ދިރާސީ އާ އަހަރު، އާ އަމާޒުތަކެއް، ޕްރިންސިޕަލުންގެ އުއްމީދުތައް މަތި

ދިރާސީ އާ އަހަރު ފެށުމުގެ ގޮތުން ރެހެންދި ސްކޫލުން ކުރިއަށް ގެންދިޔަ ހަރަކާތްތަކުގެ ތެރެއިން ފޮޓޯ: ރެހެންދި ސްކޫލް

ދިރާސީ އާ އަހަރު މިއަދު ފެށިއިރު، ކޮންމެ ސްކޫލަކުން ވެސް އެ ސްކޫލަކުން ހާޞިލްކުރަންޖެހޭ ލަނޑުދަނޑިތައް ކަނޑައަޅާނެއެވެ. އެ ލަނޑުދަނޑިއަށް ވާޞިލްވުމަށް ސްކޫލްގެ ހުރިހާ މުވައްޒަފުންގެ ބައިވެރިވުން އޮންނާނެއެވެ.

ކޮވިޑްގެ 19ގެ ބަލިމަޑުކަމާއެކު ފާއިތުވި ދިރާސީ އަހަރުވެސް އެންމެ އެކަށީގެންވާ ގޮތުގައި ދަރިވަރުންނަށް އިތުރު ހަރަކާތްތަކެއް ކުރިއަށް ނުގެންދެވެއެވެ. އެހެންވެ މި ފެށުނު ދިރާސީ އާ އަހަރާއެކު  އެކަމުން އަރައި ގަތުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް ޕްރިންސިޕަލުން އެއްބަސްވެ ވަޑައިގަންނަވައެވެ. ކުދިންގެ ދުޅަހެޔޮ ކަމަށް އެތައް ހަރަކާތްތަކެއް ސްކޫލްތަކުން ކުރިއަށް ގެންދާނެއެވެ. ދިރާސީ އާ އަހަރު ފެށުމާއެކު ސްކޫލްތަކުގެ އެކްޓިވިޓީ ކަލަންޑަރު ވެސް ނެރެން ތައްޔާރު ވަމުން އަންނަ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.

އިއްޒުއްދީން ސްކޫލްގެ ޕްރިންސިޕަލް ނާދިރާ ހަސަން ވިދާޅުވީ، ކުރީ އަހަރަށްވުރެ މި އަހަރު ކުރެވޭ އުއްމީދުތައް މަތި ކަމަށާއި، ކިޔެވުމާއި އެއްވަރަށް ދަރިވަރުންގެ ހުނަރު ތަރައްޤީ ކުރުމަށް ޚާއްޞަ އިސްކަމެއް ދެއްވާނެ ކަމަށެވެ.

" އަޅުގަނޑުމެންގެ ވަރަށް ބޮޑަށް އިސްކަން ދޭނަން ދަރިވަރުންގެ ހުނަރު ތަރައްގީކުރަން "

އިއްޒުއްދީން ސްކޫލްގައި ގުރޭޑް އަށަކަށް ކިޔަވައިދޭން ފެށީ މި އަހަރުއެވެ. އެއާއެކު އެ ސްކޫލްގެ އާބާދީއަށް ކުރީ އަހަރާ އަޅާބަލާއިރު ބޮޑު ބދަލެއް އަތުވެއްޖެއެވެ. ފާއިތުވި ދިރާސީ އާ އަހަރު އެ ސްކޫލްގައި 299 ދަރިވަރުން ގުރޭޑް 7އާ ހަމައަށް ކިޔަވަމުން ގެންދިޔައެވެ. މިހާރު އެ ސްކޫލްގެ އާބާދީ 450 އަށް އިތުރުވެއްޖެއެވެ.

" ދެވަނަ ހަފުތާއިން ފެށިގެން އިތުރު ހަރަކާތްތައް ކުރިއަށް ގެންދަން އަޅުގަނޑުމެން ވަނީ ޕްލޭންތައް އެކުލަވާލާފައި" ނާދިރާ ވިދާޅުވިއެވެ.

މާލޭގެ އެހެން ސްކޫލްތަކާ ޚިލާފަށް އިއްޒުއްދީން ސްކޫލްގައި ކިޔަވައި ދެނީ އެއް ދަންފަޅިއަށެވެ. އެ ސްކޫލްގެ ކިޔެވުން ކުރިއަށް ގެންދަނީ ހެނދުނު 7:40ން ފެށިގެން 12:10 އަށެވެ. މެންދުރު ނަމާދު ކުރަނީ އެ ސްކޫލްގެ ހުރިހާ ކުދިން ޖަމާއަތުގައެވެ. މެންދުރުގެ ކެއުމަށްފަހު، އިތުރު ހަރަކާތް ކުރިއަށް ގެންދަނީ 2:20 އާ ހަމައަށެވެ. އޭގެ ފަހުން ދަރިވަރުން ސްކޫލަށް އަންނާކަށް ނުޖެހެއެވެ.

" ކޮންމެ ދުވަހެއްގެ މެންދުރުގެ ކެއުމަށްފަހު، އަޅުގަނޑުމެން މި ގެންދަނީ އިތުރު ހަރަކާތްތައް. އެ ހަރަކާތައް ވެސް ކުރިއަށް މި ގެންދަނީ ދުވަސްތަކަށް ބަހާލައިގެން. ކުޅިވަރު ކުޅޭ ދުވަހާއި ކުލަބު ދުވަހާއި ދަރިވަރުންގެ ހުނަރު ތަރައްޤީކުރަން ހަރަކާތްތައް ކުރިއަށް ގެންދާ ދުވަސް އޭގެތެރޭގައި ހިމެނޭ" ނާދިރާ ވިދާޅުވިއެވެ.

މި އަހަރު 900 އެންހާ ދަރިވަރުން ކިޔަވަމުން ގެންދާ މުޙްޔިއްދީން ސްކޫލްގެ ޕްރިންސިޕަލް ނާޒިމާ އަލިމަނިކު ވިދާޅުވީ، މިއަހަރު މަސައްކަތް ކުރައްވާނީ ކުދިން ބާރުވެރި ކުރުވުމަށެވެ.

" އެކާވީސްވަނަ ޤަރުނަށް ބޭނުންވާ ހުނަރާއި ނޮލެޖު ދަރިވަރުންނާއި މުދައްރިސުންނަށް ލިބިދެވޭނެ ފްރޮގްރާމްތަކަށް އިސްކަންދޭނެ. އަދި މުވައްޒަފުންނަށާއި ދަރިވަރުންނަށް ސްކޫލުގެ މާހައުލަކީ އުފާވެރި މާހައުލަކަށް ހެދުމަށް ކުރެވެން ހުރި ކަންތައްތައް ކުރާނަން. އަޅުގަނޑުމެން ގެންދާނީ ކުރުމުއްދަތަކަށްވުރެ ބޮޑަށް ދަރިވަރުންގެ މުސްތަގުބަލަށް ފައިދާކުރާނެ ޕްރޮގްރާމްތައް " ނާޒިމާ ވިދާޅުވިއެވެ.

ހދ. އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލް މުހައްމަދު މަތީން ވިދާޅުވީ، އެ ސްކޫލްގެ އަމާޒަކީ އެ ސްކޫލާމެދު ބެލެނިވެރިންގެ އިތުބާރު ހޯދުމާއެކު ސާނަވީ އިމްތިޙާނުގައި ފަސް މާއްދާއިން ފާސްވާ ދަރިވަރުންގެ އަދަދު ސައްތައިން ސައްތައަށް ޖެއްސުމެވެ.

" ކުރީ އަހަރުގައި ދަރިވަރުންގެ ލިޑަރޝިޕް ހުނަރު ފެނުނީ ދަށްކޮށް. އެހެންވެ ދަރިވަރުންގެ ކިބައިގައި އެ ހުނަރު އަށަގެންނެވައި ދަރިވަރުން ބާރުވެރިކުރުވުމަށް ޚާއްޞަ މަސައްކަތްތަކެއް މި އަހަރު ކުރާނެ. އަދި ޤައުމީ ފެންވަރުގެ މުބާރާތްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ދަރިވަރުންނަށް ހޯދައިދޭން ވެސް މި އަހަރު މަސައްކަތް ކުރާނަން " މަތީން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ޕްރައިމަރީން ސެކަންޑަރީ ސްކޫލަކަށް ބަދަލުވިތާ މާ ގިނަ ދުވަހެއް ނުވާތީ، ސެކަންޑްރީ ސްކޫލަކަށް ބެލެނިވެރިން ކުރާ އިތުބާރު އެ ސްކޫލަށް ހޯދަން މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށެވެ.

" ބެލެނިވެރިންގެ އިތުބާރު މިހާރުވެސް އަންނަނީ ލިބެމުން. އެ އިތުބާރު ހޯދާ ދަމަހައްޓަން ތައުލީމީ ނަތީޖާއާއި ކުދިންގެ ބާރުވެރިކުރުވުމަކީ ވަރަށް މުހިންމު ކަމެއް. އެ މަސައްކަތް މި އަހަރު ކުރާނަން" މިދިޔައަހަރުގެ މެދުތެރޭގައި ޕްރިންސިޕަލްގެ މަގާމާ ހަވާލުވެވަޑައިގެންނެވި މަތީން ވިދާޅުވިއެވެ.

މަދަރަސަތުލް އިފުތިތާހުގެ ޕްރިންސިޕަލް އައިޝަތު ފަރުހަތު ވިދާޅުވީ، އެ ސްކޫލުން މި އަހަރު އެންމެ ބޮޑު އިސްކަމެއް ދޭނެ ކަންތައްތަކުގެ ތެރޭގައި، ތަޢުލީމީ ފެންވަރު ރަނގަޅު ކުރުމުގެ އިތުރުން ލިޓްރަސީ ނިއުމަރަސީއަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ހަރަކާތްތައް ހިމެނޭ ކަމަށެވެ.

" އަޅުގަނޑުމެންގެ ޕްލޭން މެނޭޖްމަންޓާއި ޓީޗަރުންނާއި ބެލެނިވެރިންނާ މިހާރު ވާނީ ހިއްސާ ކުރެވިފައި. އޭގައި ހުރި ޓާގެޓްތަކަށް ޙާޞިލް ކުރަން ވަރަށް ބޮޑު އިސްކަމެއްދޭނެ. އެއާއެކު ލިޓްރަސި ނިއުމަރަސީއަށް އަމާޒުކޮށް ހިންގާ ހަރަކާތްތަކަށް ވެސް މި އަހަރު ވަރަށް ބޮޑު ފޯކަސްއެއް ދޭނަން" 1030 ކުދިން ކިޔަވަމުންދާ ސްކޫލްގެ ޕްރިންސިޕަލް ފަރުހަތު ވިދާޅުވިއެވެ.

ފަރުހަތު ވިދާޅުވީ ދިރާސީ އާ އަހަރުގެ ފުރަތަމަ ހަފްތާ ކުރިއަށް ގެންދަނީ ކަރިކިއުލަމަށް ދަރިވަރުން އަހުލުވެރި ކުރުވުމުގެ މަސައްކަތެވެ. އެއާއެކު އިތުރު ހަރަކާތްތައް ވެސް މި އަހަރު ފުޅާ ދާޢިރާއެއްގައި ކުރިއަށް ގެންދަން ޕްލޭން ކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އިހަވަންދޫ ސްކޫލްގެ ޕްރިންސިޕަލް އަހުމަދު ރަޝީދު ވިދާޅުވީ، މިއަހަރު އެންމެ ބޮޑު ސަމާލުކަން ދޭނީ ދަރިވަރުންގެ ތަޢުލީމާ ތަރުބިއްޔަތަށް ކަމަށެވެ.

" ދަރިވަރުންގެ ވަށައިގެން ވަރަށް ބައިވަރު ޗެލަންޖަސްތަކެއް އެބައާދޭ. އޭގެ ސަބަބުން ދަރިވަރުންގެ ތަޢުލީމާ ތަރުބިއްޔަތައް އަންނަ ނޭދެވޭ އަސަރު ކުޑަކުރުމަށް އިތުރު މަސައްކަތްތަކެއް އަޅުގަނޑުމެން ކުރަން އެބަޖެހޭ. އެއާއެކު ކުރީ އަހަރަށްވުރެ މި އަހަރު އޯލެވެލްއާއި އޭލެވެލްގެ ނަތީޖާ ރަނގަޅު ކުރުމަކީ ވެސް އަޅުގަނޑުމެން ވަރަށް ބޮޑު ސަމާލުކަމެއް ދޭނަން" އަހުމަދު ރަޝީދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ސްކޫލުން ހިންގާ އިތުރު ހަރަކާތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް ވަޞީލަތްތައް ގާއިމް ކުރުމަށް މި އަހަރު މަސައްކަތް ކުރައްވާނެ ކަމަށެވެ.

" ރަންޔޫބީލްގެ ހަރަކާތައް އަލުން ފެށުމަކީ ވެސް މި އަހަރު ކުރިއަށް ގެންދާނެ މުހިންމު ހަރަކާތެއް "

އަހުމަދު ވިދާޅުވީ، އެ ސްކޫލްގެ ރަންޔޫބީލް ފާހަގަކުރުން މަޑުޖައްސާލީ ކޮވިޑްގެ ބަލި މަޑުކަމާހުރެއެވެ. އެހެންވެ ރަންޔޫބީލް ފާހަގަކުރުމުގެ މަސައްކަތް ވެސް މި އަހަރުގެ ތެރޭގައި ކުރިއަށް ގެންދަން ވަނީ ޕްލޭން ކޮށްފައެވެ.

ދިރާސީ އާ އަހަރުގައި އެކި ސްކޫލްތަކުން ސަމާލުކަން ދޭ ކަންތައްތައް ކޮންމެ ވެސް ވަރެއްގެ ބަދަލުތަކެއް އައި ނަމަވެސް ކޮންމެ ސްކޫލެއްގެ ވެސް މައިގަނޑު އަމާޒަކީ ތައުލީމީގޮތުން ހޯދާ ކާމިޔާބާއެކު، ދިރިއުޅުމަށް ތައްޔާރުވެފައިވާ ދަރިވަރަކަށް ހެދުމެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *