ފަހި ދުވަހާއެކު، ޤައުމީ ޔުނިވަރސިޓީން ކޯސްތަކަށް ކުރިމަތިލުމުގެ ފުރުޞަތު މިއަދު ހުޅުވާލައިފިއެވެ.
އެމްއެންޔޫގެ 10 ފެކަލްޓީއަކުން 89 ކޯހަކުން ކުރިއަށް ދިއުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ. ހުޅުވާލި ކޯސްތަކުގެ ތެރޭގައި ހިމެނެނީ ސެޓްފިކެޓް ލެވެލް ތިނަކުން ފެށިގެން މާސްޓާސް ޑިގްރީގެ ކޯސްތަކެވެ. ހުޅުވާލި ކޯސްތަކުގެ ޖުމްލަ ޖާގައިގެ އަދަދަކީ 5615 ކަމަށް އެމްއެންޔޫއިން ބުނެއެވެ.

އެމްއެންޔޫއިން ބުނީ، ނާސިން ފަދަ ކޯސްތަކަށް މެރިޓް އުޞޫލުން ނެގި ނަމަވެސް، އެހެން ކޯސްތަކަށް ކުދިން ނަގާނީ ފޯމް ހުށަހަޅާ ތަރުތީބުން ކަމަށެވެ. މި އަހަރު އަލަށް ފަށާ ދެކޯހަކީ ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ އިން ހަޔާ އެޑިއުކޭޝަންއާއި އޮކިއުޕޭޝަނަލް ހެލްތު އެންޑް ސޭފްޓީ ކޯހެވެ. ޑިޕްލޮމާ އިން ހަޔާ އެޑިއުކޭޝަން ކޯސް އެ ޔުނިވަރސިޓީގެ މުވައްޒަފުންނަށް ޚާއްޞަކުރި ނަމަވެސް އާންމުކޮށް ހުޅުވާލަން މިހާރު ވަނީ ނިންމާފައެވެ. އެ ކޯސް ޚާއްޞަ ވަނީ އެޑިޔުކޭޝަން ދާއިރާގައި މަސައްކަތްކުރައްވާ ކިޔަވައިދިނުމުގެ ތަޖުރިބާ ނެތް މުވައްޒަފުންނަށެވެ.

އެމްއެންޔޫއިން ބުނީ، ކޯސްތަކަށް ކުރިމަތިލާނެ ސުންގަޑިއަކީ ޖުލައި މަހުގެ 28 ކަމަށެވެ. ކިޔެވުން ފަށާނީ އޮގަސްޓް މަހުގެ ސާދަ ވަނަ ދުވަހުއެވެ.
އެމްއެންޔޫއިން ބުނީ، ކޯސްތަކާބެހޭ އެންމެ ފަހުގެ މައުލޫމާތާއި، ފޯމް ފުރުމަށް ބޭނުންވާ އެހީތެރިކަން މިހާރު ކުރިއަށް ގެންދާ ފަހި ދުވަހުގެ ސްޓޯލްތަކުން ލިބެން ހުންނާނެ ކަމަށެވެ. މިރޭ 10 ޖަހަންދެން ފަހި ދުވަހުގެ ހަރަކާތްތައް ކުރިއަށްދާނެއެވެ.
advertisment
ހިޔާލު