ހުލުމާލެ ދެވަނަ ފިޔަވަހީގައި ހުޅުވާ ކާމިލް ދީދީ ޕްރައިމަރީ ސްކޫލަށް ޕްރިންސިޕަލަކު ހޯދަނީ

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުޅުވާ ކާމިލް ދީދީ ޕްރައިމަރީ ސކޫލަށް ޕްރިންސިޕަލަކު ހޯދަން އިއުލާން ކޮށްފިއެވެ.

ޕްރިންސިޕަލްގެ އިތުރުން އެ ސްކޫލަށް ބޭނުންވާ ގިނަ މަގާމްތަކަށް ވަނީ އިއުލާން ކޮށްފައެވެ. އިއުލާން ކުރި މަގާމްތަކުގެ ތެރޭގައި އެޑްމިނިސްޓްރޭޓިވް އޮފިސަރ، އެސިސްޓެންޑް ލައިބްރަރޭރިއަން، ޕްރިންޓަރ، ސްޕޯޓްސް ސުޕަވައިޒަރ، ހެލްތް އޮފިސަރ، ކައުންސެލަރުގެ އިތުރުން ކޮމްޕިއުޓަރ ޓެކްނީޝަނެއް ހިމެނެއެވެ.

ޕްރިންސިޕަލްގެ މަގާމަށް ގާބިލު ފަރާތެއް ކަނޑައެޅުމަށް ބަލާނެ ކަންތައްތަކަމަށް އެޑިޔުކޭޝަން މިނިސްޓްރީގެ އިއުލާނުގައި ބުނެފައި ވަނީ، ޕްރިންސިޕަލެއްގެ އަސާސީ ޝަރުޠު ހަމަވުމާއި، އިންޓަވިއުއާއި ތަޖުރިބާގެ އިތުރުން ޕްރެކްޓިކަލް ބަޔަށެވެ. އެންމެ ގިނަ މާކްސްދޭން ކަނޑައަޅާފައި ވަނީ އިންޓަވިއުއަށެވެ.

ޕްރިންސިޕަލްގެ މަގާމަށް، ޖުލައި މަހުގެ 25 ވަނަ ދުވަހުގެ 13:30 ގެ ކުރިން އެޕްލިކޭޝަން ހުށަހަޅަން ޖެހެއެވެ.

ޕްރިންސިޕަލެއްގެ އަސާސީ މުސާރަ ފެށެނީ 16،647 ރުފިޔާއިންނެވެ. މަގާމުގެ އެލަވަންސްގެ ގޮތުގައި މަދުވެގެން 9،534ރުފިޔާ އާއި ހާޒިރީ އިނާޔަތުގެ ގޮތުގައި ނުކުންނަ ކޮންމެ ދުވަހަކު 259 ރުފިޔާ މަދުވެގެން ލިބޭނެއެވެ.

ކާމިލް ދީދީ ޕްރައިމަރީ ސްކޫލް ހުޅުވާނެ ދުވަހެއް އެޑިޔުކޭޝަން މިނިސްޓްރީން ބުނެފައެއް ނުވެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *