އަމާންގެ ކާމިޔާބީ ގިނަ ސްކޫލްތަކަކާ ގުޅިފައި

ޕްރީސްކޫލް ތަޢުލީމު ފުރިހަމަކުރީ ފަލާޙް ޕްރީސްކޫލްގައެވެ. ފަށާތަޢުލީމު ނިންމީ ދަރުމަވަންތަ ސްކޫލުންނެވެ. މެދު މަދަރުސީ ތަޢުލީމު ޙާޞިލްކުރީ ކަލާފާނު ސްކޫލްގައެވެ. ސާނަވީ ތަޢުލީމު ނިންމާލީ ހުރަވީ ސްކޫލުންނެވެ. މިހާރު މަތީ ސާނަވީއަށް ކިޔަވަމުންދަނީ ލ. ގަމުގައި ހުންނަ ޙަމަދު ބިން ޚަލީފާ އަލްޘާނީ ސްކޫލްގައެވެ. މި ދަރިވަރަކީ 2019 ވަނަ އަހަރު ހުޅުމާލޭގައި ހުޅުވުނު ހުރަވީ ސްކޫލްގެ ފުރަތަމަ ސްކޫލް ކެޕްޓަން، އަޙްމަދު އަމާން ޙަލީމެވެ.

ހުރަވީ ސްކޫލް ހުޅުވުމާއެކު، ހުރަވީ ސްކޫލް ގްރޭޑް9 ގައި ތަޢުލީމު ޙާޞިލްކުރަން ފެށިއިރު އެ ސްކޫލްގެ އެންމެ މަތީ ގްރޭޑަކީ ގްރޭޑް 9އެވެ. އޭރު ރާއްޖޭގައި ހުރި އެންމެ ބޮޑު ސްކޫލްގެ ކެޕްޓަންގެ މަގާމް  ހޮވީ ގްރޭޑް9ގެ ދަރިވަރުންގެ ތެރެއިންނެވެ. ހުރަވީ ސްކޫލްގެ ތާރީޚުގައި އެ ސްކޫލްގެ ފުރަތަމަ ސްކޫލް ކެޕްޓަނަކީ އަމާނެވެ.

ހުރަވީ ސްކޫލްގެ ކެޕްޓަންކަމުގެ ޒިންމާ ހަވާލުވުމަކީ ޒިންމާދާރު ދަރިވަރެއްގެ ގޮތުގައި ކުރިއަށް ދިއުމަށް އަމާންއަށް ލިބުނު މުހިންމު ފުރުޞަތެއް

އަމާން ފާހަގަކުރެވެނީ އަޚުލާޤު ރަނގަޅު އަދި ޢިލްމީ ގޮތުން ވެސް މޮޅު ދަރިވަރެއްގެ ގޮތުގައެވެ. އަދި ކުޅިވަރާއި އަދަބީ ޙަރަކާތްތަކުގައި ވެސް ހުނަރުވެރި ދަރިވަރެއްގެ ގޮތުގައެވެ. މި ދަރިވަރު 2021ވަނަ އަހަރު އޯލެވެލް އިމްތިހާނު ނިންމާލީ 8 މާއްދާއިން އޭ ފާހާއެކުގައެވެ.

ކިޔެވުމުގެ އިތުރުން ވާހަކަދެއްކުމުގެ ޤައުމީ މުބާރާތާއި، މަޒުމޫނު ލިޔުމުގެ ޤައުމީ މުބާރާތާއި ކުރުވާހަކަ ލިޔުމުގެ ޤައުމީ މުބާރާތާއި ޤައުމީ ތާރީޚުގެ ސުވާލު މުބާރާތްތަކުގައި ވެސް ބައިވެރިވެ، ރަނގަޅު ކާމިޔާބުތަކެއް ވެސް އަމާން ވަނީ ހޯދާފައެވެ. އަދި އިންޓަރސްކޫލް ހޭންޑްބޯޅަ މުބާރާތުގައި ދަރުމަވަންތަ ސްކޫލްގެ 12 އަހަރުން ދަށުގެ ޓީމަށާއި އިންޓަރސްކޫލް ބާސްކޭޓް ބޯޅަ މުބާރާތުގައި ކަލާފާނު ސްކޫލްގެ 14 އަހަރުން ދަށުގެ ޓީމުގެ އިތުރުން އިންޓަރސްކޫލް ފުޓްބޯޅަ މުބާރާތުގައި ހުރަވީ ސްކޫލްގެ 16 އަހަރުން ދަށުގެ ޓީމަށް ވަނީ ކުޅެފައެވެ. ސްކޫލް ޤުރުއާން މުބާރާތްތަކުން ވެސް ތަފާތު ވަނަ ތައް އޭނާ ވަނީ ހޯދާފައެވެ.

ރާއްޖޭގެ 15 އަހަރުންދަށުގެ ޤައުމީ ފުޓްބޯޅަ ޓީމަށް ކުޅުމުގެ ފުރުޞަތު އަމާން ހޯދީ ކިޔެވުމާ އެއްވަރަށް ކުޅިވަރަށް ދިން ސަމާލު ކަމުގެ ސަބަބުން

ކުޅިވަރުތަކުގައި ލިބިފައިވާ ހުނަރުވެރިކަމުގެ ސަބަބުން 2018ވަނަ އަހަރު ނޭޕާލުގައި އޮތް ސާފް ޤައުމުތަކުގެ 15 އަހަރުންދަށުގެ ފުޓްބޯޅަ މުބާރާތުގައި ބައިވެރިވި ރާއްޖޭގެ 15 އަހަރުންދަށުގެ ޤައުމީ ފުޓްބޯޅަ ޓީމަށް ކުޅުމުގެ ފުރުޞަތު އަމާން ހޯދިއެވެ.

ހުރަވީ ސްކޫލްގެ ފުރަތަމަ ސްކޫލް ކެޕްޓަން އަމާން ވެފައިވަނީ ކިޔެވުމަށާއި ކުޅިވަރުގައި ވެސް ހުނަރުވެރި ތަރިއަކަށެވެ. ނަތީޖާއަކީ ފާއިތުވި އަހަރު ހުރަވީ ސްކޫލްގެ ބެސްޓްއޯލްރައުންޑް ބޭންޑްސްމަން ކަމުގެ މަގާމް ލިބުމެވެ.

އަމާން ޤަބޫލުކުރާ ގޮތުގައި ކޮންމެ ކަމެއްވެސް ޙާޞިލްކުރުމަށް ޓަކައި ލަނޑުދަނޑިއެއް ކަނޑައެޅުމަކީ ވަރަށް މުހިންމު ކަމެކެވެ. އަދި އެ ލަނޑުދަނޑި ޙާޞިލްކުރުމަށް ޓަކައި އެންމެ ފުރިހަމައަށް، އެ ކަމެއްކުރެވޭތޯ ބެލުމަކީ ހަމަ އެހާމެ މުހިންމު ކަމެކެވެ. ތަޢުލީމީގޮތުން ރަނގަޅު ނަތީޖާ ހޯދުމަށް ޓަކައި އޭނާ ކުރި މަސައްކަތަކީ ކިޔަވާ މާއްދާތަކުގެ ވަކިވަކި ސުރުޚީތަކުން ބޭނުންވާ އިތުރު މައުލޫމާތު ހޯދައި، އެ މަޢުލޫމާތާއި ކުލާސްރޫމުގައި ކިޔަވާ މަޢުލޫމާތާ ގުޅުވާލުމެވެ. ދެން އިމްތިހާނުތަކަށް ތައްޔާރުވާއިރު ޕާސްޓްޕޭޕަރު ތަކުގައި ސުވާލުތައް ގެނެސްފައި ހުންނަ ގޮތް ދެނެގަނެ، ޖަވާބު ދިނުމުގައި ކުރިން ދަސްކޮށްފައި ހުންނަ މަޢުލޫމާތު، ޖަވާބު ދިނުމުގައި ބޭނުންކުރެވޭތޯ ބަލަނީއެވެ.

"ކިޔެވުމުގެ އިތުރުން އެކިއެކި ހަރަކާތްތަކުގައި ބައިވެރިވުމަކީ ހަށިގަނޑަށާއި ސިކުނޑިއަށް ލުއިކަމެއް ގެނެސްދޭ ކަމެއް. އިތުރު ޙަރަކާތްތަކުގައި ބައިވެރިވުން މުހިންމު. އެންމެ މުހިންމީ ބެލެންސެއް ގެންގުޅުން. އެއް ކަމަކަށް މާ ބޮޑަށް ހުސްވާނަމަ އަނެއް ކަމަކަށް ވަގުތެއް ނުދެވޭނެ" އަމާން ކުރިއަށް ދިޔައީ ކިޔެވުމާއެކު އިތުރު ހަރަކާތްތަކުގައި ނަމޫނާ ދައްކަމުންނެވެ.

" ސްކޫލް ދައުރުގައި ލިބޭ ފުރުސަތުތަކުގެ ބޭނުން ހިފަންވާނެ. އެ ފުރުސަތުތައް ދެވަނަ ފަހަރަށް އަންނާނެކަމުގެ ޔަޤީން ކަމެއް ނޯންނާނެ. ހުނަރުތައް ތަރައްޤީ ކުރެވޭނީ އިތުރު ޙަރަކާތްތަކުގައި ބައިވެރިވެގެން"

އާޢިލީ ދިރިއުޅުމަށް އެކި ދުވަސްވަރު ގެންނަ ބަދަލާގުޅިގެން، ސްކޫލް ޙަޔާތުގައި، މިހާތަނަށް ވަރަށް ގިނަ ސްކޫލްތަކުގައި އަމާން ކިޔަވައިިފިއެވެ. ސްކޫލް ބަދަލުވުމުގައި އަބަދުވެސް ރަޙުމަތްތެރިންނާ ވަކިވާން ޖެހުމަކީ ހިތްދަތިކަމެއް ނަމަވެސް، އެކަން މި ދަރިވަރު ބަލައިގަތީ، އައު ތަޖުރިބާ ހޯދަން ލިބުނު ފުރުޞަތުތަކެއްގެ ގޮތުގައެވެ.

އަމާންގެ އަޒުމަކީ ސާނަވީ ތަޢުލީމެކޭ އެއްފަދައިން މަތީ ސާނަވީގައި ވެސް ރަނގަޅު ނަތީޖާއެއް ހޯދުމެވެ. ކުރިމަގަށް ދަރިވަރު ކުރާ އުންމީދަކީ ސިއްޙީ ދާއިރާއިން މަތީ ތަޢުލީމަށް ކިޔެވުމެވެ. އަޅުގަނޑުމެން އެދެނީ ދަރިވަރަށް އިތުރު ކާމިޔާބު ލިބުމެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *