ފެންބޮޑުވެގެން ގިޔާސުއްދީން ސްކޫލްގެ ކިޔެވުން މެދުކަނޑާލައިފި

މާލޭގައި އެންމެ ބޮޑަށް ފެންބޮޑުވާ، އަމީނީ މަގުގައި ހުންނަ ގިޔާސުއްދީން ސްކޫލް މިއަދު ހުޅުވާފައިވަނީ ޖީސީއީ އޯލެވެލް ހަދާ ދަރިވަރުންނަށް އެކަންޏެވެ. އެހެން ހުރިހާ ގްރޭޑެއްގެ ކިޔެވުން، އަދި ޓެސްޓުތައް ވަނީ އެހެން ދުވަހަކަށް ރީޝެޑިއުލް ކޮށްފަ އެވެ.

ގިޔާސުއްދީން ސްކޫލްގެ ޓީޗަރަކު "އަވަސް" އަށް މައުލޫމާތުދެއްވަމުން ވިދާޅުވީ، މިއަދު ހެނދުނުވީއިރު އެ ސްކޫލް ހުންނަ ސަރަހައްދު ވަށައިގެން ބޮޑު ސަރަހައްދެއް އޮތީ ވަރަށް ބޮޑަށް ފެންބޮޑުވެފައި ކަމަށެވެ. އަދި ފެންބޮޑުވުމުގެ އިތުރަށް ވާރޭވެސް ވެހެމުންދާތީ އޭގެ ސަބަބުން ކުދިންނަށް ސްކޫލަށް އައިސް ގޮސްވުމުގައި ވަރަށް ދަތިތައް ކުރިމަތިވަމުންދާތީ މިއަދުގެ ކިޔެވުން ކުރިއަށް ނުގެންދަން ސްކޫލުން ނިންމާފައިވާ ކަމަށެވެ.

ގިޔާސުއްދީން ސްކޫލްގެ ކިޔެވުން މިއަދު ކުރިއަށް ނުގެންދިޔަ ނަމަވެސް މާލޭގެ އެހެން ސްކޫލްތަކުގެ ކިޔެވުން ވަނީ ކުރިއަށްގެންގޮސްފަ އެވެ.

ވިއްސާރަވެ ފެންބޮޑުވުމުން އެންމެ ބޮޑު ދަތިތަކަކާ އަބަދުވެސް ކުރިމަތިލާ އެއްބަޔަކީ ސްކޫލްކުދިންނާއި އެކުދިންގެ ބެލެނިވެރިންނެވެ. މާލޭގެ ބައެއް ސަރަހައްދުތަކުގައި ބޮޑުވި ފެންގަނޑު ވަނީ އިމާރާތްތަކަށް ވެސް ވަދެފަ އެވެ. އޭގެ ސަބަބުން ބައެއް ގޭގެއަށް ވެސް ވަނީ ގެއްލުންވެފަ އެވެ.

ފެންބޮޑުވެ ގިނަ ދަތިތަކެއް އާންމުންނަށް ކުރިމަތިވެފައިވާއިރު ހައުސިން މިނިސްޓަރު މުހައްމަދު މުއިއްޒު އާންމުންގެ ކިބައިން މާފަށް އެދެމުން ވިދާޅުވީ، މާލޭގެ މަގުތަކުގައި ފެންބޮޑުވާން ދިމާވީ، މަގުތަކުން ފެން ހިންދަން މި ސަރުކާރުން ގާއިމް ކުރި ނިޒާމް، ސްޓޯމް ވޯޑާ ޑްރެއިނޭޖް ސިސްޓަމްއަށް ބަޔަކު ގެއްލުންދީފައި ވާތީ އެ ނިޒާމު މަސައްކަތް ނުކުރާތީ ކަމަށެވެ. އަދި އެ ނިޒާމުގެ ޕެނަލް ބޯޑްތަކަށް ގެއްލުންދީ އެ ނިޒާމު މަސައްކަތް ނުކުރާ ވަރަށް ހަލާކުކޮށްލާފައިވާ ކަމަށް ހައުސިން މިނިސްޓަރު ތުހުމަތު ކުރެއްވި އެވެ.

"ފެން ހިންދާ ނިޒާމު ގާއިމްކޮށްފައި ވަނީ ތިން ގަނޑިއިރު ތެރޭގައި ބޮޑުވާ ފެންގަނޑު ހިންދާލެވޭ ގޮތަށް. އެއްވެސް ސަބަބަކާ ހުރެ ސިސްޓަމްއަށް މައްސަލަ ދިމާވެއްޖެ ނަމަ އެ ކަން ހާސިލެއް ނުވާނެ. އަދިވެސް މިކަމަށް ޓަކައި ރައްޔިތުންގެ ކިބައިން އަޅުގަނޑު މާފަށް އެދެން،" މިނިސްޓަރު މުއިއްޒު ކުރެއްވި ޓްވީޓްގައިވެ އެވެ.

ސިފައިން ބުނީ މާލޭގެ އެކި ސަރަހައްދުތަކުގައި ބޮޑުވެފައިވާ ފެންގަނޑު ހިންދުމުގެ މަސައްކަތް ސިފައިން މިހާރު ކުރަން ފަށާފައިވާ ކަމަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *