މުޅި ރާޢްޖެއަށް ތައުލީމް ފުޅާވަމުންދާއިރު، އަތޮޅުތެރޭގެ ސްކޫލްތަކުން ދަނީ ޤައުމީ ފެންވަރުގައި ތަފާތު ދައްކަމުންނެވެ. ށ. ފޯކައިދޫ ސްކޫލުން ކިޔަވައިގެން، ސާނަވީ އިމްތިޙާނުގައިެ، އަށް އޭ ސްޓާ ހޯދާ ޤައުމީ ގަދަ ދިހައެއްގެ އެއްވަނަ ހޯދި އާލާ ރަޝީދަކީ އޭގެ ތެރެއިން އެއް ދަރިވަރެވެ.
އާލާ ގަބޫލުކުރާ ގޮތުގައި އޭނާގެ ކާމިޔާބަކީ، އާއިލާގެ ކައިރީގައި އުފަންރަށުން ކިޔަވައިގެން ރާއްޖެއިން އެއްވަނަ ލިބުމެވެ.
" ހަގީގީ އުފަލަކީ މައިންބަފައިންނާއި އާއިލާގެ ކައިރީގައި ހުރެގެން ބޭނުންވި ނަތީޖާ ލިބުން" ފާއިތުވި އަހަރު ފޯކައިދޫ ސްކޫލްގެ އެންމެ މޮޅު ދަރިވަރުގެ ގޮތުގައި ހޮވި އާލާ ބުންޏެވެ.
އެންމެ ކުޑައިރުއްސުރެ ކިޔެވުމަށް ޚާއްޞަ ސަމާލުކަމެއް ދިން އާލާ ބުނިގޮތުގައި ކުރިއާ އަޅާބަލާއިރު، ކިޔެވުމުގެ ވައްޓަފާޅި މިހާރު ބަދަލުވެއްޖެއެވެ. ވަކި ސްކޫލަކުން ކިޔެވުމަކީ މުހިންމު ކަމެއް ނޫނެވެ. މުހިންމީ ކިޔަވުމަށް އޮތް ޝަޢުޤާއި އެކަމަށް ދޭ އަހައްމިއްޔަތެވެ. ދެވޭ ސަމާލުކަމާއި ކުރިއަށް ދިއުމަށް ކުރާ ހިތްވަރެވެ. މިކަންތައްތައް ފުރިހަމަ ކުރެވޭނަމަ ކޮންމެ ސްކޫލެއްގައި ހުރެގެންވެސް ނަތީޖާ ނެރެވިދާނެއެވެ.
" ސްކޫލުން ނަގައިދޭ ފިލާވަޅުތަކަށް ބޭނުންވާ މައުލޫމާތު އަމިއްލަ މަސައްކަތުން ވެސް ލިބެން އެބަހުރި. އިންޓަރނެޓްގެ އެހީގައި ހުރިހާ މައުލޫމާތެއް އެބަ ހޯދޭ. ނޭނގޭ އެއްޗެއް މުދައްރިސުންގެ ކައިރީގައި އަހައި އޮޅުންފިލުވައި، ކިޔެވުމަށް ވަގުތު ހުސްކުރާނަމަ އެއީ އުނދަގޫ ކަމެއްނޫން" ފޯކައިދޫ ސްކޫލްގެ ހަޔާތުގައި ވެސް އެންމެ ކާމިޔާބު ދަރިވަރުގެ ގޮތުގައި ހިމެނުނު އާލާ ބުންޏެވެ.
އާލާ ބުނީ، ރަށްފުށުގެ އެ މާހައުލަކީ ކިޔަވާކުދިންނަށް އެންމެ ރަނގަޅު މާހައުލެވެ. ގުދުރަތީ ހަމަހިމޭންކަމާއި، ސާފުވަޔާއި ޖާގައިގެ ގޮތުން ބަލާއިރު ވެސް އެ މާހައުލަކީ އެންމެ ރަނގަޅު " ޗޮއިސް" ކަމަށެވެ.
" މައްސަލައަކަށް ދިމާވަނީ ބައެއް ވަޞީލަތްތައް ލިބެން ނެތުން. ސައިންސް ކިޔެވި ކުއްޖެއްގެ ހައިސިއްޔަތުން ލެބޯޓްރީގެ ވަޞީލަތް ލިބެން ނެތުމުން ކިޔަވަން ވަރަށް އުނދަގޫވި"
އާލާ ބުނީ، އަބަދުވެސް އިނގިރޭސި މާއްދާއަށް ސަމާލުކަން ދިން ކަމަށާއި، އެއީ އެ އެހެން މާއްދާތަކާ އަޅާބަލާއިރު، އެ މާއްދާއަށް ދަށްކަމަށް ފެންނާތީއެވެ.
" އިނގިރޭސި މާއްދާއަށް އަމާޒުކޮށްގެން ފޮތް ކިޔައި، ވަރަށް ބޮޑަށް މަސައްކަތް ކުރިން އެ މާއްދާއިން ރަނގަޅު ނަތީޖާއެއް ހޯދަން" އަހުމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލުން އޭލެވެލްއަށް ކިޔަވަމުންދާ އާލާ ބުންޏެވެ.
އޯލެވެލްއަށް ތައްޔާރުވިއިރު ވެސް އާލާއަށް އެންމެ ކިޔަވަން ފަސޭހައީ ދުވާލާއި ފަތިސްގަޑީގައެވެ. ކިޔަވާށޭ ކިޔައި ނުނިދައި ހޭލާ ހުރުމަކީ އާލާ އެއްގޮތަކަށް ވެސް ކުރި ކަމެއް ނޫންވެ. އޭގެ ބަދަލުގައި ގަވާއިދުން ނިދަން ޚާއްޞަ ސަމާލުކަމެއް ދިނެވެ. އެއީ ގަޑިން ގަޑިއަށް ނިދުމުން ކިޔެވުމަށް ދެވޭ ސަމާލުކަން އިތުރުވާތީއެވެ.
އާލާ ބުނީ، އޯލެވެލްއާ އަޅާބަލާއިރު، އޭލެވެލް ވަރަށް ތަފާތު ނަމަވެސް ހިތްހަމަޖެހޭ ވަރުގެ ނަތީޖާއެއް މިހާރުވެސް ހޯދޭކަމަށެވެ. އެހެންވެ އޯލެވެލްގައި ހޯދާ ރަނގަޅު ނަތީޖާއަށްފަހު ޑޮކްޓަރެއްގެ ގޮތުގައި ޤައުމަށް ޚިދުމަތް ކުރުމަކީ އާލާ ދެކޭ ހުވަފެނެކެވެ. އެއީ އެނާގެ މަންމައާއި ބައްޕަވެސް އުއްމީދެކެވެ.
" އަބަދުވެސް މަންމައާއި ބައްޕަގެ ހުވަފެނެއް އެއީ ޑޮކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރުން" އާލާ ހުރީ އެ ދެމީހުންގެ އުއްމީދުގައި ކުލަޖައްސަން ޢަޒުމް ކަނޑައަޅައިގެންނެވެ.
މިހާރު ކިޔަވަމުންދާ ދަރިވަރުންނަށް އަލާ ދޭން ބޭނުންވި މެސެޖަކީ، ލިބިފައި އޮތް ފުރުޞަތުގެ ބޭން ހިފައިގެން މުދައްރިސުންނާއި ބެލެނިވެރިންގެ އުއްމީދުތައް ޙާޞިލްކޮށް ދިނުމަށް މަސައަކަތް ކުރުމަށެވެ.
ހިޔާލު