ހަނގާކުރުމާއި ފުރައްސާރައިގެ ތެރެއިން ފުރިހަމަކޮށްދިން ބައްޕަގެ ވަޞިއްޔަތް

އަހުމަދު ހާމީ

" އެންމެ ބޮޑު އުފަލަކީ ވެސް ކާމިޔާބަކީ ވެސް ބައްޕަގެ ވަޞިއްޔަތް ފުރިހަމަ ކުރެވުން. އަޅުގަނޑު ކައިރީގައި ބުނީ ރަނގަޅަށް ކިޔަވައި، މުޅި ސްކޫލުން އެއްވަނަ ހޯދުމަށް މަސައްކަތް ކުރާށޭ."

ހއ. އަތޮޅު މަދަރުސާއިން ފާއިތުވި އަހަރު އެންމެ މޮޅު ދަރިވަރު އައިޝަތު ޝައްފާ ޢަބްދުﷲގެ ބައްޕަ ނިޔާވީ، އެ ވަޝިއްޔަތް ކުރިތާ އެއް ދުވަސް ފަހުންނެވެ. ބައްޕަގެ ކުއްލި ވަކިވެ ދިއުމާއެކު، ޝައްފަގެ މަންމަގެ ރަށް، ހއ. ހޯރަފުށްޓަށް ކިޔެވުން ބަދަލުވިއެވެ. ހޯރަފުށީގައި ކިޔެވުމުގެ ބާކީ އޮތްބައި ކުރިޔަށް ގެންދިޔައީ ހއ.އަތޮޅު މަދަރުސާއިންނެވެ. އޭގެ ކުރިން ގްރޭޑް 7 ގެ ދެވަނަ ޓަރމްއާއި ހަމައަށް ޝައްފާ ކިޔެވީ ނައިފަރު މަދުރަސަތުލް އިފްތިތާޙުގައެވެ. މިއީ ޝައްފަގެ ބައްޕަގެ ވަޞިއްޔަތް ފުރިހަމަ ކުރަން ފެށި ދަތުރު ފެށިގެން އައިގޮތެވެ.

 

އެކުގައި ބައްޕަ ނެތުމުގެ ހިތްދަތި ކަމާއެކުވެސް ޝައްފާގެ ޢަޒުމަކަށްވީ ކުޑަ އިރުއްސުރެ ދެކެމުން އައި އެންމެ މޮޅު ދަރިވަރަކަށްވުމުގެ ހުވަފެން ހަގީގަތަކަށް ހެދުމަށް ގަދައަޅައި މަސައްކަތް ކުރުމެވެ. އެންމެ ސިކުންތެއް ބޭކާރު ކޮށްނުލައި ބޭނުންހިފީ އެކަމަށެވެ. ޝައްފާގެ މިއުންމީދުތައް ހާސިލް ކުރުމުގައި ކަޑައްތު ކުރަން ޖެހުނީ ވަރަށް އުނދަގޫ ހިތްދަތި ދުވަސްތަކަކާއެވެ. އެކުގައި އުޅުނު ބައެއް ކުދިންގެ ފަރާތުންނާއި ބެލެނިވެރިއެއްގެ ފަރާތުން، ޝައްފާއަށް ތަފާތު ހިތްދަތި އުނދަގޫތަކާ ކުރިމަތިލާން ޖެހުނެވެ. ފުރައްސާރައާ ބަދު ބަސްތައް އޭނާ އާ ދިމާލަށް އުކަމުން ދިޔައެވެ. އެކަނި ހުންނައިރާއި މަންމައާއި އެކުގައި ހުންނައިރުއެވެ.

"ވަކި ކަމެއް އޮވެގެންނެއް ނޫން. ކުރިއެރުމަށް ވެސް ހުރަސް އަޅަން މަސައްކަތް ކުރި. ސްކޫލުގެ މަގާމުތައް ދޭން ނުޖެހޭނެއޭ ކިޔައިފައި ވެސް އެއްޗެހިކީ. ސްކޫލު ދޮރުމަތިންނާ ކުލާސް ތެރެއިންވެސް ދިމާކުރި. އެވަރަށް ދިމާކުރަން ފެށުމުން އިތުރު ހަރަކާތްތަކުގައި ބައިވެރިވާ ހިތެއްވެސް ނުވި. މަގާމަކަށް ކުރިމަތިލާން ވެސް ފޫހިވި. ކިޔެވުމުގެ ޚިޔާލު ދޫކޮށް އެންމެ ފަހުން ސްކޫލުން ކެނޑިގެން ދާންވެސް އުޅުނިން."

ސްކޫލްގެ އެތެރެއިންނާއި ބޭރުން ކުރިމަތިވި މިފަދަ އެތައް ދުއްތުރާތަކަށް ކެތްކުރީ އެންމެ މަޤޞަދަކަށްޓަކައެވެ. ނުވާނެއޭ ހިތާ އެތައް ފަހަރަކު ފަހަތަނަށް ޖެހިލައެވެ. އެކަމަކު މި ހުރިހާ ކަމެއްގެ ތެރެއިންވެސް ހިތްވަރު އާވަނީ ބައްޕަގެ ވަޞިއްޔަތް މަތިން ހަނދާން ވުމުންނެވެ.

 

ޝައްފާގެ މި އުނދަގޫ ވަގުތު، އާއިލާ މީހުންނާ ކިޔަވައިދިން ޓީޗަރުންނާ އަދި ޕްރިންސިޕަލްގެ ނުހަނު އެއްބާރުލުމާ އަޅާލުން ލިބިގެންދިޔައެވެ. ޕްރިންސިޕަލް ވެސް ވަކިން ބައްދަލުކޮށް ނަސޭހަތް ދިނެވެ. އެ އެންމެންގެ ހެޔޮ ބަސްތަކުގެ ސަބަބުން ޝައްފާ އަށް ވަރަށްބޮޑު ހިތްވަރެއް ލިބިގެން ދިޔައެވެ. އުންމީދާ އެކީ އަސްލު ބޭނުންވާ ކާމިޔާބަށް އެއަށްވުރެ ބުރަކޮށް މަސައްކަތް ފެށިއެވެ.

ގޮންޖެހުންތަކާ އެކު ކުރި މި ގަދަފަދަ ދަތުރުން އަލިވެލީ ކުޑައިރުއްސުރެ އުންމީދު ކުރި ނަތީޖާއިންނެވެ. ލޯބިވާ ބައްޕަގެ ވަޞިއްޔަތް ފުރިހަމަ ވެގެންނެވެ. ފުރައްސާރައާ ގަނާ ކުރުމުގެ ތެރެއިން މާތްﷲ މިންވަރު ކުރެއްވެވި ފޮނި ކާމިޔާބުންނެވެ. އާދެ، 2020-2021 ވަނަ އަހަރުގެ ހއ.އަތޮޅު މަދަރުސާގެ ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރުގެ މަގާމު ހޯދައިގެންނެވެ. ރާއްޖޭގެ އެންމެ ގަދަ 10 އެއްގެ 6 ވަނައިގައި ޝައްފާ ހިމެނުނެވެ.

އޯލެވެލް އަށް ތައްޔާރުވުމުގެ ގޮތުން ވަކި ތާވަލެއް ހަދައިގެން ކިޔެވުން ކުރިއަށް ގެންދިޔަ ޝައްފާ ވަކި ހިސާބަކުން، ރޭގަނޑުގެ ބޮޑު ބައެއް ވެސް ކިޔެވުމުގައި ހޭދަކުރިއެވެ. އިތުރު ހަރަކާތްތަކުގައި ބައިވެރިވުމީ އަބަދުވެސް ޝައްފާ ކުރާ ހިތްވާ ކަމެކެވެ. ކިޔެވި ދުވަސްވަރު ސްކޫލުގައި އޮތް ގިނަ ހަރަކާތްތަކުގައި ޝައްފާ ބައިވެރިވެފައިވެއެވެ. އެގޮތުން ދިވެހި އަދި އިނގިރޭސި ހަފުތާ ތަކުގައި އޮންނަ ވާހަކަ ދެއްކުމާ ބަހުސް މުބާރާތްތަކާ، ސުވާލު މުބާރާތްތަކާ، ޕެއަރ ޕްރެޒެންޓޭޝަން ފަދަ މުބާރާތްތަކުގައި ވެސް ބައިވެރިވެފައިވެއެވެ. ޕެއަރ ޕްރެޒެންޓޭޝަންގެ މުބާރާތުން ޖެހިޖެހިގެން 3 ފަހަރު ބެސްޓް ޕްރެޒެންޓަރގެ މަގާމު ލިބުނެވެ. އަދި ބަހުސްއާއި ވާހަކަ ދެއްކުމުގެ މުބާރާތް ތަކުގައި ވެސް އެންމެ މޮޅު ދަރިވަރުގެ ގޮތުގައި ޓީޗަރުން ފާހަގަކޮށްފައިވެއެވެ.

 

ގައިނެކޮލޮޖީގެ ދާއިރާއިން ކުރިޔަށް ދިޔުމުގެ ހުވަފެން ދެކޭ ޝައްފާއަށް މިލިބުނު ކާމިޔާބީގައި އެންމެ ބޮޑު ޝުކުރެއް އަދާކުރަން ބޭނުންވަނީ، މަންމައާއި މަންމަ އެއްބަނޑު ޢާއިލާގެ އެންމެންނަށެވެ. ބޭނުންވާ ކޮންމެ ކަމެއް ކޮށްދިނުމުގައި މަންމައާ އެފަރާތްތަކުން ޝައްފާއަށް އެހީތެރިކަން ފޯރުކޮށްދިނެވެ. ވަގުތުން ސްކޫލުގެ ކަންކަން ހަމަޖައްސައި ދިނުމުގައި ވެސް އުޅުނީ އެމީހުންނެވެ. ބައްޕަ ފަރާތު އާއިލާއިން ވެސް، ކައިރީގައި ނެތަސް ޝައްފާ ބޭނުންވާ ކަންކަމުގައި އެދުމުން ފުރިހަމަކޮށްދެއެވެ. ސްކޫލާ ޓީޗަރުންގެ ފަރާތުންވެސް ވެދެއްވި އެހީތެރި ކަން ފާހަގަކޮށް،އެ އެންމެނަށްވެސް ޝައްފާ ޝުކުރު އަދާކުރިއެވެ.

ކިޔަވައި ކުދިންނަށް ދޭން އޮތް ނަސޭހަތެއްގެ ގޮތުގައި ޝައްފާ ފާހަގަކުރީ ކިތަންމެ ދައްޗަކާ ހުރަހަކާ ކުރިމަތިވިޔަސް، އުންމީދު ކަނޑާނުލައި މަސައްކަތް ކުރުމުން ކާމިޔާބު ހާސިލްވާނެ ކަމެވެ. އަދި މީހުން ކިޔާހާ އެއްޗަކާ އުނދަގޫތަކާ ކުރިމަތިލައި އެކަމުން ހިތްވަރު އެލުވާނުލައި ކުރިޔަށް ދިޔުމަށް ވިސްނުމަށެވެ.

 

"އެކުގައި އުޅޭ ކުދިންނާ އެހެން މީހުންގެ ފަރާތުން ތިމާގެ ކަންތައްތަކާ ބެހި ގަނާކޮށް ކަންތައްތައް ކުރިޔަސް ޑީމޯޓިވޭޓް ނުވާށޭ. އެމީހުންގެ މަގުސަދަކީ އެއީއޭ. އެމީހުންގެ މަގުސަދު ހާސިލުވިޔަ ނުދޭށޭ. ޓީޗަރުން ކުށްވެރި ނުކުރާށޭ. ސްކޫލު ކުށްވެރި ނުކުރާށޭ. އެއީ އެކަންކުރާ ކުދިންގެ މައްސަލައޭ. ރަނގަޅު ރައްޓެހިންނާ ޓީޗަރުންގެ އެހީ ހޯދައިގެން ކުރިއަށްދާށޭ."

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *