ސުލޫކުން، އަޅުގަނޑު މި މާނަކުރަނީ، ދަރިވަރުން ކިލާހުގައި އުޅޭ ގޮތް ނުވަތަ ޢަމަލުތައް ހުންނަ ގޮތަށެވެ. ކިލާހުގެ ވެށި ނުވަތަ މާހައުލު ވަކި ހަމަތަކެއްގެ މަތީގައި ހިފެހެއްޓިފައިވާ ގޮތަށެވެ. ސުލޫކު ހިފެހެއްޓުމަކީ، މުދައްރިސެއްގެ ކިބައިގައި ހުންނަންޖެހޭ އަސާސީ ހުނަރެކެވެ. ކޮންމެ މުދައްރިސަކުވެސް އަހުލުވެރިވާން ބޭނުން ފޭޑި (ކަންތައް ކުރުމާއި، އުޅުމުގެ ވައްޓަފާޅި) އެކެވެ. މިހެން މި ދެންނެވީ، މި ހުނަރު ނެތް މުދައްރިސަކަށް ކިތަންމެ މޮޅު ސަނަދެއް ލިބިފައި ވިއަސް، ކިލާސް ކޮންޓްރޯލު ނުކުރެވޭނަމަ، އޭނާ ދަންނަ އެއްޗެއް ދަރިވަރުންނަށް އޮޅުން ފިލުވާދޭނޭ ފުރުޞަތެއް ނުލިބޭނެތީ އެވެ. އޭނާ އަބަދުވެސް މަޝްޣޫލުވެގެން އުޅެން ޖެހޭނީ ކޮންމެވެސް ކުދިންތަކެއްގެ ސަކަރާތުގެ ކަންތައްތައް ހަމަޖައްސާށެވެ. ވަގުތުތައް ދާނީ ކިލާހުގައި ޝަރީޢަތް ކުރުމަށެވެ. ކިޔަވައިދިނުން ލަސްކުރަންޖެހޭނީ ކިލާހުގެ އަޑު މަޑުވަންދެންނެވެ. މާގިނަ ހިނދެއް ނުވެ ދެން އިވޭނީ ގަޑި ނިމޭ ރަނގަބީލުގެ އަޑެވެ.
މިއާ ޚިލާފަށް ރަނގަޅަށް ކިލާސް ކޮންޓްރޯލް ކުރަން ދަންނަ މުދައްރިސަކަށް ކާމިޔާބު ކަމާ އެކު ކިޔަވައި ދެވޭނެއެވެ. މުދައްރިސް ދަންނަ އެއްޗެހި ދަރިވަރުންނަށް ފަސޭހަކަމާއެކު އޮޅުންފިލުވައިދެވޭނެއެވެ. އަދި ދަރިވަރުންނަށް އެ އެއްޗެއް ފަސޭހަކަމާ އެކު ދަސްވާނެެއެވެ. ކިޔަވައިދޭން ފަސޭހަވެ، ކިޔަވައިދިނުމުން ލިބޭ އުފާ ބޮޑުވާނެ އެވެ.

އިހު ބުނެވުނު ސަބަބުތަކާ ހެދި، ކިލާސް ވަކި ހަމަތަކެއްގެ މަތީގައި ހިފެހެއްޓުމަކީ ކޮންމެހެން ބޭނުން ކަމެކެވެ. ކިލާހުގެ ސުލޫކު، ހިފަހައްޓާ މީހަކީ މުދައްރިސެވެ. އެހެނީ ކިލާހެއްގެ ދޮރުމަތިން ހިނގާއިރު، ކޮންމެ ހެޑްމާސްޓަރަކަށް އަދި ކޮންމެ ސުޕަވައިޒަރަކަށް ވެސް ތަޖުރިބާ ކުރެވޭނީ ހަމަ އެއް ކިލާހެއްގެ ކުދިން، އެކި މުދައްރިސުންގެ ގަޑީގައި ސުލޫކު ހުންނަނީ އެކި ގޮތަށް ކަމަށެވެ. ބައެއް މުދައްރިސުންގެ ގަޑީގައި ކުދިން ޝައުޤުވެރިކަމާއެކު ކިޔަވައެވެ. ބައެއް މުދައްރިސުންގެ ގަޑީގައި ކިލާހުގެ އަޑުގަދަކަމުން ޖެހިގެން އޮންނަ ކިލާހުގެ މުދައްރިސުންނަށް އުނދަގޫވާހާ ވެއެވެ. ނަމަވެސް، ކިލާހަކީ އެއް ކިލާހެވެ. މިހެންކަމުން، ކިލާހުގެ ސުލޫކު ބަލަހައްޓާ މީހަކީ މުދައްރިސްކަން ކަށަވަރު ވެއެވެ.
ހެޑްމާސްޓަރުންނަށާއި ސްޕަވައިޒަރުންނަށް ފާހަގަ ކުރެވޭ އަނެއް ކަމަކީ، ބައެއް މުދައްރިސުން ވަޒީފާގެ ފުރަތަމަ ދުވަސްވަރު، ކިލާސް ކޮންޓްރޯލް ނުކުރެވުނަސް، ދުވަސްކޮޅެއްގެ ތެރޭގައި އެ މުދައްރިސުންގެ ގަޑިތަކަކީ ނަމޫނާ ގަޑިތަކަކަށް ހަދާ ކަމެވެ. މިކަމުން ދޭހަވަނީ ކިލާސް ކޮންޓްރޯލު ކުރާނެ ގޮތަކީ މީހުން ދަސްކުރާ ކަމެއް ކަމެވެ. އެއީ އެމީހާއަށް އުފަންވާއިރު ޠަބީޢީ ގޮތުން ދެއްވައިފައިވާ ހުނަރެއް ނޫން ކަމެވެ.
އިސްވެ ދެންނެވުނު ބުރުހާނުތަކުން، މި މަޒުމޫނު ކިޔުއްވާ ކޮންމެ މުދައްރިސަކަށް ވެސް އުއްމީދު އައު ކުރެއްވިދާނެއެވެ. ތިމާއަކީ މިހާރުވެސް ކިލާސް ރަނގަޅަށް ކޮންޓްރޯލު ކުރައްވާ ބޭފުޅެއްނަމަ، އެކަމުގެ މުހިއްމު ކަމެވެ. އެ ހުނަރު އިތުރަށް ތަރައްޤީކުރައްވަން ބޭނުންފުޅު ނަމަ، އެކަން ކުރެއްވިދާނެ ކަމުގެ ޔަޤީން ކަމެވެ. ތިމާގެ ކިލާސްތަކުގެ ސުލޫކާ މެދު، ފާޑުކިޔަނިވި ގޮތަކަށް ފިކުރު ކުރެއްވުމަށް ފަހު، މި ހުނަރު ތޫނު ކުރެއްވުމުގެ ޤަޞްދެވެ. އާދެ! ކޮންމެ ކަމެއް ވެސް ކުރުމަށް ހިތުލައި ޢަޒުމް ކަނޑައެޅުމަކީ އެކަން ކާމިޔާބުވުމުގެ ދެބައިކުޅަ އެއްބައެވެ.
ކިލާހުގެ ސުލޫކު ހިފަހައްޓާނީ ކިހިނަކުންތޯ އެވެ؟ ޝައްކެތް ނެތެވެ. މިކަން ކުރާނޭ ގޮތްތައް މުދައްރިސުންގެ ޢަދަދުހާ ގިނަވާނެއެވެ. އެއީ ކާމިޔާބު ކޮންމެ މުދައްރިސެއްގެ ގާތުގައި، އޭނާ ކިލާސް ކޮންޓްރޯލު ކުރަމަށް ބޭނުން ކުރާ ގޮތްތަކަކީ ކޮބައިތޯ އަހައިފި ނަމަ، ތަފާތު އެތައް ޖަވާބެއް ލިބޭނެއެވެ. އެފަދަ ކޮންމެ ގޮތަކީ ވެސް އެހެން މުދައްރިސުން، އަޖުމަބެލުމަށް އެގޮތްތަކާ މެދު ވިސްނުމަށް ރަނގަޅު ކަންތައްތަކެވެ. މި މަޒުމޫނުގައި އަޅުގަނޑު ބަލައިލާނީ ބައެއް ފޮތްތަކާއި އަމިއްލަ ތަޖުރިބާއިން ދަސްވެފައިވާ ކިލާސް ކޮންޓްރޯލުކުރުމުގައި ކާމިޔާބު ބައެއް އުޞޫލުތަކަށެވެ. މިއިން ކޮންމެ ގޮތަކީ، ކޮންމެ މުދައްރިސަކަށް ވެސް ރަނގަޅު، ކޮންމެ ޙާލަތެއްގައި ވެސް ބޭނުންކުރެވޭނޭ ހުނަރުތަކެއްކަމަށް ދަޢުވާއެއް ނުކުރަމެވެ.
އާދެ! ބަލިބަލިން ރައްކާތެރިވުން، ބަލިޖެހުމަށް ފަހު ބޭސްކުރުމަށް ވުރެ ރަނގަޅުކަމަށް ހުރިހާ އެންމެންވެސް ޤަބޫލު ކުރެއެވެ. ކިލާހުގެ ކޮންޓްރޯލު ދިއުމަށް ފަހު، އެއަނބުރާ ހޯދައިގަތުމަކީ ދަތިކަމެކެވެ. އެހެންކަމުން، މައްސަލައެއް ދިމާނުވާގޮތް ހެދުމަކީ މައްސަލައެއް ޖެހުމަށް ފަހު، އެކަން ރަނގަޅު ކުރުމަށް ވުރެ މުހިއްމު ކަމެކެވެ.
އަޅުގަނޑުގެ ތަޖުރިބާގައި، ކިލާހުގެ ސަކަރާތް އެންމެ ބޮޑުވާ ވަގުތަކީ، ގަޑި ބަދަލުވާ ވަގުތެވެ. އެއް މުދައްރިސަކު ކިލާހުން ނުކުމެ އަނެއް މުދައްރިސަކު ވަނުމާއި ދޭތެރޭގައި ހޭދަވާ ވަގުތެވެ. މި ވަގުތަށް ފަރުވާތެރިވުމަކީ، ވަރަށް މުހިއްމު ކަމެކެވެ. ތިމާގެ ގަޑި ޖެހުމުން ވީހާ އަވަހަށް ކިލާހަށް ވަނުމަކީ ކޮންމެހެން ބޭނުން ކަމެކެވެ. އަޅުގަނޑު މަދަރުސާތަކުގައި ކިޔަވައިދިން އިރު، ހުސް ގަޑިއެއް އޮތް ނަމަ، ޖެހިގެން އޮންނަ ގަޑި ފެށެން އެއް މިނެއްޓަށް ވާއިރަށް އެ ގަޑި އޮންނަ ކިލާހުގެ ކުރިމައްޗަށް އަޅުގަނޑު ދަމެވެ. މިކަމުން، ކިލާހުގައި ކިޔަވައިދޭން ހުންނަ މުދައްރިސަށް ކޮންމެވެސް ވަރެއްގެ ނުތަނަވަސް ކަމެއް ފުރަތަމަ ކޮޅުގައި އިޙްސާސް ކުރެވުނަސް ދާދި އަވަހަށް ތިމާގެ ގޮތަށް އެހެން މުދައްރިސުން ފަރިތަވެއެވެ. މިހެން ކަންތައްތައް ކުރުމުން ސަކަރާތް ޖަހަން ދަރިވަރުންނަށް ދެވޭ ފުރުޞަތު ކުޑަވެއެވެ. އެންމެ ރަނގަޅު ކަމަކީ ކިލާހުގެ ކުދިންނަށް މުދައްރިސް އަންނަނީ ކިޔަވައިދޭ ހިތުންކަން ޤަބޫލުކުރެވޭ ކަމެވެ. އަދި މުދައްރިސް ކިޔަވައިދޭ މާއްދާއަށް އެކުދިން ހުންނަ ޝައުޤު އިތުރުވާ ކަމެވެ. މި ތަޖުރިބާތަކާ ގުޅިގެން މުދައްރިސުންގެ ކަންތައްތައް ސުޕަވައިޒުކުރަން ޖެހުމުން، ކޮންމެ މުދައްރިސަކު ވެސް ގަޑިފެށުމާ އެކު ވީހާ އަވަހަށް ކިލާހަށް ވަނުމަށް އަޅުގަނޑު ބާރު އެޅީމެވެ. އަޅުގަނޑަށް ޤަބޫލު ކުރެވޭ ގޮތުގައި ކުޑަކުދިންނަށް ސަކަރާތް ގަންނާނޭ ފުރުޞަތު ދީފިނަމަ، އެކުދިން އެކަން ކުރާނެއެވެ. އެއީ ޢުމުރުފުރާގެ ކުދިންގެ ޠަބީޢަތެވެ.
( ނުނިމޭ )
advertisment
ހިޔާލު