މި ފަހަކަށް އައިސް ސްކޫލްތަކުގެ ޔުނީފޯމަށް ބޮޑު ބަދަލެއް އައިސްފިއެވެ. ރޫޖެއްސި ހުދު ޔުނީފޯމްގެ ބަދަލުގައި އެ ސްކޫލެއްގެ ކުލައާ ގުޅުވައިގެން ޒަމާނީ ޑިޒައިންތަކަށް ތަފާތު ޔުނީފޯމްތަކެއް ބޭނުން ކުރަން ފަށައިފިއެވެ. ކަލާފާނު ސްކޫލަށް 30 އަހަރު ފުރުމާއެކު އެ ސްކޫލްގެ ޔުނީފޯމް ބަދަލުކޮށްފިއެވެ. އިމާދުއްދީނާއި ހިރިޔާ ސްކުލާއި މަޖީދިއްޔާއާއި އިސްކަންދަރާއި ޖަމާލުއްދީނާއި ތާޖުއްދީނުގެ ޔުނީފޯމަށް ބޮޑު ބަދަލެއް އަތުވެއްޖެއެވެ. މި ހުރިހާ ސްކޫލެއްގެ ތެރެއިން ބަދަލެއް ނާންނަނީ އަމީނިއްޔާ ސްކޫލްގެ ރަސްމީ ޔުނީފޯމަށެވެ. ސުވާލަކީ އަމީނިއްޔާ ސްކޫލްގެ ޔުނީފޯމް ބަދަލުކުރަން ބޭނުން ހެއްޔެވެ؟ އެކަން ކުރަން ފެނޭހެއްޔެވެ؟
އަމީނިއްޔާއަށް 75 އަހަރު ފުރުނު އަލިމަސް ޔޫބީލާ ގުޅުވައިގެން އެ ސްކޫލްގެ ޔުނީފޯމް ބަދަލުކުރުމަށް ބެލެނިވެރިންގެ ޚިޔާލު ހުރިގޮތެއް އެ ސްކޫލުން ބެލިއެވެ. ބައެއް ބެލެނިވެރިންނަށް އެކަން ކުރަން މާ ލަސްވެއްޖެއެވެ. އަނެއްބައި ބެލެނިވެރިންނަށް އެކަން ކުރުން މުހިންމެއް ނޫނެވެ. ޚިޔާލު އޮތީ ދެ ކަފި ވެފައެވެ. އެއްބަޔަކު ގަބޫލުކުރާ ގޮތުގައި ހުދުކުލައިގެ ރޫ ޖެއްސި އެ ޔުނީފޯމް މިޒަމާނަކަށް ކަމަކު ނުދެއެވެ. މާ އަވަހަށް އެ ޔުނީފޯމް ހަޑިވެއެވެ. އިސްތިރިކުރަން އެހާމެ އުނދަގުލެވެ. މިހާރަށްވުރެ ރީތި ޔުނީފޯމެއް އަމީއްޔާއަށް މުހިންމެވެ.

ރަސްމީ ޔުނީފޯމްގެ ގޮތުގައި މިހާރު ބޭނުންކުރާ ޔުނީފޯމަށް ކުޑަ ބަދަލެއް ގެންނަން ބޭނުންވާ ބެލެނިވެރިން ވެސް އެބަތިއްބެވެ. އެ ބެލެނިވެރިން ދެކޭ ގޮތުގައި އަމީނިއްޔާގެ ތާރީޚީ އެ ޔުނީފޯމް އެކީ ބަދަލުކުރުން ރަނގަޅެއް ނޫނެވެ. އޭގެ ބަދަލުގައި ހުދު ޔުނީފޯމްގެ މަތީބަޔާއެކު ސްކާޓެއް ނޫނީ ސްކާޓާއެކު ސްމާޓް ފަޓްލޫނު އިތުރުކުރުން ރަނގަޅެވެ.
އަމީނިއްޔާގެ ރަސްމީ ޔުނީފޯމް އެކީ ބަދަލުކުރަން އެ ސްކޫލްގެ ޕްރިންސިޕަލް ނާޒްލީން ވާފިރަށް ވެސް ފެނިވަޑައިނުގަންނަވައެވެ. އަމީނިއްޔާ ސްކޫލްގެ އެ ޔުނީފޯމް ބޭނުކުރެއްވި ނާޒުލީން ދެކެވަޑައިގަންނަވާ ގޮތުގައި ޔުނީފޯމް ވާން ޖެހޭނީ ހުރިހާ ގޮތަކުން ދަރިވަރުންނަށް ފަސޭހަ އެއްޗަކަށެވެ. ރަސްމީ ޔުނީފޯމްގެ ގޮތުގައި ހުދުކުލައިގެ ޔުނީފޯމް ބޭނުންކުރައްވަން އޭނާ ތާއީދު ކުރައްވައެވެ.
ނާޒުލީން ވިދާޅުވީ ސްކޫލް ޗުއްޓީއަށް ބަންދުކުރި ދުވަހު ވެސް ބެލެނިވެރިއެއްގެ ޝަކުވާ އައީ، ޔުނީފޯމަށް ބަދަލު ނުގެނެސްގެންނެވެ.
" ބެލެނިވެރިޔާގެ ޝަކުވާއަކީ. އެހެން ސްކޫލްތަކުން ޔުނީފޯމް ބަދަކުރާއިރު އަމީނިއްޔާއިން ޔުނީފޯމަށް ބަދަލު ނުގެނައުން. ހުދު ޔުނީފޯމް ވީމާ، އަވަހަށް ކިލާވުމާއި ރޫޖައްސާފައި ހުންނާތީ އިސްތިރިކުރަން އުނދަގޫވުން. އަޅުގަނޑު ދެންނެވިން އެހެން ސްކޫލްތަކުން ކުރިއޭ ކިޔާފައި ޔުނީފޯމަށް ބަދަލުގެންނާކަށް ނުވެއޭ. ހުދު ޔުނީފޯމް ކިޔަވާ ކުދިންނާ ގުޅެއޭ، އެކުދިންނަށް ސާފްތާހިރުކޮށް ޔުނީފޯމް ގެންގުޅެން ވެސް ދަސްކޮށްދެވެއޭ " ނާޒްލީން ވިދާޅުވިއެވެ.
ނާޒްލީން ވިދާޅުވި ގޮތުގައި އަމީނިއްޔާ ސްކޫލްގެ ޔުނީފޯމަކީ ދިގު މާޒީއެއް އޮތް ތާރީޚީ ޔުނީފޯމެއް ކަމަށެވެ. ރާއްޖޭގެ ގިނަ ސްކޫލްތަކެއްގެ ޔުނީފޯމުގެ އަސްލަކީ ވެސް އަމީނިއްޔާގެ އެ ރޫޖެއްސި ޔުނީފޯމެވެ.
" އެހާ ދިގު ތާރީޚެއް އޮތް އެ ޔުނީފޯމް ބަދަލުކުރާކަށް އަޅުގަނޑަކަށް ނުފެނޭ، އެކަމަކު ބަދަލު ކުރާނަމަ ހުދު އެ ޔުނީފޯމްގެ މަތީބަޔާއެކު ސްކާޓެއް ނޫނީ، ސްމާޓް ފަޓްލޫނެއް ބޭނުން ކުރެވިދާނެ"

ނާޒްލީން ވިދާޅުވި ގޮތުގައި އަމީނިއްޔާގެ ޔުނީފޯމް މިވަގުތު ބަދަލު ކުރުމުގެ ވިސްނުމެއް ނެތް ކަމަށެވެ. އޭގެ މާނައަކީ ޔުނީފޯމަށް ބަދަލެއް ނައުމެއް ވެސް ނޫނެވެ.
" އަމީނިއްޔާއަށް 75 އަހަރު ފުރުމާ ދިމާކޮށް ޔުނީފޯމަށް ބަދަލެއް ގެންނަން ސާވޭއެއްކޮށް، އެ ސާވޭއަށް ބަލާފައި އެކަން ކުރިއަށް ގެންދަން އެޑިޔުކޭޝަން މިނިސްޓްރީއަށް ހުށަހެޅިން. މިނިސްޓްރީން ވެސް އެކަން ކުރާކަށް އެހާ ޕޮޒިޓިވްއެއް ނޫން" ނާޒުލީން ދަރިވަރު ނޫހަށް ވިދާޅުވިއެވެ.
ނާޒުލީން ވިދާޅުވި ގޮތުގައި ރާއްޖެއަކީ ހޫނުގަދަ ޤައުމަކަށްވާއިރު، ޔުނީފޯމަކީ ވެސް ފަސޭހައިން ބޭނުންކުރެވޭ އެއްޗަކަށް ވާންޖެހޭ ކަމަށެވެ. ކުލާސްރޫމްތައް އެހާ ހޫނުއިރު އަތް ދިގު ގަމީސްލައިގެން ޓައިއަޅައިގެން އިންނަން ޖެހުމަކީ ކުދިންނަށް އެންމެ ރަނގަޅު ގޮތެއް ނޫނެވެ.
ނާޒްލީން ވިދާޅުވީ، އަމީނިއްޔާގައި ރަސްމީ ޔުނީފޯމް ބޭނުން ކުރަންޖެހޭނީ ވަރަށް މަދު ހާލަތެއްގައި ކަމަށާއި، އާންމުކޮށް ބޭނުން ކުރާނީ އެކްޓިވިޓީ ޔުނީފޯމް ކަމަށެވެ.
" ހުދު ޔުނީފޯމް ކޮންމެ ދުވަހަކު ލާކަށް ބާރެއް ނާޅަން. އެކްޓިވިޓީ ޔުނީފޯމަކީ ރާއްޖެ ކަހަލަ ހޫނުތަކެއްގައި ކިޔަވަން އަންނަން އެންމެ ރަނގަޅު ޔުނީފޯމް. ޖަލްސާއަކަށް ނޫނީ ރަސްމީ ކަމެއްގައި ރަސްމީ ޔުނީފޯމް ބޭނުންކުރެވިދާނެ އެހެން ނޫނީ އާންމުކޮށް ބޭނުން ކުރަން ރަނގަޅީ އެކްޓިވިޓީ ޔޫނީފޯމް" ނާޒުލީން ވިދާޅުވިއެވެ.
ސްކޫލްތަކުގެ ޔުނީފޯމަށް ބަދަލުގެނައި ސްކޫލްތަކަށް ވެސް އުނދަގޫ މައްސަލަތަކާ ދަނީ ކުރިމަތި ވަމުންނެވެ. އެންމެ ބޮޑު މައްސަލައަކީ ޔުނީފޯމް ފަހަން ހަވާލުވާ ފަރާތްތަކަށް އެކަން ނުކުރެވުމެވެ. ޔުނީފޯމް ފޮތީގެ ސްޓޮކް ހުސްނުވެ ލިބެން ނެތުމާއި، ޔުނީފޯމް ވެސް ގިނަ ފަހަރަށް ލިބެން ނެތުމެވެ.

މީގެ ދެތިން އަހަރު ކުރިން އަމީނިއްޔާ ސްކޫލްގެ އެކްޓިވިޓީ ޔުނީފޯމަށް ވެސް ބަދަލުތަކެއް ގެނައެވެ.
" އެކްޓިވީޓީ ޔުނީފޯމް ބަދަލުކުރީމާ ވެސް ބެލެނިވެރިންގެ ފަރާތުން ގިނަ ޝަކުވާތަކެއް ލިބުނު. ޔުނީފޯމް ފަހަން ދެ ފަހަރެއްގެ މަތިން ބަޔަކާ ހަވާލު ކުރުމުން ވެސް، ޑިމާންޑާ އެއްވަރަކަށް އެމީހުންނަކަށް އެކަމެއް ނުކުރެވޭ" ނާޒްލީން ވިދާޅުވިއެވެ.
ދަރިވަރުންނަށް ބޭނުންވާ ޓެކްސްޓް ފޮތްތަކާއި ސްޓޭޝަނަރީ ދެނީ ސަރުކާރުންނެވެ. އޭގެ ބޭރުން ޔުނީފޯމަށް ކުރަންޖެހޭ ޚަރަދަކީ ބެލެނިވެރިން ކުރަންޖެހޭ ޚަރަދެކެވެ. ސްކޫލަށް ގެންދާނެ ދަބަހެއްގެ އިތުރުން ޔުނީފޯމަށް މިހާރު ކުރަންޖެހޭ ޚަރަދު އެތައް ގުނައެއް ވަނީ ބޮޑުވެފައެވެ. ޔުނީފޯމް ފަހާ ފޮއްޗަކީ ބާޒާރުގައި އެންމެ އަގުބޮޑުކޮށް ވިއްކާ ފޮތި ތަކުގެ ތެރޭގައި ހިމެނޭ ފޮއްޗެކެވެ. އަބަދުވެސް ބެލިވެރިންގެ ޝަކުވާއަކީ ފޮތި ނުލިބޭ ތުނުގައި ޔުނީފޯމެއް ވެސް ލިބެން ނެތުމެވެ. ސްކޫލް ސީޒަނާ ދިމާކޮށް އެ ތަކުލީފު އިތުރަށް ބޮޑުވުމެވެ.
" ހުދު ފޮއްޗަކީ ފަސޭހައިން ބާޒާރުން ލިބެން ހުންނަ ފޮއްޗެއް. ފަސޭހައިން ފަހާލެވޭ، މި ހުރިހާ ކަމަކަށް ބަލާއިރު، އަޅުގަނޑަށް އެންމެ ރަނގަޅީ ހުދު ޔުނީފޯމް" ނާޒުލީން އޭނާ ދެކޭ ގޮތް ވިދާޅުވިއެވެ.
advertisment
ހިޔާލު