މުސާރައާއި އިނާޔަތް ބޮޑުކޮށް ދިނުމަށް ޕްރިންސިޕަލުން ހުށަހަޅައިފި

އެޑިއުކޭޝަން މިނިސްޓްރީގެ އިސްވެރިންނާއި މާލެ ސަރަހައްދުގެ ޕްރިންސިޕަލުންނާއެކު ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމުގައި، ޕްރިންސިޕަލުން ވަނީ އެ ބޭފުޅުންގެ ކަންބޮޑުވުންތަކާއި ސްކޫލުގެ މަސައްކަތްތައް ހަރުދަނާކުރުމާ ބެހޭ ގޮތުން ކުރަންޖެހޭ ކަންކަން ހިއްސާކުރައްވައިފަ އެވެ.

ރައީސް އޮފީހުން ބުނީ ޕްރިންސިޕަލުންގެ މުސާރަ އާއި އިނާޔަތްތައް މުރާޖައާކޮށް އެކަށީގެންވާ ބަދަލެއް ގެނެސްދޭން އެދިފައިވާ ކަމަށާއި އޭގެ އިތުރުން އެ ބޭފުޅުންނަށް ހާއްސަ ބޯހިޔާވަހިކަމުގެ ސްކީމްތަކާއި އިންޝުއަރެންސް ޕެކޭޖުތައް ތައާރަފްކުރުމަށް ވެސް އެދިވަޑައިގެންނެވި ކަމަށެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި ނައިބު ރައީސް ވަނީ ޕްރިންސިޕަލުން އެދިވަޑައިގެންނެވި ކަންތައްތައް ވަރަށް ގާތުން ބައްލަވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި އަވަސް ހައްލުތަކެއް ހޯއްދަވައިދެއްވާނެކަމުގެ ޔަގީންކަން ދެއްވި ކަމަށް ބުންޏެވެ.

ޕްރިންސިޕަލުންގެ މަސައްކަތްތައް މިހާރަށްވުރެ ހަރުދަނާކުރެއްވުމަށް އެދިވަޑައިގެން އެކަމުގައި ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށް ވެސް ނައިބު ރައީސް ވިދާޅުވި ކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި ޓީޗަރުންނާއި ދަރިވަރުންނާއި ބެލެނިވެރިންނާ ދެމެދު އޮންނަ ގުޅުން ބަދަހިކޮށް އެމީހުންގެ ބޭނުންތަކާއި ކަންބޮޑުވުންތައް އަޑުއެއްސެވުމަށް ޕްރިންސިޕަލުންގެ އަރިހުން އެދިވަޑައިގަތެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *