އަނިޔާލިބޭ ކުދިންގެ ޙައްޤުތައް ކަށަވަރު ކުރުމަށް އިސްކަންދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ގޮވާލައްވައިފިއެވެ.
"ޕޮލިސް ކޮންފަރެންސް އޮން ވަޔަލެންސް އަގެއިންސްޓް ޗިލްޑްރަން: ޕްރިވެންޝަން، ޕްރޮޓެކްޝަން އެންޑް އިންވެސްޓިގޭޝަން" ފެށުމަށް ކްރޮސްރޯޑްގައި ބޭއްވެވި ރަސްމިއްޔާތުގައި ފަޒުނާ ވިދާޅުވީ،
ކުޑަކުދިންނަށް ކުރާ އަނިޔާތައް ހުއްޓުވުމުގައާއި، އެކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގައި ކޮންމެ މީހަކު ވެސް އަމިއްލަޔަށް އަދާކުރަންވީ ދައުރާއި، މުއައްސަސާގެ ފަރާތުން އަދާކުރަންވީ ދައުރަކީ ކޮބައިކަން ދެނެގަންނަންޖެހޭ ކަމަށެވެ. ކަމާގުޅޭ ހުރިހާ މުއައްސަސާތަކެއް ގުޅިގެން، ރަނގަޅަށް މުއާމަލާތްކޮށްގެން އެފަދަ އަނިޔާއެއް ލިބިފައިވާ ކުދިންގެ ޙައްޤުތައް ކަށަވަރު ކުރުމަކީ އެންމެ އިސް ކަންތައް ކަމުގައި ދެކިގެން ކުރިޔަށް ދާންޖެހޭ ކަމަށް އެކަމަނާ ވިދާޅުވިއެވެ.
ތިން ދުވަހުގެ މުއްދަތައް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި ކޮންފަރެންސަކީ މޯލްޑިވްސް ޕޮލިސް ސަރިވިސަސްއާއި ޔުނިސެފް މޯލްޑިވްސް އިން ގުޅިގެން ކުރިޔަށް ގެންދާ ކޮންފަރެންސެކެވެ. މި ކޮންފަރެންސްގެ މައިގަނޑު ބޭނުމަކީ ކުޑަކުދިންނާ ގުޅޭގޮތުން ހުރި ޤާނޫނުތަކަށް ފުލުހުންގެ ހިންގުމުގެ ދާއިރާގެ ބޭފުޅުން އަހުލުވެރިކުރުމާއި، ކަމާގުޅޭ ފަރާތްތަކާއެކު މަޝްވަރާކުރުމަށްފަހު ކުރިޔަށް އޮތް 18 މަސްދުވަހަށް އެކްޝަން ޕްލޭނެއް ތައްޔާރުކުރުމުގައި އިސްކަންދޭންވީ ކަންކަން ދެނެގަނެ އެ އެކްޝަން ޕޭލޭންތައް ތައްޔާރުކުރުމެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހުރިއްޔާގެ އަނބިކަނބަލުން ވަނީ ވަކި ވަކި މުއައްސަސާތަކުން ކުޑަކުދިންގެ މައްސަލަތަކުގައި ޢަމަލުކުރާގޮތުން، މުޖުތަމަޢުގެ މެދުގައި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގައި ރާއްޖޭއިން ގެންގުޅޭ ނިޒާމާ ދޭތެރޭ އޮންނަ އިތުބާރު ކުޑަވާކަމަށާއި، ކުޑަކުދިންގެ މައްސަލަތައް ބެލުމުގައި ވަކި ވަކި މުއައްސަސާތަކުން ބޭނުންވާ ކަންކަމުގެ ކުރިޔަށް އެކުދިންގެ ރައްކާތެރިކަން އިސްކޮށް ހުރިހާ މުއައްސަސާތަކުންވެސް އެ އަމާޒަށް ވާސިލުވުމަށް މަސައްކަތްކުރުމަށް ގޮވާލައްވާފައެވެ. އަދި، އެކަމަނާ ވަނީ ކުޑަކުދިންގެ ކަންކަން ބެލުމުގައި ރާއްޖެއަކީ އިންސާނީ ވަޞީލަތް މަދު ޤައުމެއްކަމުން މިފަދަ ކަންކަމުގައި ލިބެން ހުރި ވަޞީލަތެއްގެ ބޭނުން ހެޔޮގޮތުގައި ހިފޭނީ ކަމާބެހޭ މުއައްސަސާތަކުން ގުޅިގެން މަސައްކަތްކުރުމުންކަމަށް ފާހަގަކުރައްވާފައެވެ.
advertisment
ހިޔާލު