އެއީ މަތިންދާ ބޯޓް ތަކުގެ މައުރަޒެއް ނޫނެވެ. އެކަމަކު ފެންނަން ހުރި ބޯޓް ތަކުގެ މޮޑެލްތައް މަދެއް ނޫނެވެ. ހުރިހާ ބޯޓްތައް ހުރީ ސިޓިންގ ރޫމުގައި ހުރި ބޮޑުސިންގާ ރެކެއްގައި އަތުރާލާފައެވެ. އެމިރޭޓްސް، ގަތަރު އެއަރވޭސް، މޯލްޑިވިއަން ކިޔާނެ ކަމެއްނެތެވެ. އެއިން ކިޔައި ދެނީ އުމުރުން ފަސް އަހަރުގައި، ޕައިލެޓަކަށް ވުމަށް އަޒުމް ކަނޑައެޅި އަހުމަދު ޖުމާން އިބްރާހިމް ފެށި ދަތުރުގެ ވާހަކައެވެ. އެ ދަތުރު ފެށެނީ އެކި ވައްތަރުގެ ކުދިކުދި މަތިންދާ ބޯޓް އެއްކުރަން ފެށުމާ ހަމައިންނެވެ. މިހާރު އެ އުޅަނދުތަކަށް އޭނާގެ ހިތުގައި ދެވިފައި ވަނީ ޚާއްޞަ ލޯތްބެވެ.
ޖުމާނަކީ މިދިޔައަހަރު ސީއެޗްއެސްސީގެ އެންމެ މޮޅު ދަރިވަރެވެ. އޭލެވެލްގައި ފަސް މާއްދާއިން އޭ އާއި އެއް މާއްދާއިން ބީ ހޯދައި، ރައީސުލްޖުމުހޫރިއްޔާގެ އެވޯޑް ހޯދީވެސް އެންމެ ބޭނުމެއްގައެވެ. ޕައިލެޓަކަށް ވުމަށެވެ. އެ ހުވަފެނުގައި ކުލަޖައްސަން ކުރިއަށް އޮތް މަދު ދުވަސްތަކެއްގެ ތެރޭގައި ސްޕެއިނަށް އޭނާ ފުރާނެއެވެ.
އޭވިއޭޝަންގެ އާއިލާއަކަށް އުފަންވި ޖުމާން ޕައިލެޓަކަށް ވާން ނިންމީ އުމުރުން އެންމެ ފަސް އަހަރުގައެވެ. އޭރު ކުޅުނު ގޭމެއްގައި ޕައިލެޓުން އަޅައިގެން ތިބި ޔުނީފޯމް ފެނިފެނި އެއަށް ހިތްޖެހިގެންނެވެ. ދެން އެއްކުރަން ފެށީ ކުދިކުދި މަތިންދާ ބޯޓެވެ. އެ ބޯޓްތައް މިހާރު ވެސް އެ ހުރީ ފެންނާށެވެ. ސާޅީހާ ގާތްކުރާ އަދަދެއްގެ ބޯޓް އޭނާ ގެންގުޅުނެވެ. ބައެއް ބޯޓް ރައްޓެހި ކުދިންނަށްވެސް ދިނެވެ. މިހާރު އޭނާގެ އަތުގައި އޮތީ ސާދަ ބޯޓެވެ.

" ހިލޭ ލިބުނު އެއްޗިއްސާއާއި ވަރަށް އަގުބޮޑުކޮށް ގަނެފައި ހުރި ބޯޓްތައް ވެސް ހުންނާނެ" ރެކުގައި ހުރި މަތިންދާ ބޯޓްތަކަށް އިޝާރާތްކޮށް ޖުމާން ބުންޏެވެ.
ޖުމާނަށްވުރެ ދޮއްޓަށް ހުރި ބޭބެއަކީ ޕައިލެޓެކެވެ. އޭނާ ޕައިލެޓްކަން ކިޔެވީ އޯލެވެލްގައި އެއްވަނަ ހޯދައި، ރައީސުލްޖުމުހޫރިއްޔާ ދެއްވި ސްކޮލަރޝިޕެއްގައެވެ. ޕައިލެޓަކަށް ވުމަށް ޖުމާން ދަތުރު ކުރަމުން ދިޔައީ އެނާގެ ބޭބެ ދިޔަ މަގުންނެވެ. އެ މިސްރާބަށެވެ. އެހެންވެ އޭލެވެލްގެ އަމާޒަކަށް ހެދީ ސްކޮލަރޝިޕް ހޯދައިގެން ބޭބެ ދިޔަ ސްކޫލަށް ކިޔަވަން ދާށެވެ.
" މާލީ ހާލަތަށް ބަލާއިރު، އަމިއްލައަށް ޕައިލެޓްކަން ކިޔަވަން ދެވޭކަށް ނެތް، އެހެންވެ ސީދާ ޓާގެޓް ކުރީ ސްކޮލަރޝިޕަށް" ޖުމާން ކިޔައިދިނެވެ.
" ބޭބެއަކީވެސް ސްކޮލަރޝިޕް ހޯދައިގެން ޕައިލެޓްކަން ކިޔެވި މީހެއް. ބޭބެ ވަނީ އާއިލާގެ ތެރޭގައި ވަކި ސްޓޭންޑަޑެއް ހިފަހައްޓާފައި. އަޅުގަނޑު އަބަދުވެސް ބަލަނީ، އެ ބީޓް ކުރެވޭތޯ. ބީޓް ކުރުމުގައި އަމިއްލައަށް މޮޅުވާން ބޭނުންވެގެން މިހާ ހިސާބަށް މި އައީ."
ސްކޮލަރޝިޕް ލިބުމާއެކު ޖުމާން ދިޔައީ ސްޕޭނަށެވެ. އެފްޓީއީހަރެޒް ސްކޫލުން ޖާގައެއް ހޯދާށެވެ. އެ ސްކޫލުން ޖާގަ ދެނީ އެމީހުން ކުރާ އިންޓަވިއުއިން ފާސްވެގެންނެވެ. އެފްޓީއީހަރެޒް ސްކޫލަކީ ޕައިލެޓުން ތަމްރީނު ކުރުމުގައި މަޝްހޫރު ތަނެކެވެ. އެއީ ގަތަރުއެއަރވޭސް އާއި އެމިރޭޓްސްގެ ޕައިލެޓުން ތަމްރީނު ކޮށްދޭ ސްކޫލެވެ.
އެ ސްކޫލުން ޖާގަ ލިބުމުން ޕައިލެޓަކަށްވާން ޖުމާން ކުރި މަސައްކަތުގެ ފަހު މަރުހަލާއާ ހަމައަށް އާދެވުނީއެވެ. ކިޔަވައި ނިންމައި ބޭނުން ވަނީ ރާއްޖެއިން ބޭރުގައި ޖެޓެއް ދުއްވާށެވެ. އެކަމަކު އޭގެ ކުރިން އައިލެންޑް އޭވިއޭޝަންގައި މަސްކަތް ކުރަން އޭނާ ހުރީ ނިންމައިގެންނެވެ.
ޝެޑިއުލެއް ނެތް، ހިތުދަސް ކުރުން ގޯހެއް
ފިލާވަޅު ދަސްކުރުމުގައި ވަކި ވަގުތެއް ޖުމާނަށް މުހިންމެއް ނޫނެވެ. ވަކި ޝެޑިއުލެއްވެސް ނުގެންގުޅެއެވެ. ސްކޫލުން ދޭ ފިލާވަޅުތައް ބަރާބަރަށް ނިންމަން ސަމާލުކަންދެއެވެ. ޓެސްޓް ކައިރިވާ ވަރަކަށް ކިޔެވުމަށް ދޭ ސަމާލުކަން އިތުރުކުރެއެވެ. އެވްރެޖް ގޮތެއްގައި ދުވާލަކު ފަސް ގަޑިއިރު ކިޔެވުމުގައި ހޭދަކުރެއެވެ.
" އަބަދުވެސް އަޑެއް އިވެންޖެހޭނެ. ހަމަހިމޭން ވީމާ ވަރަށް އުނދަގޫ ފިލާވަޅު ދަސްކުރަން. ފަންކާ އެނބުރޭ އަޑުވިޔަސް ކޮންމެ ވެސް އަޑެއް އިވެން ޖެހޭނެ. ބަދިގޭގައި މަންމަ ކައްކަން ހުންނައިރު ފޮތް ހިފައިގެން ބަދިގޭގައި ވެސް ހުންނަން." ޖުމާން ބުންޏެވެ.
ޖުމާން ދެކޭގޮތުގައި ފިލާވަޅުތައް ހިތުދަސްކުރުމަކީ ގޯހެކެވެ. އޭގެ ބަދަލުގައި ފިލާވަޅުގައި ބުނާއެއްޗެއް މުހިއްމީ އެނގުމެވެ. އެކަން ކުރަން ޖެހޭނެ ކަމަކީ ވޯކްޝީޓް ހެދުމެވެ.
" ބައިލޮޖީ ކަހަލަ މާއްދާތައް ހިތުދަސްކުރެވިދާނެ. ފިޒިކްސް ކެމިސްޓްރީ ކަހަލަ މާއްދާތައް ހިތުދަސްކޮށްފި ކަމަށް ވާނަމަ، އެ ނުވާނެ މާ ގިނަ ދުވަހެއް. އަޅުގަނޑު ދޭނީ ދެ ދުވަސް. ބޮލުން އެއްކޮށް ކަހަކަ ގޮތަކަށް ދާނެ. އޭގެ ބަދަލުގައި ވޯރކްޝީޓް ހަދާނަމަ އެ ސުވާލެއް ފެނުނީމާ ކޮންސެޕްޓް ދެނެގަނެވޭނެ. ކޮންސެޕްޓް އަންޑަސްޓޭންޑް ވި ވަރެއް އޮންނާނީ" ޖުމާން އޭނާގެ ތަޖުރިބާ ހިއްސާކުރިއެވެ.
"އިކޮނިމިކްސް ވެސް ކޮންސެޕްޓް އަންޑަސްޓޭންޑް ވެއްޖިއްޔާ ލިޔަންޖެހޭ ޕޮއިންޓްތައް އިޚްތިޔާރަކާ ނުލައި އަންނާނެ. ހިތުދަސްކުރުމަކީ އެއްވެސް ކުއްޖަކަށް އަޅުގަނޑު ދޭނެ ނަސޭހަތެއް ނޫން. އެއީ ވޭސްޓް ޓައިމް"

އޭލެވެލް އަންޑަރ އެސްޓިމޭޓް ނުކުރުން
އޯލެވެލްގައި ރަނގަޅު ނަތީޖާއެއް ހޯދާ ކުދިން އޭލެވެލްގައި ދަށް ވުމަކީ އާންމު ކަމެކެވެ. އެކަން އެހެން ދިމާވާ ސަބަބު ޖުމާން ކިޔައިދިނެވެ. ޖުމާން ބުނީ އޯލެވެލްއާ އަޅާބަލާއިރު، އޭލެވެލް މުޅިން ތަފާތެވެ. ކިޔަވައިދޭ ގޮތާއި ކިޔަވަން ކުރަންޖެހޭ މަސައްކަތްވެސް ތަފާތެވެ. އޯލެވެލްގެ ތިން އަހަރާ ނުބައްދަލު ސިލަބަހެއް އޭ ލެވެލްގެ އެންމެ އަހަރެއްގައި ކަވަރު ކުރަންޖެހެއެވެ.
" ބައެއް ކުދިންނަށް ވާގޮތަކީ އޯލެވެލްގައި ރަނަގަޅު ނަތީޖާއެއް ލުބުނީމާ އޭ ލެވެލް އަންޑަރ އެސްޓިމޭޓް ކުރެވެނީ. އޭލެވެލްއަށް އައިސް ޓެސްޓަށް ދެމަހަށް ވީމާ ކިޔަވަން ފަށަނީ. ހީ ކުރަނީ ވަރަށް ފަސޭހަވާނެއޭ އޭ ލިބޭނެއޭ. އެހެނެއް ނުވާނެ. އޭލެވެލްގެ އެއް އަހަރު ދުވަހުގެ ތެރޭގައި ކަވަރ ކުރާ ބައި، އޯލެވެލްގެ ތިން އަހަރަށްވުރެ ވެސް ބޮޑު" ޖުމާން ކިޔައިދިނެވެ.
ޖުމާން ބުނީ އޭލެވެލްއަށް ކިޔަވާއިރު، ހަމައެކަނި ކިޔެވުމަށް ފޯކަސް ކުރުމުގެ ބަދަލުގައި އިޖްތިމާއީ ގުޅުންތަކަށް ވަގުތުތަކެއް ހުސްކުރުމަކީ މުހިންމު ކަމެކެވެ. އެއީ ޓެސްޓް ކައިރިވާ ވަރަކަށް " ސްޓްރެސް" ވާނެތީއެވެ. އެކަން ހައްލު ކުރުމަށް ސިކުނޑިއަށް ލުއިކަމެއް ގެނެސް ދޭން އިޖްތިމާއި ގުޅުމަކީ މުހިންމު ކަމެކެވެ. ކިޔަވާ ގަޑިއަށްފަހު، ނަގާ ހުސްވަގުތަކީ އެކަމަށް ހޭދަކުރާ ވަގުތު ކޮޅަކަށް ހެދުން ބުއްދިވެރިއެވެ.
advertisment
2 Responses
ކަލޭ ބަޔޮލޮޖީ ނުހަދާ ކޮން އެއްޗެއް ކިޔާކަށް. ހިތުދަސްކޮށްގެން ޕްރެކްތިކަލް ހެދޭތަ. މައިކްރޮސްކޯޕް ބޭނުންކޮށް ތަފާތު ކެމިކަލް ތަފާތު ހާލަތްތަކުގަ ބޭނުންކުރާކަށް ނޭނގޭނެ. ބަޔޯ ނަހަދާ މީހަކަށް ވެހުރެ ތިހެން ބުނީމަ ހަޑި، ބަޔޯ ހަދާ ކުދިންނަށް ހުތުރު ނަމެއް ތިދެނީ އެކުދިން ކުރިމަތިލާ ދަތިތައް ތި އަންޑާމައިން ކުރަނީ. ތިހާ މޮޅު ވިސްނޭ ކުއްޖެއްނަމަ ކަލޭ އަށް އިނގެން ޖެހޭނެ ކޮންމެ މާއްދާއެއް ހެދިޔަސް އޭލެވެލް ހިތުދަސްކޮށްގެން ނުހެދޭނެކަން، ޗެލެންޖަސް ހުންނާނެކަން. ވަރަށް ދެރަ ތިކަހަލަ ވާހަކަ ދައްކާތީ ކިޔަވާ ކުއްޖަކަށްވެ ހުރެ.
ބޭބެގެ ނަސޭހަތަކީ މުސްތަގުބަލް ބާއްޖަވެރިކުރުން އެދޭނަމަ ނަމާދު ބަރާބަރައް އަދާކުރާށޭ އަދަބުވެރިވާށޭ