ލަޔާން: ރަށުގެ ރައްޔިތުންގެ ވިސްނުން ބަދަލުކޮށްލި ދަރިވަރު

ބައެއް މީހުންނަށް ވިސްނިފައި އޮންނަގޮތުގައި، ރަށްރަށުގެ ސްކޫލްތަކުން ކިޔަވައިގެން އޯލެވެލްގައި ރަނގަޅު ނަތީޖާއެއް ނުހޯދޭނެއެވެ. މޮޅު ނަތީޖާ ނެރެވޭނީ ފުރިހަމަ ވަޞީލަތްތައް ހުރި ސްކޫލްތަކުން ކިޔަވާ ދަރިވަރުންނަށެވެ. އެކަމަކު، އެއީ ރަނގަޅު ވިސްނުމެއް ނޫންކަން ސާބިތުކޮށްދީ، އެ ވިސްނުން ބަދަލުކޮށްލި ދަރިވަރަކީ ށ. ބިލެތްފަހީ ސްކޫލުގެ ފާއިތުވި އަހަރުގެ އެންމެ މޮޅު ދަރިވަރު، އައިޝަތު ލަޔާން މުފީދެވެ.

ލަޔާން ވަނީ ސާނަވީގައި ފަސް މާއްދާއިން އޭ ސްޓާއާއި އެއް މާއްދާއިން އޭ އާއި އެއް މާއްދާއިން ބީގެ އިތުރުން އެއް މާއްދާއިން ސީ ހޯދައިގެން ޤައުމީ ގަދަ ދިހައެއްގެ ހަތް ވަނަ ހޯދާފައެވެ. އެ ނަތީޖާ ވެގެން ދިޔައީ ބިލެތްފަހީ ސްކޫލުގެ ތާރީޚު ބަދަލުކޮށްލި ނަތީޖާއަކަށެވެ. ޤައުމީ ގަދަ ދިހައެއްގައި ހިމެނުނު އެ ސްކޫލްގެ ދެ ދަރިވަރުންގެ ތެރެއިން އެއް ދަރިވަރަކީ ލަޔާންއެވެ. ދެން ހިމެނުނު ދަރިވަރު ދިޔައީ އަށްވަނަ އަށެވެ.

ގުރޭޑް ދިހައެއްގައި ކިޔަވަން ފެށި އިރު ލަޔާން ވެސް ގެންގުޅުނީ އެ ވިސްނުމެވެ. އޯލެވެލްގެ ގަދަ ދިހައެއްގައި ހިމެނުމަކީ ވާނެ ކަމެއް ނޫނެވެ. އެ ހިސާބަށް ވިސްނުން ގެންދިއުން ވެސް ގޯހެވެ. އެހެންވެ އޭނާ މަސައްކަތް ކުރީ އޯލެވެލްގެ ގަދަ ދިހައަކަށް ނޫނެވެ. ސްކޫލްގެ އެންމެ މޮޅު ދަރިވަރަށް ވެވޭތޯއެވެ. ކުރިމަސައްކަތަކާއި ދިންހާ ވަގުތެއް ހުސްކުރީ އެ ނަތީޖާއާ ހަމައަށް ދެވޭތޯއެވެ.

" އޯލެވެލްއިން ރަނގަޅު ނަތީޖާއެއް ހޯދަން ވެގެންނޭ ބުންޏަސް އަޑުއިވެނީ އިދިކީލަ ބަސްތަކެއް. އުއްމީދެއް ނެތް މާޔޫސްވާ ކަހަލަ ޖަވާބުތަކެއް" ލަޔާންގެ ފެށުން ވެސް ދިޔައީ އެ މިސްރާބަށެވެ.

ތާޖުއްދީން ސްކޫލްގައި ކިޔެވި ލަޔާންގެ ތިމާގެ ކުއްޖަކު ހޯދި ކާމިޔާބުން، އޭނާ ވިސްނަމުން އައި ވިސްނުމަށް އަސަރުތަކެއް ކުރުވިއެވެ. އެ ވިސްނުމާމެދު އެއަށްވުރެ ފުންކޮށް ވިސްނަން މަޖުބޫރުކުރުވިއެވެ. އެކަމުގައި މަދަދުގާރަކަށް ވީ އެ ކުއްޖާއެވެ.

" އޭނާ ބުނީ، ނަތީޖާ ނެރެވޭނެއޭ، ޕޮޓެންޝަލް އެބަހުއްޓޭ، ވާނެއޭ"

ވިސްނުން ބަދަލުކޮށް އާ މިސްރާބަކަށް ލަޔާން ދަތުރުފެށިއެވެ. އެކަމުގައި އެންމެ ބޮޑު އެހީތެރިކަމެއް އޭނާގެ ފަރާތުން ލިބުނެވެ. ނޭނގޭ އެއްޗެއް އޮތިއްޔާ އޮޅުންފިލުވައިދިނެވެ. ކުރިއަށް ދާންވީ މިސްރާބު ދައްކައިދިނެވެ.

ލަޔާން ބުނީ، ސްކޫލްގެ ޓީޗަރުންގެ ފަރާތުން ބޮޑު އެހީތެރިކަމަކާއި ކުރިއަށް ދެވޭނެ މަގު ދައްކައިދިން ކަމަށެވެ.

" ސްކޫލްގެ ޓީޗަރުން ވެސް ހިތްވަރުދީ ނަތީޖާ ނެރުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކޮށްދިން"

ހިސާބު މާއްދާއަކީ އަބަދުވެސް ލަޔާންއަށް އެންމެ އުނދަގޫ މާއްދާއެވެ. އެހެންވެ އެ މާއްދާއަށް ޚާއްޞަ ސަމާލުކަމެއް ދޭންޖެހުނެވެ. ސްކޫލްގައި ކިޔާދޭ އެއްޗެއްގެ އިތުރަށް ޔޫޓިއުބުގެ ބޭނުން ހިފިއެވެ. އަމިއްލައަށް ހޯދާ ބަލާ އިންޓަރނެޓްގައި އަތްފުނާ އެޅިއެވެ. ޕާސްޓްޕޭޕަރުތައް ހެދުން ގިނަކުރިއެވެ.

ސްކޫލްގެ ނަތީޖާއަށް ކުރި ފޯކަސް އޯލެވެލްގެ ގަދަ ދިހައަކަށް އަމާޒު ހިފުމަށް ތައްޔާރުވީ އާ ވިސްނުމުން އުފެދިގެންއައި އުއްމީދުގެ ހުޅުކޮޅުންނެވެ. އެންމެން ގަދަ ނިދީގައި އޮންނައިރު، ލަޔާން ތެދުވެ އިންނަނީ ކިޔަވާށެވެ. އެއީ ކިޔަވަން އެންމެ ފަސޭހަ ވަގުތެވެ.

ސާނަވީ އިމްތިޙާނުގެ ކުރިން ބާއްވާ މޮކް އެގްޒާމްގައި ހިސާބުން ލިބުނު ނަތީޖާއިން އޭނާގެ އުއްމީދަށް ހިޔަނިއެޅުނެވެ. ކަރުއެލުވާލެވުނެވެ. އެކަމަކު މިފަހަރު ވެސް އާ ހިތްވަރެއް ލާފައި ލަޔާން ތެދުވިއެވެ. ކުރި މަސައްކަތް ކުރިއަށް ވުރެ ދެގުނަ ކުރިއެވެ. ނަމަވެސް އެ މާއްދާއާ ދޭތެރޭ އޭނާއަށް ޔަގީންކަން ކުޑައެވެ.

" ހިސާބު ޓެސްޓް ނިންމާފައި އައިސް މަންމަ ކައިރީގައި ވެސް ބުނިން، އުއްމީދު ކުޑައޭ ފާސްވާނެ ކަމުގެ"

އެކަމަކު އޯލެވެލްގެ ނަތީޖާ ލިބުމުން ހައިރާންކަން ލިބުނީ ލަޔާންއަށް އެކަންޏެއް ނޫނެވެ. ސްކޫލާއި ރަށުގެ ރައްޔިތުންނަށް ވެސް ލިބުނީ ހައިރާންކަމެކެވެ.

" ވަރަށް އުފާވި ހިސާބުން ފާސްވެ، އުއްމީދު ކުރި ނަތީޖާ ނެރެވުނީމާ"

ލަޔާން ބުނީ، ނަތީޖާ ލިބުނީމާ، ރަށުގެ ގިނަ އަދަދެއްގެ ބައެއްގެ މެސެޖްތައް ލިބުނުކަމަށާއި، އެމީހުން ކުރިން ވިސްނަމުން އައި ގޮތް ބަދަލުވި ކަމަށެވެ. އެއަށްވުރެ ބޮޑު ކާމިޔާބިއެއް ހޯދަން މަސައްކަތް ކުރަން ހިތްވަރު ދިން ކަމަށެވެ.

" މި އަހަރު އޯލެވެލް ހެދި ކުދިންނާ މެދު ވެސް ރައްޔިތުން އުއްމީދު ކުރޭ، މިއީ ކުރިން ދުވަހަކު ވެސް ވި ކަމެއް ނޫން" އެ ވިސްނުން ބަދަވަމުން ލަޔާން ހުރީ ހިތްހަމަޖެހިފައެވެ.

ސާނަވިއަށްފަހު، އޭލެވެލްއަށް ދާކަށް ލަޔާން ބޭނުމެއްނުވިއެވެ. އޭނާގެ އުއްމީދަކީ ޕައިލެޓަކަށް ވުމެވެ. މާލީ ދަތިކަމާހުރެ އެ ހިސާބަށް ދާން އަދި ދައްޗެވެ. އެހެންވެ އެ އުއްމީދު ޙާޞިލް ކުރުމަށް މި ވަގުތު ދަނީ ޤައުމީ ޔުނިވަރސިޓީގައި ފައުންޑޭޝަން ކޯހެއް ހަދަމުންނެވެ.

" ފައިސާގެ ތާށިކަމެއް ހުރީމާ މި ވަގުތު މަޑުކޮށްލީ، އިރާދަކުރެއްވިއްޔާ ޕައިލެޓެއްގެ ގޮތުގައި އުދުހޭތަން އަދި ފެންނާނެ"

ލަޔާންގެ ކާމިޔާބީގައި އޭނާގެ މަންމައާއި ބައްޕަގެ ހިއްސާބޮޑެވެ. ރަށުގައި، މައިންބަފައިންގެ ކައިރީގައި ހުރެގެން ރަށުގެ ރައްޔިތުންގެ ވިސްނުން ބަދަލުކޮށްލުމަކީ އެއީ ލަޔާން ހޯދި ކުޑަ ކާމިޔާބީއެއް ނޫނެވެ. އެއީ މާބޮޑު ކާމިޔާބީއެކެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *