މިއަދު ރާއްޖެއަށް ބޭނުންވަނީ އަމަލީ މައިދާނުގައިވެސް އޭ ސްޓަރ ހޯދާ ކުދިން ކަމުގައި ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުއްޖެ
ތ. ބުރުނީ ސްކޫލަށް 50 އަހަރުން ޝަރަފުވެރިކޮށް ދެއްވައި، ރައީސް ސޯލިހު ވިދާޅުވީ ރާއްޖެއަށް މިއަދު ބޭނުންވަނީ ހަމައެކަނި އޭ ސްޓާރ އޮންނަ ސެޓްފިކެޓެއް ނޫން ކަމަށާއި، ދިރިއުޅުމުގެ ޢަމަލީ މައިދާނުގައިވެސް އޭ ސްޓަރ ހޯދާ ކުދިން ކަމަށެވެ. އެފަދަ ހުނަރުވެރި ފަންނުވެރި ޒުވާނުން އުފެއްދުމަކީ، މިހާރުގެ ތަޢުލީމީ ސިޔާސަތުގެ އެންމެ އިސް އަމާޒު ކަމަށާއި، ތަޢުލީމީ ގޮތުން ޤާބިލް، ހުނަރުވެރިކަމާއި ފަންނުވެރިކަމުގައި އައު އުފެއްދުންތަކަށް ފަރިތަ ޒުވާނުން ބޭނުންވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
" މިހާރުގެ މޮޅެތި ކުދިންނަކީ، ކިޔަވައި ނިމޭއިރު، ދިރިއުޅުމުގެ ކަންކަމަށް އަހުލުވެރިވެފައި ތިބޭ ކުދިން. މަސައްކަތުގެ ހުނަރާއި ޤާބިލްކަން ލިބިފައި ތިބޭ ކުދިން" ރައީސް ވިދާޅުވި އެވެ.
ބުރުނީ ސްކޫލް ކުދިންނާއި، އެރަށުގެ ރައްޔިޔުންނާ މުޙާޠަބުކޮށް ރައީސް ސޯލިހު ވިދާޅުވީ މަދަރުސާއަކީ، ހަމައެކަނި ސްކޫލްގެ ހަތަރު ފާރުން އެތެރެ ކަމުގައި ދެކިގެން ނުވާނެ ކަމަށާއި، ދުނިޔެ މިއަދު މިއޮތީ އެއަށްވުރެ ބޮޑަށް ހުޅުވާލެވި، ޓެކްނޮލޮޖީގެ ސަބަބުން ޤައުމުތަކުގެ އިންފާރުތައް ވެއްޓި، ހުރިހާ ޤައުމުތައް، އެއް އަވަށަކަށް ވެފައި ކަމަށެވެ.
" ބޮޑެތި ޤައުމުތަކުގެ މުއްސަނދި ލައިބްރަރީތައް، ޓެކްނޮލޮޖީގެ އެހީގައި، މިއަދު ހުރީ ތިޔަ ކުދިންގެ އިނގިލިކުރިއާ ހަމައަށް ކައިރިވެފައި" ރައީސް ވިދާޅުވި އެވެ.
" އިންޓަރނެޓްވެސް އަދި ޒަމާނީ ޓެކްނޮލޮޖީގެ އެހެން ވަސީލަތްތައްވެސް، ތިޔަ ކުދިން ބޭނުންކުރަންވީ ކިޔެވުމުގެ ކަންކަމަށް. އޭރުން މިހާރަށްވުރެ، މާ ގިނަ އޭ ސްޓާތައް ލިބެން ފަށާނެ. އަޅުގަނޑު އުންމީދުކުރަން، މިރެއިން ފެށިގެން ތިޔަ ކުދިން އެކަމަށް ސަމާލުކަން ދޭނެ ކަމަށް. މިއީ ބެލެނިވެރިން ވެސް ވިސްނެވުން ވަރަށް މުހިންމު ކަމެއް."
ރައީސް ވިދާޅުވީ، ތައުލީމީ ޖީލެއް ބިނާކުރުމުގެ ވާހަކަ ދައްކާއިރު، ތައުލީމީ ހަޔާތް ބިނާވެފައި އޮންނަނީ ގައުމީ މަންހަޖު ކަނޑައަޅާފައި އޮންނަ ގޮތެއްގެ މައްޗަށް ކަމަށާއި، އިސްލާމް ދީނުގެ ޞައްޙަ ޢަޤީދާގައި ސާބިތުވެ ތިބޭ، ޤައުމިއްޔަތުގެ ރޫޙު ހުންނަ ޒުވާނުންތަކެއް އުފެއްދުމަކީ، މިހާރުވެސް ސަމާލުކަން ދޭންޖެހިފައިވާ ވަރަށް މުހިންމު ކަމެކެވެ.
ރައީސް ވިދާޅުވީ އިޖްތިމާޢީ ޙާލަތާއި، ފުދުންތެރިކަން އިތުރުވަމުންދާ ނިސްބަތަށް ރިޢާޔަތްކޮށް، ޤައުމީ މަންހަޖު މުރާޖަޢާކޮށްގެން ނޫނީ، ދުނިޔެއަށް އަންނަމުންދާ ހެޔޮ ބަދަލުތަކާ ފައިހަމަވާ ގޮތަށް، ރާއްޖޭގެ ކަންކަން ބަދަލެއް ނުކުރެވޭނެ ކަމަށެވެ.
" އެކަމަށް މަސައްކަތް ކުރަމުންދާއިރު، ކުރިމަތިވާ އެހެން މައްސަލައެއްވެސް އެބައޮތް. ރާއްޖޭގެ ސްކޫލްތަކަށް ބޭނުންވާ މިންވަރަށް ޕްރައިމަރީ ޓީޗަރުން ނުލިބުން. އެންމެ ޅަފަތުގެ ތަޢުލީމް ދޭއިރު، އެބައެއްގެ މާދަރީ ބަހުގެ ޓީޗަރުން ތިބުމަކީ، ވަރަށް މުހިންމު ކަމެއްކަން ދިރާސާތަކުން އެނގޭ" ރައީސް ވިދާޅުވިއެވެ.
advertisment
ހިޔާލު