އިބާގެ ކާމިޔާބީގައި ބައްޕަގެ ރޯލް ބޮޑު

މަތީ ސާނަވީ ނިންމާ ދަރިވަރުންގެ ތެރެއިން ފަސް މާއްދާއިން އޭ ސްޓާ ހޯދާ، ރައީސްގެ ޚާއްޞަ ސްކޮލަރޝިޕް ހޯދި، ހަ ދަރިވަރުންގެ ތެރޭގައި ހިމެނުނު ހަމައެކަނި މާލެއިން ބޭރު ސްކޫލެއްގެ ދަރިވަރަކީ ކުޅުދުއްފުށީގައި ހުންނަ ޖަލާލުއްދީން ސްކޫލްގެ އާމިނަތު އިބާ އާދަމެވެ. އިބާއާއެކު ދެން ހިމެނުނު ހުރިހާ ދަރިވަރުންނަކީ ސެންޓަރ ފޮރ ހަޔަރ އެޑިޔުކޭޝަން (ސީއެޗްއެސްއީ)ގެ ދަރިވަރުންނެވެ. އިބާ ވަނީ ހަ މާއްދާއިން އޭ ސްޓާ ހޯދާފައެވެ.

އިބާގެ ކާމިޔާބީއަށް ޖަލާލުއްދީން ސްކޫލް ފަޚުރުވެރިވާއިރު، އެ ފަޚުރު ހޯދަން އޭނާ އަޒުމް ކަނޑައެޅިތާ ކިތަންމެ ދުވަހެކެވެ. ސާނަވީ ނިންމައި މަތީ ސާނަވީގެ ހަރުފަތުގައި އިށީނީ، އެ ސްކޮލަރޝިޕް ހޯދައިގެން ޑޮކްޓަރެއްގެ ގޮތުގައި ޤައުމު ފަޚުރުވެރިވާ ފަދަ ދަރިއަކަށް ވުމުގެ ނިޔަތުގައެވެ.

" އޭލެވެލް ފެށުމާއެކު ބައްޕަގެ އިލްތިމާސަކަށްވީ، ސްކޮލަރޝިޕަށް މަސައްކަތް ކުރުން" އިބާ ކިޔައިދިނެވެ.

އިހަވަންދޫއަށް އުފަން އިބާ، ސާނަވީ އިމްތިޙާން ނިންމީ ކުޅުދުއްފުށީގައި ހުންނަ އަފީފުއްދީން ސްކޫލުންނެވެ. ސާނަވީ އިމްތިޙާނުގައި ފަސް މާއްދާއިން އޭ ސްޓާ، ތިން މާއްދާއިން އޭ ހޯދިއެވެ. މަންމައާއި ބައްޕަމެން ކައިރީގައި ހުރެގެން ކިޔަވަން ބޭނުންވާތީ، މަތީ ސާނަވީއަށް ކިޔެވީ ޖަލާލުއްދީން ސްކޫލުންނެވެ.

އިބާ ބުނީ، މަތީ ސާނަވީ ފެށުމާއެކު ކަނޑައެޅި އަޒުމާއެކު ކުރިއަށްދާން ޖެހިލުންވެ، ހިތް ނުތަނަވަސް ވިކަމަށެވެ. އެ ނަތީޖާ ލިބިދާނެ ބާވައޭ ހިތާހިތާ ސުވާލުކުރެވުނު އެތައް ފަހަރެއް އައި ކަމަށެވެ.

" މެޑިސިންއިން ކުރިއަށް ދިއުމަށް އޮތް އެންމެ ފަސޭހަ މަގަކީ ސްކޮލަރޝިޕް ކަށަވަރު ކުރުން. އެކަން ހިތައްއެރީމާ ހާސްވެ ހިތް ނުތަނަވަސްވީ" އިބާ ބުންޏެވެ.

ކިޔެވުމުގައި އިބާ އަބަދުވެސް ގެންގުޅެނީ އަމިއްލަ މެތަޑެކެވެ. އެއީ އޮޅުން ފިލަންދެން ޓީޗަރުންނާ ސުވާލުކުރުމާއި، ޕާސްޓްޕޭޕަރު ހެދުމެވެ. ދެލިގަނޑު ދަސްކޮށްގެން ކާމިޔާބު ހޯދުމަކީ އޭލެވެލްގައި ކުރެވޭނެ ކަމެއް ނޫންކަމަށް އިބާބުނެއެވެ. އެހެންވެ ގިނަ ވަގުތު ހޭދަކުރީ ޕާސްޓްޕޭޕަރު ހެދުމުގައެވެ.

ޓެސްޓް ކައިރިވި ވަރަކަށް ކިޔެވުމަށް ދޭ ސަމާލުކަން އޭނާ އިތުރުކުރެއެވެ. އެހެން ހުރިހާ ހަރަކާތްތަކުން ދުރުވެ ކިޔެވުމަށް ވަގުތު ހުސްކުރިއެވެ.

އިބާބުނީ، އޭނާއަށް ލިބުނު ކާމިޔާބީގައި ޓީޗަރެއްގެ ހައިސިއްޔަތުން ބައްޕަގެ ރޯލު ވަރަށް ބޮޑުކަމަށެވެ. ބައްޕައަކީ ހިސާބު ޓީޗަރަކަށް ވުމާއެކު، ހިސާބުން ނޭނގޭ ކޮންމެ އެއްޗެއް ސްކޫލްގައި ކިޔަވައިދޭ ޓީޗަރަކާ ހަމައަށް ދިއުމުގެ ކުރިން އިބާ އޮޅުން ފިލުވަނީ ބައްޕަގެ ކައިރިންނެވެ. ހިސާބުގެ އިތުރުން ފިޒިކްސްއަށް ވެސް ބައްޕަގެ އެހީ ހޯދިއެވެ.

އިބާ ބުނީ، އޮޅުން ފިލަންދެން ޓީޗަރުންނާ ސުވާލުކުރާއިރު، ބައެއް ފަހަރު ކުދިން ލައްވައި ވެސް ސުވާލުތައް ޓީޗަރުންނަށް ހުށަހަޅާކަމަށެވެ.

" މުހިންމީ ޓީޗަރަށް ސުވާލުތައް ހުށަހެޅުން، އޮޅުން ފިލަންދެން ސުވާލުކޮށް ޖަވާބު ހޯދުން" އިބާ ބުންޏެވެ.

ރައީސްގެ ޚާއްޞަ ސްކޮލަރޝިޕާއެކު އިބާގެ އަމާޒު ހުރީ ތުރުކީއާ ދިމާލަށެވެ.

އިބާ ބުނީ، މަންމައާއި ބައްޕަގެ ކައިރީގައި، ހުރެގެން މިފަދަ ކާމިޔާބެއް ލިބުމުގައި އެ އާއިލާގެ ދައުރު ބޮޑުކަމަށެވެ. ޚާއްޞަކޮށް މަންމަ އެހީތެރިކަން އިންތިހާއަށް ލިބުނެވެ.

" ކާމިޔާބީގައި މަންމަ ވެސް ބައިވެރިވޭ. އަދި މުދައްރިސުންނާއި މުޅި ސްކޫލް ވެސް " ހިނިތުންވެފައި ހުރެ އިބާ ބުންޏެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *