މަންތެލާ- އެންމެ ގިނަ މީހުން މާނަ ހޯދި ދިވެހި ލަފުޒު

ދިވެހި  ބަހުގެ ރަދީފަށް ބޮޑެތި އިސްލާހުތަކެއް ގެނެސް އެންޑްރޮއިޑާއި އައިއޯއެސްގެ އެޕްލިކޭޝަން ނެރުނުފަހުން، އެންމެ ގިނަ މީހުން މާނަ ހޯދި ލަފުޒަކީ "މަންތެލާ" ކަމަށް ދިވެހި ބަހުގެ އެކެޑަމީން ބުނެފިއެވެ.

މަންތެލާގެ މާނައަކީ ފަރެވެ. މަންތެލާގެ މާނަ  3000 މީހުން ހޯދާފައިވެއެވެ. އޭގެ އިތުރުން "އުލު އިންދާފައި އިރަށް ދޮށްކުރުން" ގެ މާނަ 2201 މީހުން ބަލާފައިވެއެވެ. އެ ލަފުޒު ބޭނުން ކުރަނީ އަދަބުގެ ބޮޑުކަން މަޖާޒީ ގޮތެއްގައި ހާމަކުރުމަށެވެ. ތިންވަނައަށް އެންމެ ގިނަ މީހުން ބަލާފައި ވަނީ ހޯލި ލަފުޒުގެ މާނައެވެ. އެލަފުޒުގެ މާނަ 2094 މީހުން ބަލާފައިވެއެވެ. މި ލަފުޒުގެ ދެ މާނައެއް ވެއެވެ. އެއް މާނައަކި ހިމަދަރެވެ. ދެވަނަ މާނައަކީ ގަސްގަހުންކޮށާ ހިމަ އޮފިއޮފިކޮޅެވެ. ބައެއް ރަށްރަށުގެ މީހުން މިއަށް ފޯލި ވެސް ކިޔައެވެ.

އޭގެ އިތުރުން، "ނަފުސިއްޔަ" މާނަވެސް 1259 މީހުން ހޯދާފައިވެއެވެ. އެބަހުގެ މާނައަކީ ނަފުސާބެހޭ، ނުވަތަ އަމިއްލައެވެ.

މާނަ ހޯދި އިތުރު ލަފުޒުގެ ތެރޭގައި "އިސްވާރު" ހިމެނެއެވެ. އޭގެ މާނައަކީ ވެރިޔާއެވެ. އިސްވެ ހުންނަ މީހާގެ އިތުރުން ނަވުގެ ސަތަރި ދަމަން ބާއްވާ ވަހަށް ވެސް އިސްވާރު ބޭނުން ކުރެއެވެ. މި ލަފުޒު މާނަ 527 މީހުން ހޯދާފައިވެއެވެ.

"ލޯބި"ގެ މާނަ ވެސް 467 މީހުން ބަލާފައިވެއެވެ. ލޯބިގެ މާނައިގެ ގޮތުގައި ބަހުގެ ރަދީފުގައި 11 ލަފުޒެއް ހިމެނެއެވެ. އެއީ ކުލުނު، ރުހެވޭ ރުހެވުން، ގަބޫލު، އެދުން، ހިތްކިޔާކިޔުން، ރީތި، ހަތްހާރަ، އިޝްޤު، ލޭފަ، ލޮބު، ހަހަރުއެވެ.

ދިވެހި ބަހުގެ އެކެޑަމީން ބުނީ، މިހާތަނަށް އަށް ހާހެން މީހުން ދިވެހި ބަހުގެ ރަދީފު ޑައުންލޯޑް ކޮށްފައިވާ ކަމަށެވެ.

ދިވެހި ބަހުގެ ރަދީފުގައި 36،000 އަށްވުރެ ގިނަ ލަފުޒާއި، 53،900 ޖުމްލަ މާނަ ހިމެނެއެވެ. ރަދީފަށް ފެނެސްފައިވާ އެންމެ މުހިންމު ބަދަލަކީ ބަސް ހެދުމުގައި އާންމުންނަށް ބައިވެރިވެވުމާއި، ދުވަހުގެ އަދަބީ ބަހާއި، އިނގިރޭސި ލަފުޒުގެ ބަދަލުގައި ބޭނުންކުރާނެ ދިވެހި ލަފުޒެއް ފަސޭހައިން ފެންނަން ހުރުމެވެ. މިހާތަނަށް 295 ލަފުޒު އާންމު ފަރާތްތަކު ފޮނުވާފައިވާ ކަމަށް ބަހުގެ އެކެޑަމީން ބުނެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *