ދަރިވަރުންގެ ރައްކާތެރިކަމާ ގުޅޭ ސިޔާސަތު: އުނގެނުމާއި ތައުލީމީ ކުރިއެރުމަށް މުހިންމު ފިޔަވަޅެއް

ދަރިވަރުންގެ ނަފުސާނީ، ޖިސްމާނީ، ޖިންސީ އަދި ޞިއްޙީ ދުޅަހެޔޮކަމަކީ އެ ދަރިވަރެއްގެ އުނގެނުމާއި ތަޢުލީމި ގޮތުން ލިބޭ ކުރިއެރުމާ ގުޅިފައިވާ ކަންކަމެވެ. ދަރިވަރުންނަށް ރައްކާތެރިކަމާއި ހިމާޔަތްދިނުމަކީ ސްކޫލުތަކުގެ ޒިންމާއެވެ.

ދަރިވަރުގެ ފަރާތުން ފާހަގަކުރެވޭ ކަންބޮޑުވުންތައް ދުރާލާ ދެނެގަނެ، އެދަރިވަރަކަށް ބޭނުންވާ އެހީތެރިކަން ލިބޭނެ އިންތިޒާމް ހަމަޖައްސައިދިނުމަކީ ސްކޫލު މުވައްޒަފުން އަދާކުރަންޖެހޭ މުހިންމު މަސްއޫލިއްޔަތެކެވެ. ދަރިވަރުންނަށް ރައްކާތެރިކަން ލިއްބައިދިނުމުގައި ޢަމަލުކުރާނެ ސިޔާސަތުތައް ބަޔާންކުރާ އުސޫލުގެ ދަށުން ސްކޫލުތަކުން ޢަމަލުކުރާނެގޮތުގެ އިޖުރާއަތްތައް އެކުލަވާލައި މިހާރު އެވަނީ ޢަމަލުކުރަން ފަށާފައެވެ.

މިނިސްޓްރީ އޮފް އެޑިއުކޭޝަނުން އެކުލަވާލާފައިވާ މި އިޖުރާޢަތުގެ މަޤްޞަދަކީ ދަރިވަރުން އަމިއްލަ ނަފުސަށް އަނިޔާކުރާކަން، ފުރާނައަށް ގެއްލުންދިނުމުގެ ޚިޔާލު އަންނަކަން ނުވަތަ ފުރާނައަށް ގެއްލުންދޭން މަސައްކަތްކޮށްފައިވާކަން ސްކޫލުގެ މުވައްޒަފެއްގެ ސަމާލުކަމަށް އައުމުން ދަރިވަރަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ޢަމަލުކުރާނެގޮތުގެ މަގުދައްކައިދިނުމެވެ.

ސްކޫލުތަކުން އަމަލުކުރާނެ އިޖުރާއަތު ބަޔާންކުރާ މި އުސޫލުގައި ދަރިވަރުންނާއި ބެލެނިވެރިން އަދި ސްކޫލު މުވައްޒަފުންނާއި ސޯޝަލް މީޑިއާގެ ޒަރީއާއިން މައްސަލަ ރިޕޯޓް ކުރާނެގޮތްތައް ބަޔާންކޮށްފައިވާއިރު ދަރިވަރު ހުރީ ސްކޫލޫގައި ނުވަތަ ސްކޫލުން ރާވާ ހިންގާ ހަރަކާތެއްގައިނަމަ އަދި ދަރިވަރު ހުރީ ސްކޫލުން ބޭރުގައިނަމަވެސް އަމަލުކުރާނެ އުސޫލުތައް ބަޔާންކޮށްފައިވެއެވެ. އޭގެއިތުރުން ރިޕޯޓްކުރުމަށްފަހު ދަރިވަރަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭނެ ގޮތްތައް ވެސް ބަޔާންކޮށްފައިވެއެވެ.

"އަމިއްލަ ނަފުސަށް އަނިޔާކުރުން، ފުރާނައަށް ގެއްލުންދިނުމުގެ ޚިޔާލުއައުން ނުވަތަ ފުރާނައަށް ގެއްލުންދޭން މަސައްކަތްކުރުން" ސްކޫލުތަކުން ޢަމަލުކުރާނެ ގޮތުގެ އިޖުރާޢަތަށް ބަލާއިރު.

ދަރިވަރު ހުރީ ސްކޫލުގައި ނުވަތަ ސްކޫލުން ރާވާ ހިންގާ ހަރަކާތެއްގައި ނަމަ:

ވަގުތުން ދަރިވަރުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއެކު ސްކޫލުގެ ޕްރިންސިޕަލްގެ ސަމާލުކަމަށް މައްސަލަ ގެނައުމާއި ކައުންސެލަރެއް ހުންނަ ސްކޫލެއްނަމަ ކައުންސެލަރުގެ އެހީތެރިކަން ފޯރުކޮށްދިނުން، ސްކޫލުގެ ޕްރިންސިޕަލް ނުވަތަ ކައުންސެލަރ މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ އެސްކިޑްގެ ސަމާލުކަމަށް މައްސަލަ ގެނައުން ހިމެނެއެވެ. ޖެންޑަރ މިނިސްޓްރީގެ އޮންކޯލް ނަންބަރަށް ގުޅައި ރިޕޯޓްކުރުން / އަތޮޅުގެ ސްކޫލެއްގައިނަމަ އަތޮޅު ފެމިލީ އެންޑް ޗިލްޑްރަންސް ސަރވިސް ސެންޓަރަށް ގުޅައި ރިޕޯޓްކުރުމާއި ބެލެނިވެރިޔާގެ ސަމާލުކަމަށް މައްސަލަ ގެނައުމެވެ. މިފަދަ ހާލަތްތަކުގައި ދަރިވަރުގެ ފުރާނައަށް ގެއްލުމެއް ލިބިދާނެކަމަށް ބެލެވޭނަމަ، ވަގުތުން ސިއްހީ އެހީތެރިކަން ފޯރުކޮށްދޭ ތަނަކަށް ދަރިވަރު ގެންދަން ވާނެކަމަށް ވެސް ބަޔާންކޮށްފައިވެއެވެ. އަދި ގެންދިޔުމުގެ މަރުހަލާ ތެރެއިން ބެލެނިވެރިޔާއަށާއި ޖެންޑަރ މިނިސްޓްރީއަށާއި މިނިސްޓްރީ އޮފް އެޑިއުކޭޝަނަށް ސްކޫލުތަކުން އަންގަންވާނެކަމަށާއި މިމަރުހަލާގައި ޖެންޑަރ މިނިސްޓްރީގެ ކޭސް ވޯކާރ މައްސަލައަށް އެޓެންޑް ވަންދެން ގާތުން ދަރިވަރު މޮނިޓަރ ކުރުންވެސް ހިމެނެއެވެ.

ދަރިވަރު ހުރީ ސްކޫލުން ބޭރުގައިނަމަ:

ސްކޫލުގެ ޕްރިންސިޕަލް ނުވަތަ ކައުންސެލަރ މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ އެސްކިޑްގެ ސަމާލުކަމަށް މައްސަލަ ގެނައުމާއެކު ޖެންޑަރ މިނިސްޓްރީގެ އޮންކޯލް ނަންބަރަށް ގުޅައި ރިޕޯޓްކުރުން / އަތޮޅުގެ ސްކޫލެއްގައިނަމަ އަތޮޅު ފެމިލީ އެންޑް ޗިލްޑްރަންސް ސަރވިސް ސެންތަރަށ ގުޅައި ރިޕޯޓްކުރުން އަދި ބެލެނިވެރިޔާގެ ސަމާލުކަމަށް މައްސަލަ ގެނައުން ހިމެނެއެވެ. 3 ގަޑިއިރު ތެރޭގައި / މައްސަލަ ފާހަގަކުރެވުނީ ބަންދު ދުވަހެއްގައިނަމަ ޖެހިގެން އަންނަ ދުވަހު މައްސަލަ ރިޕޯޓް ކުރުންހިމެނެއެވެ. ދަރިވަރުގެ ފަރާތުން ފާހަގަކުރެވޭ އަލާމާތްތަކަކީ ބެލެނިވެރިޔާގެ އިހުމާލެއްގެ ސަބަބުން ދިމާވި ކަމެއްކަމަށް ބެލެވޭނަމަ މައްސަލަ ބެލެނިވެރިޔާ އާ ހިއްސާކުރާނީ ޖެންޑަރ މިނިސްޓްރީންނެވެ.

ރިޕޯޓް ކުރުމަށްފަހު ދަރިވަރަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭނެ ގޮތް:

ދަރިވަރަށް ސްކޫލުގެ ތެރެއިން އެހީތެރިކަން ފޯރުކޮށްދޭނެގޮތުގެ އަޕްޑޭޓް ޖެންޑަރ މިނިސްޓްރީން ހޯދުން އަދި ދަރިވަރަށް ބޭނުންވާ އެހީތެރިކަން އެޑިއުކޭޝަން މިނިސްޓްރީގެ ލަފަޔާއެކު ސްކޫލު ތެރެއިން ފޯރުކޮށްދޭނެ ޕްލޭނެއް އެކުލަވާލަން ޖެހެއެވެ. ސްކޫލު ކައުންސެލަރ މެދުވެރިކޮށް ދަރިވަރަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމާއި މައްސަލައިގެ ކުޑަބޮޑުމިނަށް ރިޢާޔަތްކޮށް އެހެން ފަރާތެއް މެދުވެރިކޮށް ދަރިވަރަށް ކައުންސެލިންގެ ހިދުމަތް ފޯރުކޮށްދެވޭނެ އިންތިޒާމް ހަމަޖެއްސަން ޖެހެއެވެ. ސްކޫލުގައި ކައުންސެލަރެއް ނުހުންނަ ކަމުގައިވަނީނަމަ ސްކޫލުން ކަނޑައަޅާ މުވައްޒަފަކު ދަރިވަރާ ބައްދަލުކޮށް ދަރިވަރަށް އެހީތެރިވެދިނުމަށް ސަޕޯޓް ޕްލޭނެއް މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ލަފާގެ މަތިން ތައްޔާރުކުރުމާއި އެކު ގާތުން ދަރިވަރު މޮނިޓަރކޮށް އިތުރަށް ފާހަގަކުރެވޭ ކަންބޮޑުވުންތައް ރިޕޯޓްކޮށް މައްސަލާގައި ކުރާ ހުރިހާ މަސައްކަތުގެ ކޭސްނޯޓްސް ޤަވައިދުން ބެލެހެއްޓަން ޖެހެއެވެ.
ދަރިވަރަށް އެހީތެރިކަން ބޭނުންވާ ކަމުގެ ޢަލާމާތްތައް:

ދަރިވަރުންގެ ރައްކާތެރިކަމާ ގުޅޭ ސިޔާސަތު ބަޔާންކޮށްފައިވާ ގޮތުން ދަރިވަރަށް އެހީތެރިކަން ބޭނުންވާ ޢަލާމަތްތަކުގެ ތެރޭގައި އަމިއްލަ ފުރާނައަށް ގެއްލުންދޭ އުޅޭކަމުގެ ވާހަކަދެއްކުމާއި އަމިއްލަ ނަފުސަށް އަނިޔާކޮށްފައިވާ ނިޝާންތައް ހުރުން ހިމެނެއެވެ. މީގެއިތުރުން އަމިއްލަ ނަފުސުގެ އަގުވަޒަންކުރުން، ތިމާއަކީ ބޭނުންތެރި މީހެއް ނޫންކަމަށާއި ތިމާއާ ހެދި އެހެންމީހުންނަށް އުނދަގޫވާ ކަމަށް ޤަބޫލުކުރުން ހިމެނެއެވެ. މުސްތަޤްބަލުގައި ކަންކަން ރަގަނޅުވާނޭކަމުގެ އުންމީދު ނެތުން ، އެކަނިވެރިކަމުގެ އިހުސާސްވުން ، އަމިއްލަ ނަފުސުގެ ސާފުތާހިރުކަން ނުބެލެހެއްޓުމުގެ އިތުރުން ކެއުން ބުއިމަށް ސަމާލުކަން ނުދިނުމާއި ރުޅިކޮންޓްރޯލް ނުކުރެވުން އަދި ސްކޫލަށް ހާޒިރުވާން ބޭނުން ނުވުން ނޫނީ ދިގު މުއްދަތަކަށް ދަރިވަރު ސްކޫލަށް ހާޒިރު ނުވުންވެސް ހިމެނެއެވެ.

އަމިއްލަ ނަފުސަށް އަނިޔާކުރުމުގެ ޢަމަލެއް ކުރުމުގެ ހިރާސް އިތުރު ކޮށްދޭ ކަންކަން:

ސްކޫލުތަކުން އަމަލުކުރާނެ އިޖުރާއަތު ބަޔާންކުރާ މި އުސޫލުގައި އަމިއްލަ ނަފުސަށް އަނިޔާކުރުމުގެ ޢަމަލެއް ކުރުމުގެ ހިރާސް އިތުރު ކޮށްދޭކަންކަން ބުނެފައިވާގޮތުން އަމިއްލަ ފުރާނައަށް ގެއްލުންވާ ފަދަ ޢަމަލެއްކޮށްފައިވުން ނަފުސާނީ ބައްޔެއް ހުރުން، (ޑިޕްރެޝަން، އެންޒައިޓީ، ޕީޓީއެސްޑީ ފަދަ ) ދިގުމުއްދަތަށް ބޭސްކުރަންޖެހޭ ޖިސްމާނީ ބައްޔެއް / ނުކުޅެދުންތެރިކަމެއް ހުރުމާއި އަދި އާއިލާގެ މެންބަރުންނާ ނުވަތަ ރަހުމަތްތެރިންނާ އޮން ގުޅުން ކުޑަވުން ހިމެނެއެވެ. އަޚްލާޤީ މައްސަލަތައް ގިނަވުމުގެއިތުރުން ނަފްސާނީ، ޖިސްމާނީ، ޖިންސީ އަނިޔާ ނުވަތަ މައިންބަފައިންގެ އިހުމާލު ދަރިވަރަށް ކުރިމަތިލާންޖެހުންވެސް ހިމެނެއެވެ. ސްކޫލުން ނުވަތަ ސްކޫލުން ބޭރުގައި ދަރިވަރަށް ހަނގާއާ ކުރިމަތިލާންޖެހުމެވެ.

ދަރިވަރުންނަށް ރައްކާތެރިކަން ލިއްބައިދިނުމުގައި ޢަމަލުކުރާނެ ސިޔާސަތުތައް ބަޔާންކުރާ އުސޫލް ގެ ދަށުން ސްކޫލުތަކުން ޢަމަލުކުރާނެ ގޮތުގެ އިޖުރާއަތްތައް އެޑިއުކޭޝަން މިނިސްޓްރީން އެކުލަވާލައި ސްކޫލުތަކަށް ޢަމަލުކުރަން އަންގަވާފައިވާއިރު މިކަމަށް ޢަމަލީ ސިފައެއް ލިބިގެންދާނީ ކަމާގުޅުންހުރި ސަރުކާރުގެ އިދާރާތަކާއި މުޖްތަމަޢުގެ ހުރިހާ ފަރަދުންގެ އެއްބާރުލުން ލިބިގެނެވެ. ނޫންނަމަ ޤަވާއިދުތަކާއި އިޖުރާއަތްތައް ހެދިޔަސް ލިބޭނެ މޮޅެއް ނެތެވެ.

ދަރިވަރުންގެ ރައްކާތެރިކަމާ ގުޅޭ މި ސިޔާސަތު ސްކޫލުތަކުގައި ރަނގަޅަށް ތަންފީޒު ކުރެވިއްޖެނަމަ ދަރިވަރުންގެ ކިޔެވުމާއި ތަޢުލީމީ ކުރިއެރުމަށް މުހިންމު ފިޔަވަޅުތަކެއްއެޅި ޖިސްމާނީ، ޖިންސީ އަދި ޞިއްޙީ ދުޅަހެޔޮކަމުގައި ތަޢުލީމު އުނގެނުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ހިޔާލު

ކިޔުންތެރިންގެ ޚިޔާލުތައް

  1. ސްކޫލުތަކުން އެބަޖެހޭ ބެލެނިވެރިންނަށް ތި ޤަވާޢިދުތައް ކިޔައިދީ އަޙްލުވެރ ކުރުވަން.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *