްޔާން ބުންޏެވެ.
ސާނަވީގައި އަށް މާއްދާއިން އޭ ސްޓަރ ހޯދިއިރު، އަލްޔާނަށް ވަދެވިފައިނީ އިމާރާތް ކުރުމުގެ ސިނާއަތެއްގެ ތެރެއަށެވެ. ބައްޕަ ކުރަމުން އައި މަސައްކަތުގެ ތެރެއަށް އޭނާގެ ހިތް އޭރު އޮތީ ދީލާލެވިފައެވެ. އެ މަސައްކަތައް ދެވުނު ޚާއްޞަ ޝަޢުޤުވެރިކަމަކީ އެ ދާއިރާއިން ކުރިއަށް ދިއުމަށް ހުޅުވާލަދިން ފަހި ފުރުޞަތެކެވެ.
އެ މަސައްކަތުގެ ތެރޭގައި ބައްޕައާއެކު އޭނާ ވަގުތު ހޭދަކުރީ ނަމަކަށް ނޫނެވެ. ކުރިމަގު ޚިޔާރު ކުރުމަށް މަގުދައްކައިދިނީ ބައްޕަގެ އެ މަސައްކަތެވެ. ލޯ ހުޅުވާލެވުނީ އިމާރާތް ކުރުމުގެ ބިޔަ ބޮޑު ސިނާއަތަށެވެ. އެހެންވެ ކުރިމަގު ޚިޔާރު ކުރީ އިމާރާތް ފަރުމާކުރުމުގެ ދާއިރާއިންނެވެ.
" އެ މަސައްކަތުގެ ތެރޭގައި ބައްޕައާއެކު ވަގުތު ހޭދަކުރަމުން ދިޔައިރު، ބައްޕަވެސް އެދުނީ އެދާއިރާއިން ކުރިއަށްދާން. އޭރު ހިތް އޮތީ އެކަމަށް ދެވިފައި" އަލްޔަން ކިޔައިދިނެވެ.
" ކުރިމަގަށް ވިސްނާއިރު، މިއީ ފުރުޞަތު އޮތް ދާޢިރާއެއް"
އޯލެވެލްގެ ނަތީޖާއަށްފަހު، އޭލެވެލްއަށް ދާކަށް އަލްޔާން ބޭނުމެއްނުވިއެވެ. އެއް އަހަރުގެ ފައުންޑޭޝަން ކޯހަށްފަހު، މިއަދު އޭނާ އެދަނީ "އާކިޓެކްޗަރ"ގެ ދާއިރާއިން ޑިގްރީއަށް ކިޔަވަމުންނެވެ.
" ޔަގީންކަން އޮތީމާ އޭލެވެލްއަށް ނުގޮސް ފައުންޑޭޝަން ހަދައިގެން ޑިގްރީއަށް ކިޔަވަން ފެށީ. އެހެން ނޫންނަމަ އެއް އަހަރު ގެއްލުނީސް" އަލްޔަން ބުންޏެވެ.
އަލްޔަން މިހާރު ބޭނުންވަނީ ކިޔަވައި ނިންމައި، އިމާރާތް ކުރުމުގެ ދާއިރާގެ ބޮޑު މަޝްރޫއެއްގައި ބައިވެރިވާށެވެ. އެ ތަޖުރިބާގެ އަލީގައި މޮޅު ފަންނުވެރި ބިނާއެއް ފަރުމާކުރާށެވެ. އެއީ އޭނާ މިއަދު ދެކެމުންދާ އެއް ހުވަފެނެވެ.
އަލްޔާންގެ ކާމިޔާބީގައި އަބަދުވެސް މައިންބަފައިންގެ ދައުރު ބޮޑެވެ. އޭނާ ހޯދި ކާމިޔާބީގެ އެ ދެމީހުންގެ ހިއްސާ ބޮޑެވެ.
ހިޔާލު