ޒަހުވާ ބުނަނީ، ކާމިޔާބީގެ ސިއްރަކީ ވަގުތުކަމަށް

"ކިޔަވާ ކުއްޖަކަށް އެންމެ މުހިންމީ ވަގުތު. އަޒުމެއް އޮވެގެން ވަކި ޓާގެޓަކަށް މަސައްކަތް ކުރާނަމަ ވަގުތަށް ޚާއްޞަ ސަމާލުކެމެއް ދޭނެ" ފުވައްމުލަކު މުޙައްމަދު ޖަމާލުއްދީން ސްކޫލުން ފާއިތުވި އަހަރު އެންމެ މޮޅު ދަރިވަރަކަށް ހޮވުނު، މަރިޔަމް ޒަހުވާގެ މުޙައްމަދުގެ ކާމިޔާބީގެ ސިއްރަކީ ވަގުތަށް ދިން ސަމާލުކަމެވެ.

ސާނަވީ އިމްތިޙާނުގައި ހަ މާއްދާއިން އޭ ސްޓާ، ދެ މާއްދާއިން އޭ ހޯދައިގެން ޤައުމީ ގަދަ ދިހައެއްގެ ތިންވަނަ ޒަހުވާވަނީ ހޯދާފައެވެ.

ޒަހުވާ ބުނީ، ކުރެވުނު މަސައްކަތާ މެދު ހިތްހަމެޖެހޭ ކަމަށާއި، ގަދަ ދިހައެއްގައި ހިމެނުމަށް ކުރި މަސައްކަތް ކާމިޔާބު ވުމުން ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބުނުކަމަށެވެ.

އޯލެވެލް އިމްތިޙާނަށް ތައްޔާރު ވުމަށް ދުރާލާ ޓާގެޓްތަކެއް ކަނޑައެޅިއެވެ. ފިލާވަޅު ދަސްކުރަން ވަކުތުތަކެއް ކަނޑައެޅިއެވެ. އެކަމަށް ޓައިމްޓޭބަލެއް ހެދިއެވެ. ޒަހުވާއަށް ކިޔަވަން އެންމެ ފަސޭހައީ ފަތިސްގަޑީގައެވެ. ހަމަހިމޭން ވަގުތުގައި ފިލާވަޅު ދަސްކުރަން ދެވޭ ސަމާލުކަން އިތުރުވެ، ދަސްކުރަން ވެސް ފަސޭހަ ކަމަށް ޒަހުވާ ފާހަގަކުރިއެވެ.

ހިސާބަކީ ޒަހުވާއަށް އަބަދުވެސް އުނދަގޫ މާއްދާއެކެވެ. އެހެންވެ އެހެން މާއްދާތަކަށް ނުކުރާ މަސައްކަތާއި ވަގުތު އެ މާއްދާއަށް ދިނެވެ. އޭގެ ނަތީޖާވެސް ރަނގަޅެވެ.

" އުއްމީދެއް ނުކުރަން މެތްސްއިން އޭ ސްޓާއެއް ލިބިދާނެކަމަށް" ޒަހުވާ ބުންޏެވެ.

ޒަހުވާބުނީ، މުދައްރިސުން ވަރަށް ބޮޑު މަސައްކަތެއް ކޮށްދެއްވި ކަމަށާއި، ނޭނގޭ އެއްޗެއް އޮޅުން ފިލުވައިދޭން ވެސް ވަރަށް މަސައްކަތް ކޮށްދިން ކަމަށެވެ. ހިސާބު މާއްދާ އުނދަގޫވުމުން، އިތުރު އެހީއެއްގެ ގޮތުގައި ޔޫޓިއުބުގެ ބޭނުން ހިފިކަމަށެވެ.

" ސްކޫލުން ކޮށްދިން މަސައްކަތްތަކުގެ އިތުރުން މެތްސްއަށް ފޯކަސްކޮށްގެން އިތުރު އެހީ ހޯދީ ޔޫޓިއުބުން. މެތްސްއިން އޭ ސްޓާ ލިބުނީ ކުރެވުނު މަސައްކަތުގެ ބޮޑުކަމުން" ޏ. އަތޮޅު ތަޢުލީމީމަރުކަޒުގައި އޭލެވެލްއަށް ކިޔަވަމުންދާ ޒަހުވާ ބުންޏެވެ.

" އަމިއްލައަށް ހޯދާ ބަލާ ރިސާރޗް ކުރުމަކީ ވަރަށް މުހިންމު ކަމެއް. އަޑުއަހައިގެން ދަސްކުރަން ފަސޭހަވީމާ ވަރަށް ގިނަ ފަހަރަށް ޔޫޓިއުމުގެ ބޭނުން ހިފުނު"

ޒަހުވާ ބުނީ، ސްކޫލްގެ އެންމެ ފަޚުރުވެރި ދަރިވަރުގެ ގޮތުގައި ސްކޫލް ނިންމާލަން އަޒުމް ކަނޑައެޅި ކަމަށާއި، ވާދަވެރިކަމެއްގެ ތެރެއިން އެންމެ މޮޅު ދަރިވަރުގެ ޝަރަފު ލިބުމުން ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިއްޖެކަމަށެވެ.

" ވަރަށް ބޮޑު ވާދަވެރިކަމެއްގެ ތެރެއިން، އުއްމީދު ކުރިގޮތަށް ދިޔައީ"

ސްކޫލްގެ ޑެޕިއުޓީ ކެޕްޓަންގެ އިތުރުން، އިތުރު ހަރަކާތްތަކުގައި ވެސް ޒަހުވާ ބައިވެރިވިއެވެ.

ޒަހުވާގެ ކުރިމަގު ރާވާލާފައި އޮތީ ބިޒްނަސް ދާއިރާއިން ކުރިއަށް ދިއުމަށެވެ. އެކަމަކު ކުރިއަށް ދާނެ ވަކި ދާއިރާއެއް އަދި ނުނިންމައެވެ. އޭލެވެލް ނިންމުމުގެ ކުރިން އެކަން ނިންމާނެ ކަމަށް ޒަހުވާ ބުނެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *